އައު ސިނާއަތްތަކާއި ވިޔަފާރިތައް ކުރިއެރުވުމުގައި ސަރުކާރު ކުންފުނި ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އަކީ ތަޖުރިބާ ހުރި ކުންފުންޏެކެވެ. އެގޮތުން އެސްޓީއޯ މެދުވެރިކޮށް ކާމިޔާބީއަކަށްވި ކުންފުނިތަކުގެ ތެރެއިން އެލައިޑް އިންޝުއަރެންސް ފާހަގަކޮށްލެވެއެވެ. 1985 ގައި އެލައިޑު އިންޝުއަރެންސް ކުންފުނި އުފައްދާފައި ވަނީ އިނގިރޭސި ވިލާތުގެ ކޮމާޝަލް ޔޫނިއަން އަޝުއަރެންސް ކުންފުންޏާއި އެސްޓީއޯ އާ ދެމެދު ހެދުނު ޖޮއިންޓް ވެންޗަރގެ ދަށުންނެވެ. އަދި އޭގެ ދެ އަހަރު ފަހުން 1987ވަނަ އަހަރުގެ ކުރީކޮޅު ކޮމާޝަލް ޔޫނިއަން އަޝުއަރެންސް ކުންފުނީގެ ހިއްސާ އެސްޓީއޯއިން ގަނެ އެލައިޑަކީ ސައްތައިން ސައްތަ ދިވެހި ކުންފުންޏަކަށް ބަދަލުކޮށްފައިވާކަންވެސް ފާހަގަކޮށްލެވެއެވެ.
އެލައިޑް އުފެއްދި ހިސާބުން ފެށިގެން މިއަދާ ހަމައަށް ގިނަ ކާމިޔާބީތަކެއް ހާސިލްކޮށްފައިވާއިރު އެކުންފުނީގެ އެންމެ ފުރަތަމަ އަދި އެންމެ ބޮޑު ކާގޯ ކްލެއިމްކޮށްފައިވަނީ 1988 ވަނަ އަހަރުގެ ނޮވެމްބަރު ތިނެއްގެ ހާދިސާއާ ގުޅިގެންނެވެ. އެ ކްލެއިމަކީ އެ ހާދިސާގައި "ޕްރޮގްރެސް ލައިޓް" ހައިޖެކް ކުރުމާއި ގުޅިގެން ގެއްލުނު ކާގޯއާ ގުޅިގެން ކުރެވުނު ކްލެއިމެކެވެ.
އެލައިޑުގެ އެންމެ ފުރަތަމަ އަދި އެންމެ ބޮޑު ފަޔަރ ކްލެއިމްކޮށްފައިވަނީ 1992 ވަނަ އަހަރުއެވެ. އެއީ ފިހާޅޮހި އައިލެންޑް ރިސޯޓުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން އެލައިޑުން ކުރި ކްލެއިމެކެވެ.
އެ އަހަރުގައި އިންޑިޔާގެ ޖޭބީ ބޯޑާ ގުރޫޕާއެކު އަލަށް ރިއިންޝުއަރެންސް އެއްބަސްވުމެއްގައި އެލައިޑުން ވަނީ ސޮއިވެސް ކޮށްފައެވެ.
މި ކުންފުނިން ގިނަ ކަންތައްތަކެއް ހާސިލްކުރަމުން އައިސް 1993 ވަނަ އަހަރު ފުރަތަމަ ފަހަރަށް ޓްރޭނިންގ ސްޓްރެޓެޖީ ތައްޔާރުކޮށް ތަންފީޒުކޮށް، މި އިނިޝިއޭޓިވް ދަށުން ރާއްޖޭގައި ތިބި ފުންނާބުއުސް އިންޝުއަރެންސް ތަޖުރިބާކާރުން ތަމުރީނުވެގެން ގޮސްފައިވާއިރު 2003 ވަނަ އަހަރު އެލައިޑުންވަނީ ދިވެހިރާއްޖޭގައި އަލަށް ހެލްތް އިންޝުއަރެންސް ތައާރަފުކޮށްފައެވެ.
