އޯޒޯން ފަށަލައިގައި ހެދިފައިވާ ބޮޑު ބާގަނޑާއި އޭގެ ސަބަބުން ދުނިޔެއަށް ކުރަމުންދާ އަދި ކުރާނެ ކަމަށް ޔަޤީންވާ ނޭދެވޭ އަސަރުތަކުގެ ވާހަކައަކީ ފާއިތުވީ 40 އަކަށް އަހަރުތެރޭ އެންމެ ގިނައިން ދެކެވުނު އެއް ވާހަކައެވެ. އޯޒޯން ފަށަލައިގައި ހެދިފައިވާ ބާގަނޑުގެ ސަބަބުން ދުނިޔޭގެ މޫސުމަށް އަންނާނެ ނުރަނގަޅު ބަދަލުތަކާއި ދުވަހެއް ދުވަހަކަށް ދުނިޔެ ހޫނުވެ މޫސުމީ އެތަކެއް ކާރިސާތަކާއި ކުރިމަތިލާންޖެހޭނެކަމަކީ ރާއްޖޭގެ މަދަރުސާތަކުގައިވެސް ކިޔަވައިދެވުނު މުހިއްމު ވާހަކަތަކެކެވެ. ނަމަވެސް މިހާރު އޯޒޯން ފަށާލައިގެ ވާހަކަ ވަރަށް ފަނޑުވެއްޖެއެވެ. ތިމާވެއްޓާއި ބެހޭ ބޮޑެތި ކޮންފަރެންސްތަކުގައިވެސް "އޮޒޯން ބާގަނޑު" ގެ ވާހަކަ ނުދެކެވޭކަން ފާހަގަވާން ފަށައިފިއެވެ. އޯޒޯން ފަށަލައިގައި ހެދުނު ބާގަނޑު ބެދުނީ ހެއްޔެވެ؟ ނުވަތަ އެއީ އޮޅުމެއް ނުވަތަ ދޮގެއް ބާވައެވެ؟
އޯޒޯން ފަށަލާގައި ބާގަނޑެއް ހެދިފައިވާކަން ފުރަތަމަ ހޯދީ ސައިންސްވެރިޔަކީ ޖޮނަތަން ޝޭންކްލިން އެވެ. 1970 ގެ އަހަރުތަކުގެ ފަހުކޮޅު، ސައިންޓިސްޓް ޖޮނަތަން ވަނީ އެންޓާކްޓިކާގައި އޯޒޯންގެ މިންވަރު ދަށްވަމުންދާކަން ދުނިޔޭގެ ސަމާލުކަމަށް ގެނެސްފައެވެ. މިއީ ދުނިޔޭގެ ތިމާވެށީގެ ތާރީޚުގައި ވަރަށް މުހިންމު ހޯދުމެކެވެ. އެހިސާބުން ސައިންވެރިން އޯޒޯން ފަށަލައަށް ވަމުންދާގޮތް ވަރަށް ގާތުން ބަލަން ފެށިއެވެ.
މިގޮތުން 1984 ވަނަ އަހަރާ ހަމައަށް އައިއިރު، އޯޒޯން ފަށަލައިގެ ބޯމިނުގެ ތިންބައިކުޅަ އެއްބައި ތުނިވެފައިވާކަން ސައިންވެރިންނަށް އެނގުނެވެ. މިހޯދުމުގެ ސަބަބުން މުޅި ދުނިޔެއަށާއި ސައިންސްވެރިންގެ މެދުގައިވެސް ވަރަށް ބޮޑަށް ކަންބޮޑުވުން އުފެދުނެވެ. ސަބަބެއް ނެތިއެއްވެސް ނޫނެވެ. ގުދުރަތީ ގޮތުން އުފެދިފައިވާ އޮޒޯން ފަށަލަ ނެތިގެން ދިޔުން ނުވަތަ ބާގަނޑެއް ހެދި، އެ ބާގަނޑު ބޮޑު ވެއްޖެނަމަ އިންސާނުންނަށް އަދި ދުނިޔެއަށް ފޫނުބެދޭނެ އެތައް ގެއްލުމެއް ކުރިމަތިވާނެތީއެވެ.
