ގެވެށި އަނިޔާއަކީ ގެވެށި ގުޅުމަކުން ގުޅިގެންވާ މީހުންގެ ތެރެއިން އެކަކު، އެ ގުޅުމުގައި ހިމެނޭ އަނެކާގެ ނުވަތަ އަނެކުންގެ ރައްކާތެރިކަމަށް ނުވަތަ ޞިއްޙަތަށް ނުވަތަ ދުޅަހެޔޮ ދިރިއުޅުމަށް ގެއްލުމެއް ލިބޭފަދަ ނުވަތަ އެފަދަ ގެއްލުމެއް ލިބިދާނެކަމުގެ ބިރު އިޙްސާސްވާފަދަ ކަމެއް ކުރުމެވެ. މީގެތެރޭގައި ޖިސްމާނީ އަނިޔާކުރުމާއި ޖިންސީގޮތުން އަނިޔާކުރުމާއި ބަހުގެ ހަމަލާދިނުމާއި ނަފްސާނީގޮތުން އަނިޔާކުރުމާއި މާލީގޮތުން ނުވަތަ އިޤްތިޞާދީގޮތުން ދަތިކުރުން ހިމެނެއެވެ.
އޭގެ އިތުރުން މެޑިކަލް ޑޮކްޓަރެއްގެ ލަފާ ލިބިފައިވަނީ، އަނބިމީހާ ވަކި މުއްދަތެއްގެ ކުރިން މާބަނޑު ނުކުރުމަށްކަމުގައިވީ ނަމަވެސް، އަނބިމީހާގެ ޞިއްޙަތަށް ބެލުމެއްނެތި މާބަނޑުކުރުމާއި އަނިޔާވެރި ކައިވެންޏަކުން ދުރުވާން މަސައްކަތްކުރާ އަންހެނާގެ ރުހުމާ ދެކޮޅަށް އޭނާ މާބަނޑުކުރުމާއި މީހެއްގެ މުދާ އެ މުދަލުގެ ވެރިފަރާތަށް ބޭނުން ނުކުރެވޭނެފަދަ ގޮތަކަށް ގަސްދުގައި ހިފެހެއްޓުމާއި ބިރުދެއްކުމާއި ގޯނާކުރުމާއި ފާރަލުމާއި މުދަލަށް ގެއްލުންދިނުމާއި އެއްގޭގައި ދިރިއުޅޭ ދެމީހުންކަމުގައިނުވާ ޙާލަތްތަކުގައި، ގެވެށި އަނިޔާގެ ޝިކާރައަކަށްވީ މީހާ ދިރިއުޅޭ ގެއަކަށް، ކަނޑައެޅިގެން ސާފުބަހުން އޭނާގެ ހުއްދަ ލިބިގެން މެނުވީ، ވަނުން ނުވަތަ ވަދެހުރުމާއި މިނޫންވެސް ގެވެށި އަނިޔާގެ ޝިކާރައަކަށްވީ މީހާގެ މައްޗަށް ބާރު ފޯރުވުމަށް ނުވަތަ އެނޫންވެސް އަނިޔާވެރި ޢަމަލެއްކަމަށް ބެލެވިދާނެ އެއްވެސްކަމެއް ކުރުންމާއި މީހެއްގެ އަމިއްލަ އިޚްތިޔާރު އޮތްނަމަ، އޭނާ ކުރަން ބޭނުންނުވާނެ ކަމެއް، ނުވަތަ އަމިއްލަ އިޚްތިޔާރުގައި އޭނާ އަމިއްލައަށް ނުކުރާނެ ކަމެއް އޭނާ ލައްވާ ގަދަކަމުން ކުރުވުން، ނުވަތަ ބިރުދައްކައިގެން ކުރުވުން، ނުވަތަ ބާރުގެ ބޭނުންކޮށްގެން ކުރުވުމާއި މީހެއްގެ ނުރުހުމުގައި އޭނާ ތަނެއްގައި ބަންދުކުރުން، ނުވަތަ އޭނާގެ އަމިއްލަ އިޚްތިޔާރުގައި އެއްތަނުން އަނެއްތަނަށް އައިސްގޮސް ނުހެދޭނެގޮތް ހެދުން، ނުވަތަ އޭނާގެ އަމިއްލަ އިޚްތިޔާރުގައި ދަތުރުފަތުރުކޮށް، ހިނގާބިނގާވެނޫޅެވޭގޮތް ހެދުމަކީ ވެސް ގެވެށި އަނިޔާގެ ތެރޭގައި ހިމެނޭ ކަންކަމަވެ.