އަދި 2004 ވަނަ އަހަރު ހިނގި ސުނާމީގެ ކާރިސާއާ ގުޅިގެން ކްލެއިމްގެ ގޮތުގަައި 22 މިލިިއަން ޑޮލަރު އެކި ފަރާތްތަކަށް އެ ކުންފުނިން ދައްކާފައިވާއިރު 2007ވަނަ އަހަރު ދައުލަތުގެ ހޮސްޕިޓަލް އައިޖީއެމްއެޗް އަދި އޭޑީކޭއިން ހިދުމަތް ހޯދާ ފަރުވާތަކަށް ކޭޝްލެސްގެ ޚިދުމަތް ފޯރުކޮށްދޭންވެސް އެލައިޑުން ފަށާފައިވެއެވެ.
މީގެއިތުރުން 2008 ވަނަ އަހަރު އެލައިޑުން ވަނީ ދިވެހިރާއްޖޭގައި އަލަށް ލައިފް އިންޝުއަރެންސްގެ ޚިދުމަތް ދޭން ފަށާފައެވެ. އަދި ހަމަ އެއަހަރުގެ ތެރޭގައި އައްޑޫގައި ބްރާންޗު އޮފީހެއް ހުޅުވައި ރާއްޖޭގައި އަލަށް މާލެ ފިޔަވައި އެހެން ރަށަކުން އިންޝުއަރެންސްގެ ޚިދުމަތް ލިބޭނެ ގޮތް ހަމަޖައްސާފައިވާއިރު އެލައިޑުން ވަނީ އެ އަހަރުގެތެރޭގައި 24 ގަޑިއިރު އޮޕަރޭޓް ކުރާ ކޯލް ސެންޓަރެއް ވެސް ގާއިމުކޮށްފައެވެ.
2009 ވަނަ އަހަރު ހެލްތް އިންޝުއަރެންސްގެ ދަށުން އައުޓްޕޭޝަންޓަށް ކޭޝްލެސްގެ ޚިދުމަތް ތައާރަފުކޮށްފައިވާއިރު 2012 ވަނަ އަހަރު އާސަންދަ އުފައްދައި 2015 ވަނަ އަހަރާއި ހަމައަށް އެލައިޑުން އާސަންދައިގެ ޚިދުމަތް ފޯރުކޮށްދީފައިވެއެވެ. އަދި 2014ވަނަ އަހަރު އަޔާދީ ތަކަފުލް ތައާރަފުކޮށް އެލައިޑުން ތަަކަފުލްގެ ޚިދުމަތް ވެސް ދޭން ފަށާފައިވެއެވެ.
އެލައިޑުން 30 އަހަރު ފަހުން 2015 ވަނަ އަހަރު ބޭންކު އޮފް މޯލްޑިވްސްއާ ގުޅިގެން ބޭންކު އިންޝުއަރެންސްގެ ޚިދުމަތް ދޭން ފަށާފައިވާއިރު މީގެ ސަބަބުން ރާއްޖޭގެ އެކި ހިސާބުތަކުގައި ހުރި ބޭންކުތައް މެދުވެރިކޮށް އިންޝުއަރެންސްގެ ޚިދުމަތް ހޯދޭނެ މަގު ފަހިވެގެންދިޔައެވެ.
މިދިޔަ ފަސް އަހަރުގެ ތެރޭގައި އެލައިޑުން ހޯދި ކާމިޔާބީތަކުގެ ތެރޭގައި 2018ވަނަ އަހަރު އެލައިޑުގެ ކަސްޓަމަރ ޕޯޓަލް "މައި އެލައިޑު" ތައާރަފުކޮށް އިންޝުއަރެންސް ބޮޓް "އެޖެންޓް 1600" ތަޢާރަފުކޮށްފައިވެއެވެ. އަދި 2020ވަނަ އަހަރުން ފެށިގެން ކޮވިޑު19 އާ ގުޅިގެން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް އެލައިޑު އިންބައުންޑްގެ ނަމުގައި ކޮވިޑް ކަވަރ ދޫކޮށްފައިވާއިރު މިދިޔަ އަހަރުގެ ތެރޭގައި އަޔާދީ ތަކަފުލްއިން ރާއްޖޭގައި އަލަށް ދަނޑުވެރިންނަށް ހާއްސަކޮށްގެން ކްރޮޕް ތަކަފުލް ތައާރަފުކޮށްފައިވެއެވެ.
