މާލޭސިޓީގެ ގެއެއްގެ ތެރެއިން ނިޔާވެފައި އޮތް މީހަކު ފެނިއްޖެއެވެ.
މޯލްޑިވްސް ޕޮލިސް ސަރވިސް އިން ބުނި ގޮތުގައި ގުލާބީ މަގުގައި ހުރި ގެއެއްގެ ތެރޭގައި ހަބަރު ހުސްވެފައި އޮތް މީހަކު އޮތް ކަމުގެ ރިޕޯޓް ލިބިފައިވާކަމަށާއި އެމީހާ އައިޖީއެމް ހޮސްޕިޓަލަށް ގެންދެވުނު އިރުވެސް ނިޔާވެފައި ވާކަމަށް ހޮސްޕިޓަލުން މަޢުލޫމާތު ދެއްވާފައިވާކަމަށެވެ.
ފުލުހުން އިތުރަށް ބުނީ ނިޔާވެފައި އޮއްވާ ފެނުނު މީހާއަކީ މއ. ހުދު އަކިރި އަބްދުﷲ ހަސަން (53އ) އެވެ.
އަދި މީގެ އިތުރުން ނިޔާވެފައި އޮތް މީހާގެ ހަށިގަނޑުގެ ބޭރުފުށުން އެއްވެސް އަނިޔާއެއް ލިބިފައިވާކަމުގެ ނިޝާނެއް ފެންނަން ނެތް ކަމަށް ހޮސްޕިޓަލުން މަޢުލޫމާތު ދެއްވާފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން ގެންދަނީ މިމައްސަލަ އިތުރަށް ތަހުޤީޤު ކުރަމުން ކަމުގައި ފުލުހުންގެ މީޑިއާ ގްރޫޕަށް ފޮނުވި މެސެޖެއްގައި ބުނެފައިވެއެވެ.