އިސްވެދިޔަ އެއްވެސް ބާވަތެއްގެ ކަމެއް ކުރަން އުޅުން ނުވަތަ ހިންގަން އުޅުން ނުވަތަ އެފަދަ ޢަމަލެއް ހިންގަފާނެކަމުގެ ބިރު މީހެއްގެ ހިތުގައި އުފެއްދުމަށް ގެވެށި އަނިޔާގެ ޢަމަލެއް ހިނގަމުންދާ މަންޒަރު ކަނޑައެޅިގެން ގަސްދުގައި ކުޑަކުއްޖަކަށް ދެއްކުން ނުވަތަ އަޑުއިއްވުން، ނުވަތަ އެފަދަ ޢަމަލެއް ފެންނާނެ ނުވަތަ އަޑުއިވޭނެ ޙާލަތަކަށް ކުޑަކުއްޖަކު ގެންދިޔުން ނުވަތަ ހުށަހެޅުން ކަމަށް ގާނޫނުގައި ބަޔާންކޮށްފައި އެބައޮތެވެ.
2012 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ގެވެށި އަނިޔާއިން ރައްކާތެރި ކުރުމަށް ހާއްސަ ގާނޫނަކަށް އަމަލު ކުރަމުން އައި ނަމަވެސް ފާއިތުވި އަހަރު ރާއްޖޭގައި 500 އަށްވުރެ ގިނަ ގެވެށި އަނިޔާގެ މައްސަލަ ރިޕޯޓު ކޮށްފައި ވެއެވެ. މީގެ ތެރެއިން 70 އިންސައްތަ އަކީ އަންހެނުންނަށް ކުރެވޭ އަނިޔާއެވެ. 20 އިންސައްތަ އަކީ ކުޑަކުދިންނަށް ކުރެވޭ އަނިޔާއެވެ. އަދި 10 އިންސައްތަ އަކީ ދުވަސްވީ މީހުންނަށް ކުރެވޭ އަނިޔާއެވެ. ނަމަވެސް، ގެވެށި އަނިޔާގެ ގިނަ މައްސަލަތައް ރިޕޯޓުނުކުރެވި ފޮރުވިފައި ހުންނަ ކަމަށް ލަފާކުރެވެއެވެ. އެހެންކަމުން ތަފާސް ހިސާބުތަކަށް ހަމައެކަނި ބަލައިގެން ގެވެށި އަނިޔާ ތަހައްމަލް ކުރަމުން ގެންދާ މީހުންގެ އަސްލު އަދަދު ބުނެދެވިދާނެ ކަމަކަށް ގަބޫލެއް ނުކުރެވެއެވެ.
ގެވެށި އަނިޔާގެ މައްސަލަތައް އިތުރުވުމަށް މެދުވެރިވާ ކިތަންމެ ސަބަބެއް ހުރެއެވެ. އޭގެތެރެއިން އެންމެ ބޮޑު އެއްމައްސަލައަކީ މަސްތުވާތަކެތީގެ މައްސަލައެވެ. މަސްތުވާތަކެތީގެ ނުރައްކާތެރި ވަބާއަކީ މުޖުތަމަޢުގައި ވަރަށް ބޮޑަށް ފެތުރިފައިވާ ބަލިމަޑުކަމެކެވެ.
