Saturday 18th Jan 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ކުޑަކުދިން

ޑިޖިޓަލް ދުނިޔޭގައި ކުޑަކުދިން: ސްކްރީން ޓައިމްއިން ގެއްލެނީ މުސްތަގުބަލް؟

ކުޑަ ކުއްޖަކު ސްކްރީން ބަލަނީ، ފޮޓޯ: ދިޔަރެސް ގްރެފިކްސް| އަޙްމަދު ނާމީ
މިއަދުގެ ޑިޖިޓަލް ޒަމާނުގައި، ކުޑަކުދިންނަށް ކިހާވަރަކަށް ސްކްރީން ޓައިމް އެކަށީގެންވޭތޯ އަކީ މައިންބަފައިންނާއި، ކުޑަކުދިންގެ ޑޮކްޓަރުންނާއި، ކުޑަކުދިންގެ ތަރައްޤީއާ ބެހޭ މާހިރުންގެ މެދުގައި ކަންބޮޑުވުން އުފެދިފައިވާ މައުޟޫއެކެވެ. ސްމާޓްފޯނާއި، ޓެބްލެޓާއި އަދި އެހެނިހެން ޑިޖިޓަލް ވަސީލަތްތައް ދުވަހަކަށް ފަހު ދުވަހެއް އަންނަނީ އިތުރުވަމުންނެވެ. ކުޑަކުދިންނާއި ޅަފުރައިގެ ކުދިން މިހާރު ކުޅިވަރުތަކަށް ވުރެ ފަރިތައީ ސްކްރީނަށެވެ. ތިބެނީ ސްކްރީނަށް ގޮސް ހުސްވެފައެވެ.

ސްކްރީން ޓައިމަކީ ކޮބާ!؟

ސްކްރީން ޓައިމައަކީ ސްމާޓްފޯނާއި، ޓެބްލެޓާއި، ޓީވީއާއި އަދި ކޮމްޕިއުޓަރު ފަދަ ޑިޖިޓަލް ވަސީލަތްތައް ބޭނުންކުރުމެވެ. މީގެ ތެރޭގައި ޓީވީ ބެލުމާއި، ގޭމް ކުޅުމާއި، ތަޢުލީމީ އެޕްތަކާ މުޢާމަލާތްކުރުމާއި، އަދި މޯބައިލް ވަސީލަތެއް މެދުވެރިކޮށް ވީޑިއޯ ބެލުން ވެސް ހިމެނެއެވެ.

އެއްވެސް ކަހަލަ ސްކްރީނެއް ކުއްޖާއަށް ދެއްކުމަކީ ސްކްރީން ޓައިމްގެ ގޮތުގައި ބެލެވޭއިރު މިއަދުގެ ޑިޖިޓަލް މި ދުނިޔޭގައި އަޅުގަނޑުމެންނަށް ސްކްރީން ޓައިމް ދެއްކޭއިރު މި ދެވެނީ ސްކްރީން ޓައިމްކަން ނޭނގޭ ފަހަރުވެސް އާދެއެވެ.

ފައިދާތަކަށްވުރެ ކުޑަކުދިންނަށް ސްކްރީނުން ލިބެނީ ގެއްލުމެވެ. ނަފްސާނީ އަދި ޖިސްމާނީ ގޮތުން ބެލިކަމުގައިވިޔަސްމެއެވެ.

އެގޮތުން ކުޑަކުދިންނާއި ޅަފުރައިގެ ކުދިންނަށް ގިނަ ވަގުތު ސްކްރީން ބެލުމުން އެކުދިންގެ ތަރައްޤީއަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކުރެއެވެ.
ބަސްމޮށުންތެރިކަން ލަސްވުން

ކުޑަކުދިން އެންމެ ފުރިހަމައަށް ބަސް އުނގެނެނީ މައިންބަފައިންނާއި އެނޫންވެސް އެ ކުއްޖާގެ ކައިރީގައި އުޅޭ މީހުންނާ ދިމާލަށް ބަލައިގެން މުއާމަލާތްކުރުމުންނެވެ. ދިރާސާތަކުން ދައްކާގޮތުގައި ގިނަ ވަގުތު ސްކްރީން ބެލުމުން ބަހުގެ ތަރައްޤީ ލަސްވެއެވެ. އެއީ ސްކްރީނާ މުޢާމަލާތްކުރުމުގައި އާންމުކޮށް ބަސް އުނގެނުމަށް ކޮންމެހެން ބޭނުންވާ ދެފަރާތުން ވާހަކަދެއްކުން ނުހިމެނޭތީއެވެ. ކުޑަކުދިން ވާހަކަދައްކަން އުނގެނެނީ ސީދާ މުޢާމަލާތްކުރުމުންނެވެ. ސްކްރީންގެ މަޢުލޫމާތު ހަމައެކަނި ބަލައިގެން ނޫނެވެ.

އިޖްތިމާޢީ ހުނަރުތަކަށް އަސަރުކުރުން:

ގިނަ ވަގުތު ސްކްރީން ކުރިމަތީގައި ހޭދަކުރާ ކުޑަކުދިންނަށް އިޖްތިމާޢީ ހުނަރުތައް ތަރައްޤީކުރުމުގެ މުހިންމު ފުރުޞަތުތައް ގެއްލިގެން ހިނގައިދާނެކަމަށްވެސް ދިރާސާތަކުން ދައްކައެވެ. ބެލެނިވެރިންނާއި ޢާއިލާގެ މެންބަރުންނާއި، އަދި އެހެން ކުދިންނާއި މުޢާމަލާތްކުރުމުން ލިބޭ މުހިންމު އިޖްތިމާޢީ އިޝާރާތްތަކަކީ ކުޑަކުދިންގެ އިޙްސާސީ ވިސްނުމާއި، ހަމްދަރުދީއާއި، އަދި ބަހުން ނޫން ގޮތްގޮތުން މުޢާމަލާތްކުރުމުގެ ޤާބިލިއްޔަތު ތަރައްޤީވުމަށް އެހީތެރިވެދޭ ކަންކަމެވެ.

