Saturday 18th Jan 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މިނިސްޓަރު އިބްރާހީމް ފައިސަލް

އަމާޒަކީ އަންނަ އަހަރު 2.4 މިލިޔަން ފަތުރުވެރިން ގެނައުން: ފައިސަލް

އަމާޒަކީ އަންނަ އަހަރު 2.4 މިލިއަން ފަތުރުވެރިން ގެނައުންކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ޕީއެސްއެމްނިއުސްގެ "ހަފްތާ 52" ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުންނެވެ.

މިނިސްޓަރު ފައިސަލް ވިދާޅުވީ ރާއްޖެ ޒިޔާރާތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް މި ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކާއެކު އަންނަ އަހަރަކީ ރާއްޖޭގެ ފަތުރުވެރިކަމުގައި ވަރަށް ފާގަތި އަހަރަކަށްވާނެކަމަށެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި ހިމަނާފައިވަނީ އަންނަ އަހަރުތެރޭގައި ރާއްޖެއަށް 2.2 މިލިޔަން ފަތުރުވެރިން ރާއްޖެ އަންނާނެ ކަމަށެވެ.

ފައިސަލް ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމުގައި އައު މާކެޓުތަކަށް އަމާޒުކޮށް ހަރަކާތްތައް ހިންގުމަށް ނިންމާފައިވާކަމަށާއި މިއާއެކު އަންނަ އަހަރު ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ވަރަށް ބޮޑަށް އިތުރުކުރެވިދާނެކަމަށް ލަފާކުރެވޭކަމަށެވެ. އެގޮތުން އެ އަދަދު 2.4 މިލިޔަނަށް އެރުވުމަކީ އަމާޒެއްކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިީގެއިތުރުން ދިވެހިރާއްޖެއަށް ދެ މިލިއަން ފަތުރުވެރިން ގެނައުމުގެ އަމަޒާއި ގުޅިގެން ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ ރާއްޖެއަށް މިހާރު ފަތުރުވެރިން އަންނަ އަދަދުތަކަށް ބަލާއިރު، އަންނަ ޑިސެންބަރުމަހުގެ 26 ވަނަ ދުވަހު މިއަހަރުގެ ދެ މިލިޔަންވަނަ ފަތުރުވެރިޔާ ޒިޔާރަތްކުރާނެ ކަމަށް ލަފާކުރެވޭކަމަށެވެ.

"ސީޒަންތެރެވީމައި، ބައެއް ދުވަސްތަކުގައި 8000 ފަތުރުވެރިންވެސް އަންނާނެކަމަށް ލަފާކުރެވޭ. މިއަހަރު އެއް މިލިޔަން ފަތުރުވެރިން ހާސިލްކުރީ އެއްމަސްކުރިން، އެހެންކަމުން މިއަހަރު ދެ މިލިޔަން ޕްލަސްކުރެވޭނެ އަދަދުތައް" ފައިސަލް ވިދާޅުވިއެވެ.

2025 ވަނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓުގައި އަންނަ އަހަރުތެރޭ 2.2 މިލިޔަން ފަތުރުވެރިން ރާއްޖެއަށް އަންނާނެ ކަމަށް ލަފާކޮށްފައިވާއިރު، ފަތުރުވެރިކަމުގެ ބެޑް ނައިޓްސް ހުންނާނެ ކަމަށް ބެލެވެނީ 14.2 މިލިއަންގައެވެ. މި ކުރިއެރުމުގެ މައިގަނޑު އެއް ސަބަބަކީ އަންނަ އަހަރު ހުޅުވުމަށް ހަމަޖެހިފައިވާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އައު ޓާމިނަލެވެ. 78،000 އަކަ މީޓަރުގެ މި ޓާމިނަލްގެ ސަބަބުން އެއާޕޯޓުގެ ކެޕޭސިޓީ އަހަރަކު 1.5 މިލިއަނުން ހަތް މިލިއަނަށް އިތުރުވެ، އެރޯބޯޑިން ބްރިޖާއި ޒަމާނީ ބެގޭޖް ހޭންޑްލިން ސިސްޓަމްފަދަ ޒަމާނީ ވަސީލަތްތައް ލިބެންހުންނާނެއެވެ.

މި ލިއުމާއި ގުޅޭ