މަސްތުވާތަކެތީގެ ބޭނުންކުރާ މީހުންގެ ކިބައިގައި އާންމުކޮށް ފެންނަ އެއް ސިފައަކީ އަމިއްލަ ނަފްސަށް ކޮންޓްރޯލް ގެއްލުމެވެ. މިކަމުގެ ސަބަބުން، އެމީހުންގެ ޢާއިލާތަކުގައި ހިނގާ ކުދިކުދި މައްސަލަތައް ވެސް ބޮޑެތި މައްސަލަތަކަށް ބަދަލުވެ، ގެވެށި އަނިޔާގެ ޢަމަލުތައް ހިންގުމަށް މަގުފަހިވެގެންދެއެވެ. މަސްތުވާތަކެތި ބޭނުންކުރާ މީހާގެ ސިކުނޑިއަށް އަންނަ ބަދަލުތަކުގެ ސަބަބުން، އޭނާގެ ޢަމަލުތައް ހުންނަނީ އެހެން މީހުންނަށް ގެއްލުން ލިބޭ ގޮތަށެވެ. މިކަމުގެ ސަބަބުން ޢާއިލާގެ މެންބަރުންނަށް ޖިސްމާނީ އަދި ނަފްސާނީ ގޮތުން ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބެއެވެ. މަސްތުވާތަކެތި ގަތުމަށް ބޮޑެތި ޚަރަދުތަކެއް ކުރަން ޖެހުމުގެ ސަބަބުން، ޢާއިލާގެ އަސާސީ ބޭނުންތައް ފުއްދުމަށް ދަތިވެ، މިކަމުގެ ސަބަބުން ޢާއިލާގެ މެންބަރުންގެ މެދުގައި މައްސަލަތައް އުފެދި، އަނިޔާވެރި ޢަމަލުތައް ހިންގުމަށް މަގުފަހިވެގެންދެއެވެ. މަސްތުވާތަކެތީގެ ވަބާގެ ސަބަބުން ގެވެށި އަނިޔާ އިތުރުވެގެން ދިއުމަކީ މުޅި މުޖުތަމަޢުއަށް ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމެކެވެ. މިކަމުގެ ސަބަބުން ކުޑަކުދިންނަށް ރަނގަޅު ތަރުބިއްޔަތެއް ލިބުމަށް ހުރަސްއެޅި، ޢާއިލާތައް ރޫޅި، މުޖުތަމަޢުގެ ބިންގާ ބަލިކަށިވެގެންދެއެވެ.
ޢާއިލާއަކީ މުޖުތަމަޢުގެ އެންމެ އަސާސީ ބިންގަލެވެ. ޢާއިލާގެ މެންބަރުންގެ މެދުގައި އޮންނަ ގުޅުމަކީ ވަރަށް މުހިންމު އަދި ނާޒުކު ގުޅުމެކެވެ. ނަމަވެސް، މިއަދު ޢާއިލީ ގުޅުންތައް ބަދަހިކުރުމަށް ސަމާލުކަން ދިނުން ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. މިއީ ވަރަށް ކަންބޮޑުވާންޖެހޭ ކަމެކެވެ. ޢާއިލީ ގުޅުންތައް ބަދަހިކުރުމަށް ސަމާލުކަން ކުޑަވުމުގެ ސަބަބުން ދިމާވާ އެންމެ ނުރައްކާތެރި އެއް ނަތީޖާއަކީ ގެވެށި އަނިޔާއަށް މަގުފަހިވުމެވެ. ޢާއިލާގެ މެންބަރުންގެ މެދުގައި މުޢާމަލާތްކުރުން މަދުވެ، އެކަކު އަނެކަކަށް އިޙްތިރާމް ކުރުން ކުޑަވެ، އެކަކު އަނެކަކުގެ މައްސަލަތަކާއި ކަންބޮޑުވުންތަކަށް ސަމާލުކަން ނުދެވޭ ހިނދު، ފަސޭހައިން ޢާއިލާގެ ތެރޭގައި ހިތްހަމަނުޖެހުންތަކާއި ޚިޔާލު ތަފާތުވުންތައް އުފެދެއެވެ. މިފަދަ ހާލަތްތަކުގައި، ބައެއް ފަހަރު މައްސަލަތައް ޙައްލުކުރުމަށް ހަރުކަށި އުސޫލުތައް ބޭނުންކުރެވި، އެކަން ގެވެށި އަނިޔާއަށް ވާސިލުވުމަކީ އެކަށީގެންވާ ކަމެކެވެ.
އިންސާނާގެ ހަށިގަނޑަކީ ވަރަށް ނާޒުކު އަދި އެއާއެކު ވަރަށް ވަރުގަދަ އެއްޗެކެވެ. ނަމަވެސް، އެކި ކަހަލަ އަނިޔާތަކުގެ ސަބަބުން ހަށިގަނޑަށް ލިބޭ ގެއްލުންތަކަކީ ބައެއް ފަހަރު ދާއިމީ ނުކުޅެދުންތެރިކަމަކަށް މަގުފަހިވެގެންދާ ކަމެކެވެ. މިފަދަ ޖިސްމާނީ ގެއްލުންތައް ލިބެނީ ގިނަ ފަހަރު އެކްސިޑެންޓްތަކާއި، ކުޅިވަރުތަކުގައި އަދި މަސައްކަތުގެ މާޙައުލުގައި ކަމުގައި ވިޔަސް، އެންމެ ހިތާމަވެރި ގޮތުގައި ޖިސްމާނީ ގެއްލުން ލިބެނީ ގެވެށި އަނިޔާގެ ސަބަބުންނެވެ.