އެލައިޑުގެ މި ކާމިޔާބު ދަތުރުގެ ތެރޭގައި ގިނަ ކަންތައްތަކެއް ހާސިލްކޮށްފައިވާއިރު އެކުންފުނީގެ މި ކާމިޔާބީތަކުގެ ސަބަބުން ދިވެހި އިގްތިޞާދަށް ފައިދާތަކެއް އަންނަނީ ކުރަމުންނެވެ.
އެސްޓީއޯއިން އުފެއްދި އެލައިޑަކީ ކާމިޔާބު ކުންފުންޏަކަށްވެއްޖެއެވެ. އޭގެ 39 އަހަރު ފަހުން މިއަދު އެސްޓީއޯއިން މިވަނީ ރާއްޖޭގައި ބައިނަލްއަގްވާމީ ފެންވަރުގެ މާލީ ސިނާއަތެއް ގާއިމުކުރުމަށް ބަންކަރިންގ ޚިދުމަތް ފަށާފައެވެ.
ބަންކަރިން ޚިދުމަތަކީ ކަނޑު ބޯޓުތަކާއި އުޅަނދުތަކަށް ތެލާއި އެހެނިހެން ހިދުމަތްތައް ފޯރުކޮށްދިނުމުގެ ޚިދުމަތެވެ. ބޯޓު ފަހަރު އާއްމުކޮށް ދަތުރުކުރާ ސަރަހައްދުތަކުގައި އެފަދަ ޚިދުމަތެއް ފެށިއްޖެ ނަމަ ބޯޓު ފަހަރު އެތަންތަނަށް މަޑުކޮށް ތެޔޮ އަޅާ އަދި އިތުރު ގިނަ ހިދުމަތްތަކެއް ވެސް ހޯދައެވެ.
ރާއްޖޭގެ އުތުރުން ދަތުރުކުރާ ބައިނަލްއަގުވާމީ އާގު ބޯޓުފަހަރުން ރާއްޖެއަށް އާމްދަނީ ލިބޭނެ ގޮތްތައް ފަހިކުރުމަށް އިހަވަންދިއްޕޮޅުގައި ބަންކަރިން ޚިދުމަތް ގާއިމުކުރުމުގެ މަޝްރޫއު، ހަކަތައިގެ ވިޔަފާރިކުރާ ދުނިޔޭގެ އެންމެ ބޮޑު އަމިއްލަ ކުންފުނިކަމަށްވާ ވިޓޯލްއާ ހަވާލުކުރުމުގެ އެއްބަސްވުމެއްގައި އެސްޓީއޯއިން ސޮއި ކުރީ މި އަހަރުގެ މާޗު މަހުގެ 13 ވަނަ ދުވަހުއެވެ.
ވިޓޯލް ކުންފުންޏާއެކު ސޮއިކުރި އެ އެއްބަސްވުމަކީ މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ ޕްރޮޖެކްޓްގެ ދަށުން ބައިނަލްއަގުވާމީ ބަންކަރިން ފެސިލިޓީއެއް ފެށުމުގެ ގޮތުން އެސްޓީއޯއާއި ވިޓޯލް ގުރޫޕާއި ދެމެދު ވެވުނު ޓާމް ޝީޓެކެވެ.
ރާއްޖެއިން ބަންކަރިން ޚިދުމަތް އިހަވަންދިއްޕޮޅުގައި އިފްތިތާހުކޮށްފައިވަނީ މި އަހަރުގެ ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހުއެވެ. ބަންކަރިންގ ޚިދުމަތުގެ ދަށުން ބޯޓްތަކަށް ބޭނުންވާ ތެޔޮ ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަނީ އެސްޓީއޯއިންނެވެ.
