ދުނިޔޭގައި އެންމެ ހަރުކަށި ގާނޫނެއްގެ ގޮތުގައި ބެލެވޭ، 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ ބޭނުންކުރުން މަނާކުރާ ބިލެއް އޮސްޓްރޭލިއާގެ ސެނެޓުން ފާސްކޮށްފިއެވެ. މި ބިލު ތަންފީޒުކުރަން ފަށާނީ މަދުވެގެން 12 މަސް ދުވަހުގެ ތެރޭގައެވެ.
"މިއީ ދުނިޔޭގެ މައްސަލައެއް. އަޅުގަނޑުމެން ބޭނުންވަނީ އޮސްޓްރޭލިއާގެ ޒުވާނުންނަށް ކުޑަކުދިންގެ ދައުރު ހޭދަކުރެވޭ ގޮތް ހެދުމަށް. އަޅުގަނޑުމެން ބޭނުންވަނީ މައިންބަފައިންނަށް ހިތްހަމަޖެހުން ލިބިދިނުމަށް،" ބޮޑުވަޒީރު ވިދާޅުވިއެވެ.
ބުރާސްފަތި ދުވަހުގެ ރޭ ސެނެޓުން މި ބިލު ފާސްކުރުމާ ގުޅިގެން، އިޞްލާޙުތައް ފާސްކުރުމަށް އަނބުރާ ގާނޫނު ހަދާ މަޖިލީހުގެ ތިރިގެއަށް ފޮނުވާނެއެވެ. ސަރުކާރަށް ގާނޫނު ހަދާ މަޖިލީހުގެ ތިރިގޭގެ އަޣުލަބިއްޔަތު އޮތުމާއެކު، މި ބިލު ގާނޫނަކަށް ވެގެންދާނެކަން ޔަގީނެވެ.
ކުޑަކުދިންގެ ސޯޝަލް މީޑިއާ ބޭނުންކުރުން ހަނިކުރުމަށް ދުނިޔޭގެ އެކި ޤައުމުތަކުން މަސައްކަތްކުރަމުން ދިޔަ ނަމަވެސް، އޮސްޓްރޭލިއާގެ މި އައު ގާނޫނަކީ މިހާތަނަށް އެންމެ މަތީ އުމުރު ހައްދެއް ކަނޑައަޅާފައިވާ ގާނޫނެވެ. މީގެ ކުރިން ސޯޝަލް މީޑިއާ ބޭނުންކުރަމުން އައި ކުދިންނަށް އަދި މައިންބަފައިންގެ ހުއްދަ ލިބިގެން ބޭނުންކުރާ ކުދިންނަށް ވެސް މި ގާނޫނުގައި އިސްތިސްނާއެއް ދީފައެއް ނުވެއެވެ. މި ގާނޫނު ވުޖޫދަށް އައުމުގެ ކުރިން ވެސް، އޮސްޓްރޭލިއާގެ ސަރުކާރުން ވަނީ ސޯޝަލް މީޑިއާގެ ނޭދެވޭ އަސަރުތަކުން ކުޑަކުދިން ރައްކާތެރިކުރުމަށް އެކި ފިޔަވަޅުތައް އަޅަމުން ގެންގޮސްފައެވެ. ނަމަވެސް މި އައު ގާނޫނަކީ އެންމެ ހަރުކަށި އަދި ފުޅާ ދާއިރާއެއްގައި އަމަލުކުރެވޭނެ ގާނޫނު ކަމުގައި ބެލެވެއެވެ.