އުރީދޫ މޯލްޑިވްސް އިން މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ހާއްސަ، އާންމު ޖަލްސާއެއް އަންނަ މަހު ބާއްވަން ނިންމައިފި އެވެ.
އުރީދޫ އިން ބުނީ މި ޖަލްސާ ބާއްވަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ 15 ވާ ބުރާސްފަތި ދުވަހުގެ ރޭ 8:00 ގައި ކަމަށެވެ. ޖަލްސާ ބާއްވާނީ މޯލްޑިވްސް ސެކިއުރިޓީސް ޑިޕޮސިޓަރީ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްއެސްޑީ) ގެ އޮންލައިން ޖެނެރަލް މީޓިން މެނޭޖްމަންޓް ސިސްޓަމް ކަމުގައިވާ "ފަހިވޯޓު" މެދުވެރިކޮށް ކަމަށް އުރީދޫން ބުނެފައިވެއެވެ.
އުރީދޫއިން ބުނިގޮތުގައި މި ޖަލްސާގައި ބައިވެރިވެވޭނީ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހުގެ ރޭ 8:00 އާ ހަމައަށް ޖަލްސާގައި ބައިވެރިވުމަށް އެދި، އެމްއެސްޑީގެ އޮންލައިން ސިސްޓަމް "އިންފިނިޓީ" މެދުވެރިކޮށް ރެޖިސްޓަރ ކުރާ ފަރާތްތަކަށް އެކަންޏެވެ.
އުރީދޫ މޯލްޑިވްސްގެ ހިއްސާދާރެއްގެ ގޮތުގައި މިދިޔަ މަހުގެ 27 ވަނަ ދުވަހުގެ މެންދުރުފަހު 2:00 ގެ ކުރިން ރެޖިސްޓަވެފައިވާ ފަރާތްތަކަށް ޖަލްސާގައި ބައިވެރިވެވޭނެ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ. އަދި މި ޖަލްސާގެ އެޖެންޑާ އައިޓަމްތަކަށް ވޯޓުލާއިރު، އަމިއްލައަށް ނުވަތަ ޕްރޮކްސީ މެދުވެރިކޮށް ބައިވެރިވާ ފަރާތްތަކަށް، އެ ފަރާތްތަކަށް ލިބިފައިވާ ކޮންމެ ހިއްސާއަކަށް 1 ވޯޓު ލިބޭނެ އެވެ. އަދި ވޯޓިން ކުރިއަށް ގެންދާނީ އިލެކްޓްރޯނިކް (އީ-ވޯޓިން) ކޮށެވެ.
އޭގެއިތުރުން މި ޖަލްސާގައި ބައިވެރިވުމަށް ޝަރުތު ހަމަވާ ހިއްސާދާރުން، ޖަލްސާގައި ބައިވެރިވާން ބޭނުންވާ ނަމަ "އިންފިނިޓީ" މެދުވެރިކޮށް ރެޖިސްޓަކުރުމަށް (ޕްރީ-ރެޖިސްޓަރ ކުރުމަށް ނުވަތަ ޕްރޮކްސީއެއް އައްޔަންކުރުމަށް އަދި އައްޔަންކޮށްފައިވާ ޕްރޮކްސީ ބާތިލުކުރުމަށް) އުރީދޫން އެދިފައިވެއެވެ.