އޮފްޝޯ ޚިދުމަތެއްގެ ގޮތުގައި އިންޓަނޭޝަނަލް ބަންކަރިން ފަށާފައިވާއިރު އެ ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުން ކުރަމުން އަންނަނީ ދެ ބޯޓެކެވެ. އެއީ 3،258 ޓަނުގެ "އެމްޓީ މެރިން އޭންޖަލް" އާއި 3،929 ޓަނުގެ "އެމްޓީ މެރިން ބެލާ"އެވެ. މި ދެބޯޓަކީ މިފަދަ ޚިދުމަތް ފޯރުކޮށްދިނުމަށް ފަރުމާކޮށް ބަނދެފައިވާ، ސަލާމަތީ ގޮތުންނާއި ރައްކާތެރިކަމުގެ ގޮތުން ބައިނަލްއަގްވާމީ މިންގަޑުތަކަށް ފުރިހަމައަށް ފެތޭކަމުގެ ސެޓްފިކެޓްތައް އެލް އާރ ކްލާހުންނާއި ފްލެގް ސްޓޭޓުން ދޫކޮށް ފައިވާ ބޯޓުފަހަރު ކަމަށް އެސްޓީއޯއިން ބުނެއެވެ. މި ދެ ބޯޓަކީ އެސްޓީއޯ އާއި ވިޓޯލްއާ ގުޅިގެން ބަންކަރިން ޚިދުމަތަށް އެސްޓީއޯގެ ފުރިހަމަ ރައިޓްސްއާއެކު ބެއާ ބޯޓް ޗާޓާ ކޮންސެޕްޓަށް ދެ އަހަރުތެރޭ އެއްކޮށް މިލްކުވާގޮތަށް ހޯދާފައިވާ ދެ ބޯޓެވެ.
އެސްޓީއޯއިން ބަންކަރިންގެ ޚިދުމަތް ފަށާފައިވާ ޗެނަލުން މިހާރު ވެސް މަހަކު 300 އުޅަނދު ރާއްޖެ ހުރަސްކޮށް ދުނިޔޭގެ އެކި ކަންކޮޅުތަކަށް ދަތުރުކުރެއެވެ. ބަންކަރިންގެ ޚިދުމަތުން ރާއްޖެއަށް ރަނގަޅު އާމްދަނީއެއް ހޯދި މިއީ ދެމެހެއްޓެނިވި އަދި ފައިދާ ބޮޑު، ސިނާއަތަކަށް ވެގެންދާނެކަމަށް ސަރުކާރުން ބުނެއެވެ.
އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރު ޝިމާދު އިބްރާހިމް ވިދާޅުވީ ރާއްޖޭގައި ބަންކަރިންގެ ޚިދުމަތް ދޭން ފަށާފައި މިވަނީ ދުނިޔޭގައި އެކަންކުރާ އެންމެ މަތީފެންވަރުގެ ސަލާމަތީ ކަންކަން ބަލައިގެން ކަމަށެވެ. އެގޮތުން ބަންކަރިން ޚިދުމަތް ދޭނެ އޮފް ޕޯޓް ލިމިޓް ޒޯން ކަނޑައަޅާފައިވާއިރު، ބަންކަރިން ޚިދުމަތް ދޭ އުޅަނދުތަކުން ބޭނުންވާ ލިޔެކިޔުންތަކުގެ ކަންކަން ހަމަޖެއްސުމާއި އެހެނިހެން ހުއްދަތަކާއި ސަލާމަތީގޮތުން ބަލަންޖެހޭ ކަންކަން ބެލުމަށް ކަސްޓަމްސް އާއި އިމިގްރޭޝަން އަދި ސިފައިންގެ ފެސިލިޓީތައް ހިމެނޭ ގޮތުން ބަންކަރިން ހިދުމަތަށް ހާއްސަ އޮފީސްތައް އެ ސަރަހައްދުގައި ގާއިމްކޮށްފައިވާ ކަމަށް އެސްޓީއޯއިން މައުލޫމާތު ދެއެވެ.