ގެވެށި އަނިޔާގެ ސަބަބުން ޖިސްމާނީ ގެއްލުން ލިބޭ ގޮތްތައް ވަރަށް ގިނައެވެ. މީގެ ތެރޭގައި ތަޅައި އަނިޔާކުރުމާއި، ގަދަކަމުން ގުނަވަންތައް ވަކިކުރުމާއި، އެކި ވަސީލަތްތައް ބޭނުންކޮށްގެން ހަށިގަނޑަށް ގެއްލުން ދިނުން ހިމެނެއެވެ. މިފަދަ އަނިޔާތަކުގެ ސަބަބުން އަނިޔާ ލިބޭ ފަރާތްތަކަށް ކުދި ބޮޑެތި އެތައް ޒަޚަމްތަކެއް ލިބި، ބައެއް ފަހަރު ދާއިމީ ނުކުޅެދުންތެރިކަމަށް ވެސް ދާންޖެހެއެވެ.ގެވެށި އަނިޔާގެ ސަބަބުން އޭގެ ޝިކާރައަކަށްވާ މީހުންގެ މަސައްކަތުގެ އުފެއްދުންތެރިކަން ދަށްވެއެވެ. މިކަމުގެ ސަބަބުން، އެ މީހުންގެ ވަޒީފާގެ ފުރުޞަތުތައް ގެއްލި، އާމްދަނީ ދަށްވެ، އަދި ބައެއް ފަހަރު ވަޒީފާ ގެއްލުމާ ހަމައަށް ވެސް ދެއެވެ. މިއީ ހަމައެކަނި އެ ފަރުދަކަށް ލިބޭ ގެއްލުމެއް ނޫނެވެ. މުޅި ޤައުމުގެ އުފެއްދުންތެރިކަމަށް ވެސް މިކަމުގެ ސަބަބުން ނޭދެވޭ އަސަރު ކުރެއެވެ. ދެވަނަ ކަމަކަށް، ގެވެށި އަނިޔާގެ ސަބަބުން ޞިއްޙީ ޚިދުމަތްތަކަށް ކުރާ ޚަރަދު އިތުރުވެއެވެ. ޖިސްމާނީ އަދި ނަފްސާނީ ގޮތުން ލިބޭ ގެއްލުންތަކަށް ފަރުވާ ހޯދުމަށް ބޮޑެތި ޚަރަދުތަކެއް ކުރަން ޖެހެއެވެ.
ގެވެށި އަނިޔާއިން މުޖުތަމައު ސަލާމަތް ކުރަން ނިކުންނައިރު ކުރެވެން އޮތީ ކޮންކަމެއްތޯ ވިސްނާލުން އެއީ ކޮންމެހެން ކުރަން ޖެހޭ ކަމެކެވެ. ގެވެށި އަނިޔާއާ ދެކޮޅަށް ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްތައް ހިންގުމަކީ ވަރަށް މުހިންމު ކަމެކެވެ. މިގޮތުން، ސްކޫލްތަކާއި، އިދާރާތަކާއި މުޖުތަމަޢުގެ އެކި ދާއިރާތަކުގައި ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްތައް ހިންގިދާނެއެވެ،. މީގެ އިތުރުން، މީޑިއާގެ ޒަރީޢާއިން ގެވެށި އަނިޔާގެ ނޭދެވޭ އަސަރުތަކާއި، އެކަން ހުއްޓުވުމަށް އެޅިދާނެ ފިޔަވަޅުތަކާ ބެހޭ މަޢުލޫމާތު ފެތުރުމަކީވެސް ކުރެވޭނެ ކަމެކެވެ. މިފަދަ ޕްރޮގްރާމްތަކުގެ ސަބަބުން، މުޖުތަމަޢުގެ ހުރިހާ ފަރުދުންނަށް ގެވެށި އަނިޔާގެ ނުރައްކާތެރިކަން އިހުސާސްކުރެވި، އެކަން ހުއްޓުވުމަށް އެންމެން ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން ވިސްނި، އެކަމާ ދެކޮޅަށް އަޑުއުފުލުމަށް ހިތްވަރު ލިބިގެންދާނެއެވެ.