1985 ގައި، ސައިންސްވެރިޔާ ޝޭންކްލިން އަދި އޭނާގެ ޓީމުން އޯޒޯން ފަށަލައަށް ގެއްލުންލިބޭ ގޮތް ތަފްސީލުކޮށް ހޯދިއެވެ. އެ ޓީމުން ކުރި ދިރާސަތަކުން ދައްކާ ގޮތުގައި އޯޒޯން ފަށަލައަށް އެންމެ ގެއްލުން ލިބެނީ ސީއެފްސީ (ކްލޯރޯފްލޯރޯކާބަން) ގޭހެއްގެ ސަބަބުންނެވެ. މި ގޭހަކީ އިންސާނުން އުފައްދާ އެކި މެޝިނަރީތަކުން ބޭރުކުރާ ވިހަ ގޭހެކެވެ. ޝޭންކްލިންގެ ޓީމުން ހޯދި ހޯދުމުގެ ސަބަބުން ތިމާވެށި ރައްކާތެރިކުރުމުގެ މަސައްކަތަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދިޔައެވެ.
އޯޒޯން ފަށަލާގައި ބާގަނޑެއް ހެދި ދުނިޔެ ނުރައްކަލަށް ހުށަހެޅިފައިވާކަން ބޮޑެތި ވިޔަފާރިތަކާއި އިންޑަސްޓްރިއަލިސްޓުން ޤަބޫލުކުރަން ބޭނުމެއް ނުވިއެވެ. 1985 ގައި ސީއެފްސީތަކުން އޯޒޯނަށް ގެއްލުން ލިބިދާނެކަމަށް އިންޒާރުދިން ނަމަވެސް، އެ ދުވަސްވަރު ގިނަ ބަޔަކު މިކަން ޤަބޫލެއް ނުކުރިއެވެ. ޚާއްޞަކޮށް، ސީއެފްސީ އުފައްދާ ކުންފުނިތަކުން ބުނީ އެމީހުންގެ އުފެއްދުންތައް ރައްކާތެރިކަމަށެވެ. މިއީ އިޤްތިޞާދީ މަޞްލަޙަތުތަކާއި ތިމާވެށީގެ ރައްކާތެރިކަމާ ދެމެދު އޮންނަ ފުށުއެރުމުގެ ރަމްޒެކެވެ. މީގެ ނަތީޖާއެއްގެ ގޮތުން އދ.ގެ އެކި ގޮފިތައް އިސްވެ ތިބެ، އޯޒޯން ފަށަލައިގެ މައްސަލައަށް ޢާއްމުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަކެއް މުޅި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިންގަން ފެށިއެވެ.
އޯޒޯން ބާގަނޑުގެ ވުޖޫދުވާކަން ދުނޔޭގެ ގިނަ ބަޔަކަށް ޔަޤީންކުރެވުނު ހިނދު، މުޅި ދުނިޔޭގައިވެސް އޯޒޯން ފަށަލަ ހިމާޔަތް ކުރެވެން ހުރި ކަންކަން ބަލައި އެކަންކަމަށް އަވަސް ވެގަތެވެ. ޚާއްޞަކޮށް ހަމުގެ ކެންސަރު ފަދަ ސިއްޙީ ނުރައްކާތަކާމެދު ބިރުވެރިކަން އުފެދިފައިވުމުން އެކަންކަން ހަޤީޤަތަކަށް ވުމުގެ ބިރުވެރިކަން ޢާއްމުންނާއި ސަރުކާރުތަކާއި ބައިނަލްއަގުވާމީ ޖަމިއްޔާތަކުގެ މެދުގައި އިތުރުވިއެވެ. މި ކަންބޮޑުވުންތަކުގެ ނަތީޖާއެއްގެ ގޮތުން، ދުނިޔޭގެ މެޖޯރިޓީ ސަރުކާރުތަކުން އެއްބަސްވީ މި މައްސަލަ ހައްލުކުރުމަށް އެކުގައި މަސައްކަތްކުރަށެވެ. މި ނިންމުމަކީ އެއްކަމަކަށް ލިބިގެންދިޔަ ބައިނަލްއަޤްވާމީ އެއްބާރުލުމުގެ ވަރަށް މުހިންމު މިސާލެކެވެ.