އަދި އިންޓަނޭޝަނަލް ބަންކަރިން ޚިދުމަތަށް ރާއްޖެ ސަރަހައްދަށް ވަންނަ އުޅަނދުތަކުން ފައިބާ ބޯޓުތަކުގެ ފަޅުވެރިން ތިބެން ޖެހޭނީ އެ ހާއްސަ ސަރަހައްދުގައި އެކަނި ކަމަށާއި މިކަންކަން ކަށަވަރުކުރުމުގައި ދުނިޔޭގެ ފެންވަރުގެ އެންމެ މަތީ އުސޫލުތަކަށް އަމަލުކުރާނެ ކަމަށް ވެސް އެސްޓީއޯއިން ބުނެފައިވެއެވެ.
ދިވެހިރާއްޖޭގައި ބަންކަރިންގެ ޚިދުމަތް ފަށާފައިވަނީ އޮފްޝޯކޮށް ނުވަތަ ކަނޑުގައި އުޅަނދެއް ބާއްވައިގެން ޚިދުމަތް ދޭ ގޮތަށެވެ. މިކަމާ ގުޅިގެން ބައެއް ފަރާތްތަކުން ކިޔަމުންދާ ފާޑުކިޔުންތަކަށް ރައްދު ދެއްވަމުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މީގެ ކުރިން ވިދާޅުވެފައިވަނީ ބިމެއް ހިއްކައިގެން އެފަދަ ޚިދުމަތެއް ދެވޭނީ އެ މަސައްކަތަށް އެކަށީގެންވާ ޑިމާންޑެއް އުފެއްދިގެން ކަމަށެވެ.
އަދި ރާއްޖެއަށް މިވަގުތު އެންމެ ފައިދާ ހުރި ގޮތަކީ އޮފް ޝޯކޮށް ޚިދުމަތް ފަށައި ޚިދުމަތް އިޝްތިހާރުކޮށް ޓްރެފިކް ހޯދުން ކަމަށާއި މީގެ ސަބަބުން ވިޔަފާރިއަށް ފަރިތަވެގެންދާނެކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
ރާއްޖެ އޮތް ސަރަހައްދަކީ މުހިންމު ސަރަހަދެއް ކަމަށާއި މި ސަރަހައްދުން 300އެއްހާ ބޯޓު ހުރަސްކުރާކަން ފާހަގަކުރައްވާ މިނިސްޓަރު ސައީދު ވިދާޅުވީ މީގެ ކުޑަ އިންސައްތައެއް ރާއްޖެއަށް ލިބިގެންދިއުމަކީވެސް ކުރިއެރުމެއް ކަމަށާއި މިކަމުގެ ސަބަބުން ބަންކަރިންގެ ޚިދުމަތް އިތުރަށް ފުޅާކުރެވޭނެކަމަށެވެ.
"އަޅުގަނޑުމެންގެ ވިޝަން ކޮންމެ ހިސާބަކަށް ދިޔަޔަސް، ކޮންމެ އަތޮޅެއްގައި މިކަހަލަ ކަމެއް ކުރިކަމުގައިވިޔަސް އެ މާކެޓް އިންޓްރޮޑިއުސްކޮށްގެން ނޫންގޮތަކަށް މިކަން ކުރެވޭކަށް ނޯންނާނެ. އެހެންވީމަ އަޅުގަނޑުމެން ޝައްކެއް ނުކުރަން މި ޓްރެފިކްގެ އެސްޓީއޯއިން ޓާގެޓް ކުރަނީ އެންމެ ޕަސެންޓަކަށް ކަމުގައިވިޔަސް އަޅުގަނޑުމެންނަށް މިތާގައި އޮންޕޯޓް ޚިދުމަތް ފެށުމަށް ހެޔޮވަރު އަދަދެއް އެއީ." މިނިސްޓަރު ސައީދު ވިދާޅުވިއެވެ.