ގެވެށި އަނިޔާއާ ގުޅޭ ޤާނޫނުތައް ހަރުދަނާކޮށް، އަދަބުތައް ހަރުކަށިކުރުމަށްޓަކައި ގިނަ ބަދަލުތަކެއް ގެންނަން ޖެހިފައިވެއެވެ. މިގޮތުން، މިހާރު އޮންނަ ޤާނޫނުގައި ކަނޑައެޅިފައިވާ އަދަބުތައް އިތުރަށް ހަރުކަށިކޮށް، ޖަލު ޙުކުމްތަކުގެ މުއްދަތު އިތުރުކުރަންޖެހެއެވެ. އަދި ތަކުރާރުކޮށް ކުށްކުރާ ފަރާތްތަކަށް ޚާއްޞަ އަދަބުތަކެއް ކަނޑައަޅައި، ކުށްވެރިންނަށް ރިހެބިލިޓޭޝަން ޕްރޮގްރާމްތަކުގައި ބައިވެރިވުން މަޖުބޫރުކުރުމުން ވެސް އެކަށީގެންވާ ނަތީޖާއެއް ފެނިގެންދެއެވެ. މީގެއިތުރުން، ގެވެށި އަނިޔާގެ ޝިކާރައަކަށްވާ ފަރާތްތަކަށް ދޫކުރެވޭ ވަގުތީ ރައްކާތެރިކަމުގެ އަމުރުތައް އަވަހަށް ދޫކުރެވޭނެ ނިޒާމެއް ޤާއިމުކޮށް، ޝަރީޢަތުގެ މަރުޙަލާ އަވަސްކުރުމަށް ޚާއްޞަ އުޞޫލުތަކެއް ކަނޑައަޅަންޖެހެއެވެ. އަނިޔާ ލިބޭ ފަރާތްތަކަށް އެކަށީގެންވާ ބަދަލެއް ލިބިދިނުމަށް ޤާނޫނުގައި ކަނޑައެޅުމާއެކު، ހެކިބަސް ދޭ ފަރާތްތަކަށް ޚާއްޞަ ރައްކާތެރިކަމެއް ދިނުމާއި، ކުޑަކުދިންގެ ހެކިބަސް ނެގުމަށް ޚާއްޞަ އުޞޫލުތަކެއް ކަނޑައެޅުމަކީވެސް މުހިންމު ކަންކަމެވެ. މިފަދަ އިޞްލާޙުތަކެއް ގެނައުމުން، ގެވެށި އަނިޔާއާ ގުޅޭ ޤާނޫނުތައް އިތުރަށް ހަރުދަނާވެ، މި ކުށްތައް މަދުކުރުމަށް މަގުފަހިވެގެންދާނެއެވެ.
ގެވެށި އަނިޔާއާ ދެކޮޅަށް އަޑުއުފުލުމަކީ މުޖުތަމަޢުގެ ހޭލުންތެރިކަން އިތުރުކޮށް، މިފަދަ ނޭދެވޭ ޢަމަލުތައް ހުއްޓުވުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ. މިގޮތުން، ގެވެށި އަނިޔާއާ ދެކޮޅަށް ބޭއްވޭ ހަރަކާތްތަކުގައި ބައިވެރިވެ، އިޖްތިމާޢީ މީޑިއާގައި މިކަމާ ގުޅޭ މަޢުލޫމާތު ހިއްސާކޮށް، އަދި ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް މިކަމާ ގުޅޭ ކަންބޮޑުވުންތައް ފާޅުކުރުމަކީ ވެސް މުހިންމު ކަންކަމެވެ. އަޑު އުފުލުމަކީ ގެވެށި އަނިޔާގެ ޝިކާރައަކަށްވާ ފަރާތްތަކަށް ހިތްވަރު ލިބި، އެފަދަ ޢަމަލުތައް ހިންގާ ފަރާތްތަކަށް މުޖުތަމަޢުން ލިބޭ ބާރުގަދަ މެސެޖެކެވެ.