އޯޒޯން ފަށަލަ ހިމާޔަތް ކުރުމަށް ދުނިޔޭގެ ފެންވަރުގައި ކުރެވުނު އެންމެ މުހިއްމު މަސައްކަތަކީ 1987 ގައި އެކުލަވާލެވުނު މޮންޓްރިއަލް ޕްރޮޓޮކޯލެވެ. މި މުޢާހަދާގެ މައިގަނޑު މަޤްޞަދަކީ ސީއެފްސީ ފަދަ އޯޒޯން ފަށަލައަށް ގެއްލުންދޭ ކެމިކަލްތައް ބޭނުންކުރުން ހުއްޓުވުމެވެ. މި މުޢާހަދާގެ ކާމިޔާބީ ފާހަގަ ނުކޮށް ދޫކޮށްލެވޭ ވަރަށްވުރެ ބޮޑެވެ. 2009 އަށް އައިއިރު، ސީއެފްސީ ފަދަ ގިނަ ވިހަ ގޭސްތަކާއި ކެމިކަލްތައް އުފެއްދުމާއި ބޭނުންކުރުން ދުނިޔޭގެ ގިނަ ޤަމުތަކުގައި ވަނީ ކޮންޓްރޯލްކުރެވިފައެވެ. މީގެ ސަބަބުން މިލިއަނުން ގުނަމުންއައި ސިއްޙީ މައްސަލަތައް ހުއްޓުވުމަށް ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެންދިޔައެވެ.
މޮންޓްރިއަލް ޕްރޮޓޮކޯލްއަކީ އދ. ގެ ހުރިހާ ޤައުމަކުން ސޮއިކޮށް ތަސްދީގުކުރި ފުރަތަމަ މުޢާހަދާއެވެ. ދިވެހިރާއްޖެއިން މި މުއާހަދާގައި ސޮއިކޮށް ތަސްދީގު ކުރީ 1989 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައެވެ.
ދުނިޔޭގެ ހުރިހާ ޤައުމަކުން ބައިވެރިވީ ނަމަވެސް މި މަސައްކަތުގައި ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހުނެވެ. މިގޮތުން 2018 ގައި، ދުނިޔޭގެ ކުރިއަރާފައިވާ ބައެއް ޤައުމުތަކުގެ ބައެއް ފެކްޓަރީތަކުން ޤާނޫނާއި މުޢާހަދާއާއި ޚިލާފަށް ސީއެފްސީ ބޭރުކުރަމުންދާކަން ފަޅާއެރިއެވެ. މީގެ އިތުރުން، "އެޗްއެފްސީ" ފަދަ އާ ގެއްލުންދޭ ކެމިކަލްތައް ކޮންޓްރޯލްކުރުމަށްޓަކައި މުޢާހަދާއަށް އެތައް ފަހަރަކު ބަދަލުގެންނަން ޖެހުނެވެ. މި ކެމިކަލްތަކަކީ ދުނިޔެ ހޫނުވުމަށް މަގުފަހިކުރާ ބާވަތްތައް ކަމަށްވާތީ، މިއީ ކުރިމަތިވި އިތުރު ކަންބޮޑުވުމެކެވެ.
މިހާރުގެ ޙާލަތާއި ކުރިމަގުގެ ނުރައްކާތައް
އޯޒޯން ބާގަނޑުގެ ވާހަކައަކީ ދުނިޔޭގެ ޤައުމުތައް އެއްބައިވެ މަސައްކަތްކޮށްފިނަމަ ބޮޑެތި ތިމާވެށީގެ މައްސަލަތައް ޙައްލުކުރެވިދާނެކަމުގެ ހެއްކެކެވެ. ނަމަވެސް، މިކަމުގައި ދެމިތިބުމާއި އަބަދުވެސް ވިސްނުންތެރިކަމާއެކު ޢަމަލުކުރުން މުހިންމެވެ. އަޅުގަނޑުމެންގެ ދަރިންނަށް ރައްކާތެރި، ދުޅަހެޔޮ މާޙައުލެއް ދޫކޮށްދިނުމަށްޓަކައި މިއަދު އަޅުގަނޑުމެން ކުރާ މަސައްކަތް ވަރަށް މުހިންމެވެ.
އޯޒޯން ބާގަނޑު ބެދުނު ނަމަވެސް މީގެ 60 ވަރަކަށް އަހަރު ކުރިން ފާހަގަވި އެމައްސަލައަށްވުރެ މާގިނަ ތިމާވެށީގެ މައްސަލަތައް މިއަދު ދުނިޔެ އާއި ކުރިމަތިވެއްޖެއެވެ. ގުދުރަތީ ކާރިސާތައް ގިނަ ވެއްޖެއެވެ. ދުނިޔޭގެ މޫސުން އޮޅުންބޮޅުން ވެއްޖެއެވެ. މިހުރިހާ މައްސަލަތަކަށް ވެސް ހައްލެއް ހޯދަން ކުރަން އޮތް އެންމެ މުހިއްމު އެއްކަމަކީ ގައުމުތައް ގުޅިގެން އެކުގައި މަސައްކަތް ކުރުމެވެ.