ތުހުމަތުތަކަކާ ގުޅިގެން އިމިގްރޭޝަންގެ ފަސް މުވައްޒަފެއްގެ މައްސަލަ ފުލުހުން މެދުވެރިކޮށް ބަލަމުން އަންނަ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓަރު އަލީ އިހްސާން ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިކަން ހާމަކުރައްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މޯލްޑިވްސް އިމިގްރޭޝަން ގެ 5 މުވައްޒަފުން ޤާނޫނާއި ޤަވާއިދުތަކާއި ޚިލާފަށް ބިދޭސީންނާއި ގުޅުންހުރި ބައެއްކަންކަންކޮށް، އެކި ފަރާތްތަކުން ނަހަމަގޮތުގައި ފައިސާ ހޯދަމުންދާކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގެ މަޢުލޫމާތު ލިބިފައިވާ ކަމަށާއި އެ މައްސަލަ ފުލުހުން މެދުވެރިކޮށް ތަހުގީގު ކުރެވެމުން އަންނަ ކަމަށެވެ. އަދި މި ފަސް މުވައްޒަފުންގެ އިލެކްޓްރޯނިކް ސާމާނު ހިފަހައްޓައި ދިރިއުޅޭ ތަންތަން ބަލައި ފާސްކޮށްފައި ވާ ކަމަށް ވެސް ވިދާޅުވިއެވެ.
މިމައްސަލައިގެ އިތުރު ތަފްސީލުތައް ތަހުޤީގު ކުރިއަށްދާވަރަކުން ފުލުހުނާއި ކަމާއިބެހޭ އެހެން އިދާރާތައްގުޅިގެން ހާމަކުރަމުންދާނެ ކަމަށާއި ދައުލަތުގެ މުއައްސަސާތަކުގެ އިތުބާރު ގެއްލިދާނެފަދަ ކަންކަމުން ބަރީއަވެ ތިބުމަށް އެއްމެހާ ފަރާތްތަކަށް ތަކުރާރުކޮށް ދަންނަވާ ކަމަށް ވެސް މިނިސްޓަރުގެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.
އޭގެ އިތުރުން މިނިސްޓަރު ވިދާޅުވީ ޔުނީފޯމުއެޅި މުއައްސަސާތަކުގެ ތެރޭގައިތިބެ ޔުނިފޯރމުގެ ހުރުމަތްކަނޑާ، ރައްޔިތުންގެ ކުރިމަތީ މުއައްސަސާތަކުގެ އިތުބާރުގެއްލުވަމުންދާ ފަރާތްތަކާ ދޭތެރޭ ޤާނޫނީގޮތުން އެޅޭ އެއްމެ ހަރުކަށިފިޔަވަޅު އެޅުމަކީ ރައީސް ޑރ.މުހައްމަދު މުއިއްޒު އަންގަވާފައިވާކަމެއް ކަމަށާއި މިފަދަ ކަންކަމަކީ މިސަރުކާރުން އެއްވެސް ވަރަކަށް ތަހައްމަލު ކުރާނެ ކަންކަމެއްނޫން ކަމަށެވެ.