ގެވެށި އަނިޔާ ހުއްޓުވުމަކީ މުޖުތަމަޢުގެ އެންމެހައި ފަރުދުންގެ ޒިންމާއެއްގެ ގޮތުގައި ބަލައި، އެފަދަ ޢަމަލެއް ހިނގަމުންދާކަން އެނގިއްޖެނަމަ ވަގުތުން ފުލުހުންނަށް އެންގުމަކީ ވަރަށް މުހިންމު ކަމެކެވެ. ގެވެށި އަނިޔާގެ ޝިކާރައަކަށްވާ ފަރާތްތަކަކީ ގިނަ ފަހަރަށް އެހީތެރިކަމަށް އެދުމަށް ނުކުޅެދޭ ނުވަތަ ބިރުގަންނަ ފަރާތްތަކަށް ވާތީ، އަވަށްޓެރިންނާއި ރަޙްމަތްތެރިންގެ ފަރާތުން ލިބޭ އެހީތެރިކަމަކީ އެފަދަ މީހުންނަށް ލިބޭ ވަރަށް ބޮޑު ހިތްވަރެކެވެ. އެހެންކަމުން، ގެވެށި އަނިޔާގެ ޢަމަލެއް ހިނގަމުންދާކަމުގެ ޝައްކު ކުރެވޭނަމަ، ލަސްނުކޮށް ފުލުހުންނަށް އެކަން އަންގައި، އެކަމާ ގުޅޭ މަޢުލޫމާތު ހިއްސާކުރުމަކީ އެންމެންގެ ވެސް ޒިންމާއެކެވެ.
ގެވެށި އަނިޔާއަކީ ދިވެހި މުޖުތަމަޢުގައި އަވަސް ފިޔަވަޅުތަކެއް އަޅަންޖެހިފައިވާ، ނުރައްކާތެރި އިޖުތިމާޢީ މައްސަލައެކެވެ. މި ބޮޑުވަމުންދާ ގޮންޖެހުމަށް ހައްލެއް ހޯދުމަށްޓަކައި، ސަރުކާރާއި މުޖުތަމަޢުގެ އެންމެހައި ފަރުދުން އެކުގައި މަސައްކަތްކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. މާތްވެގެންވާ އިސްލާމްދީނުގެ މަތިވެރި އުސޫލުތަކަށާއި، ދިވެހިންގެ އަގުހުރި އާދަކާދަތަކަށް އަލުން ރުޖޫޢަވެ، ޞުލްޙަވެރި އަދި ރައްކާތެރި މާޙައުލެއް ޤާއިމުކުރުމަށް މުޅި މުޖުތަމަޢު ގުޅިގެން މަސައްކަތްކުރަންޖެހެއެވެ. ގެވެށި އަނިޔާއިން އެއްކިބާވެފައިވާ، ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމަކީ އެންމެންގެވެސް ޤައުމީ އަދި އިޖުތިމާޢީ ވާޖިބެކެވެ.
ގެވެށި އަނިޔާގެ ހަމަކޮންމެ ޢަމަލަކީ، ކޮންމެ ޙާލަތެއްގައި، ކޮންމެ ގޮތަކަށް، ކޮންމެ ފެންވަރެއްގެ ބައެއްގެ މެދުގައި ހިނގިނަމަވެސް، ކަނޑައެޅިގެން ޤާނޫނާ ޚިލާފު ޢަމަލެއްކަމަށް ވާއިރު ގެވެށި އަނިޔާގެ ޢަމަލެއް ހިނގައިފި ޙާލަތެއްގައި، އެ ޢަމަލުގެ ޝިކާރައަކަށްވީ މީހާއަށް އެކަށީގެންވާ ރައްކާތެރިކަމާއި ޙިމާޔަތް ކޮށްދިނުން އެއީ މުޖުތަމައުގެ ޒިންމާއެކެވެ. ގެވެށި އަނިޔާގެ ޝިކާރައަކަށްވާ މީހާއަށް އެންމެ ޚަރަދުކުޑަކޮށް، އެންމެ އަވަހަށް، އަދި އޭނާއަށް އެންމެ ލުއިފަސޭހަ މަރުޙަލާއެއްގެ ތެރެއިން އިންސާފު ހޯދައިދިނުން އެއީ ގާނޫނުގެ އެއް މަޤުޞަދު ކަމަށްވާއިރު އެމަޤުޞަދު ހާސިލް ކުރުމަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުން ހަމަ އެންމެ ދުވަހެއް ވެސް ލަސްކުރެވޭކަށް ނެތެވެ.