"ހަފްތާ 52" ނަމުގައި ބޭއްވި ޕެނަލް ޑިސްކަޝަނެއްގައި، ބަންކަރިންގ ޚިދުމަތުން މިހާތަނަށް ލިބުނު ފައިދާގެ ތަފްސީލު ދެއްވަމުން މިނިސްޓަރު ސައީދު ވިދާޅުވީ އޮފް-ޝޯ ފެސިލިޓީއެއްގެ ގޮތުގައި ފެށި ބަންކަރިންގެ ޚިދުމަތުން މިހާތަނަށް 1.5 މިލިއަން ޑޮލަރުގެ އާމްދަނީއެއް އެސްޓީއޯއަށް ލިބިފައިވާ ކަމަށެވެ.
ބަންކަރިންގެ ހިދުމަތައް އެސްޓީއޯ ވެސް އަދި ދިވެހިރާއްޖެ ވެސް ވަރަށް އަލެވެ. މީގެ 39 އަހަރު ކުރިން އިންޝްއަރެންސް ކުންފުންޏެއް އެސްޓީއޯ އިން އުފައްދައިގެން ކުރި ފަދަ އާތަޖުރިބާއެއް މިއަދު ވެސް އަނެއްކާ މިވަނީ ކުރަން ޖެހިފައެވެ. ނަމަވެސް އެސްޓީއޯ އާއި އަދި ދިވެހިންނަށް ވެސް އޮތް ޔަގީން ކަމަކީ ބޭރުގެ ކުންފުންޏެއްގެ އެހީގައި އެލައިޑުން ފެށި އިންޝްއަރެންސަށް ދުނިޔޭގެ ނަން ހިނގާ ފަތުރުވެރިކަމުގެ ދާއިރާގެ ބޮޑެތި ކުންފުނިތަކުގެ އިތުބާރު ހޯދުނު ފަދައިން ދާދި އަވަހަށް އެސްޓީއޯގެ ބަންކަރިން ހިދުމަތައް ދުނިޔޭގެ ފެންވަރުގެ ޝިޕިންލައިންތަކުގެ އިތުބާރު އެސްޓީއޯ އިން ހޯދާނެ ކަމުގެ ޔަގީން ކަމެވެ. ތާރީޚްގައި އެސްޓީއޯ އިން ވަނީ އެކަން ސާބިތު ކޮށްދީފައެވެ.
ބަންކަރިންގ ޚިދުމަތް ފެށިފަހުން ދެ މަހެއްހާ ދުވަސްވެފައިވާއިރު ދިވެހި އިގްތިޞާދަށް މިވަނީ ފައިދާކުރަން ފަށާފައެވެ. މިއީ ދިވެހި އިގްތިބާދުގެ މުސްތަގުބަލަށް ލިބުނު އުންމީދެވެ. އުތުރުގެ އިހަވަންދިއްޕޮޅުގައި ބަންކަރިންގެ ޚިދުމަތް ފެށުމަކީ ރާއްޖޭގެ އިގުތިޞާދު އެއް ސިނާއަތަކަށް ބަރޯސާވެފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް ރައީސުލްޖުމްހުރިއްޔާ ޑރ.މުހައްމަދު މުއިއްޒު ގެންގުޅުއްވާ ސިޔާސަތުގެ ތެރޭގައި ހިމެނޭ އެންމެ މުހިންމު އެއް މަސައްކަތެވެ. ސަރުކާރު ކުންފުނި އެސްޓީއޯއިން އެލައިޑް ކާމިޔާބު ކުންފުންޏަކަށް ހެދި ފަދައިން މި ސިނާއަތް ކާމިޔާބީއަކަށް ހަދާނެކަމާއި މެދު އޮތީ ހަމައެކަނި އުއްމީދެއް ނޫނެވެ. އޮތީ ތާރީހާއި އިތުބާރެވެ.