ޖިސްމާނީ ޞިއްޙަތާ ގުޅޭ ކަންބޮޑުވުންތައް:

ކުޑަކުދިންނާއި ޅަފުރައިގެ ކުދިން ގިނަ ވަގުތު ސްކްރީން ކުރިމަތީގައި ހޭދަކުރުމުން ގައިގެ ސީދާކަން ގެއްލުމާއި، ލޮލަށް ބުރަވުމާއި، އަދި ނިދުމަށް ދަތިވުން ފަދަ މައްސަލަތަކަށް މަގުފަހިވެއެވެ. މީގެ އިތުރުން، ގިނަ ވަގުތު ސްކްރީން ކުރިމަތީގައި ހޭދަކުރާ ކުޑަކުދިންނަށް ޖިސްމާނީ ޙަރަކާތްތަކަށް ލިބެނީ މަދު ވަގުތުކޮޅެކެވެ. މިއީ ހަށިގަނޑުގެ ހުނަރުތައް ތަރައްޤީކުރުމަށާއި މުޅި ހަށިގަނޑުގެ ޞިއްޙަތު ރަނގަޅުކޮށް ބެލެހެއްޓުމަށް ވަރަށް މުހިންމު ކަމެކެވެ.

ނިދުމަށް ދަތިވުން:

ސްކްރީންތަކުން ނުކުންނަ އަލިން މެލަޓޮނިން އުފެއްދުމަށް ހުރަސްއެޅިދާނެއެވެ. މެލަޓޮނިންއަކީ ނިދުން ބަލަހައްޓާ ހޯމޯނެކެވެ. ޚާއްޞަކޮށް ނިދަން ވަންނަން ކައިރިވާ ވަގުތު ސްކްރީންތަކަށް ހާމަވާ ކުޑަކުދިންނަށް ނިދަން ދަތިވުމާއި ނުވަތަ ނިދިފައި ތިބުމަށް ދަތިވުން ކުރިމަތިވެދާނެއެވެ. އަދި މިކަމުން ނިދުމުގެ އާދަތަކަށް ބަދަލު އަތުވެދާނެއެވެ.

ސިކުނޑިއަށް ބުރަވުން:

ސްކްރީންތަކުން ފޯރުކޮށްދޭ މައުލޫމާތުގައި ހިމެނޭ އަލިކަން ގަދަ ކުލަތަކާއި، އަވަސް ޙަރަކާތްތަކާއި، އަޑުގެ އަސަރުތަކުން ތަރައްގީވަމުންދާ ކުޑަކުއްޖާގެ ސިކުނޑިއަށް ބުރަވާނެއެވެ. އަދި ގިނަ ވަގުތު ސްކްރީން ބެލުމުން ސަމާލުކަން ދިނުމުގެ މައްސަލަތަކަށް މަގުފަހިވެދާނެއެވެ. ނުވަތަ ފަހުން އުމުރުގައި ސާދާ މަސައްކަތްތަކަށް ސަމާލުކަން ދިނުމުގެ ގާބިލިއްޔަތު ދަށްވާނެއެވެ.

ސްކްރީން ޓައިމަކީ މިހާ ގެއްލުންހުރިކަމަކަށްވާއިރު ކުޑަކުދިންގެ ތަރައްގީއަށް ސްކްރީން ޓައިމްގެ ނޭދެވޭ އަސަރު ނުކުރާކަން ޔަގީންކުރުމަށްޓަކައި، ކަނޑައެޅިފައިވާ އުސޫލުތަކަށް އަމަލުކުރުމާއި ދުޅަހެޔޮ ގޮތުގައި ސްކްރީން ބޭނުންކުރުމަށް މަގުފަހިކުރާ ސްޓްރެޓެޖީތައް މައިންބަފައިންނާއި ބެލެނިވެރިން ގެންގުޅުން މުހިންމެވެ.

18 މަސްދުވަހުން ދަށުގެ ކުދިން ވީޑިއޯ ޗެޓްކުރުން ފިޔަވައި އެހެން ހުރިހާ ސްކްރީން ޓައިމްއަކުން ދުރުހެލިކުރުމަކީ މުހިއްމުކަމެކެވެ. އަދި 18 މަހާއި 2 އަހަރާ ދެމެދުގެ ކުދިންނަށް ދުވާލަކު އެއް ގަޑިއިރަށް ސްކްރީން ޓައިމް ހަނިކޮށް، ޝައުގުވެރި އެހެން ހަރަކާތްތަކެއް ކުދިންނަށް ފޯރުކޮށްދިނުމަކީ ކޮންމެހެން ބޭނުންތެރިކަމެކެވެ.

ދިވެހިރާއްޖޭގައި ސްކްރީންތަކަށް ކުދިން އެންމެ ބޮޑަށް ގެއްލެން ފެށީ ކޮވިޑުގެ ދުވަސްވަރުއެވެ. އެ ދުވަސްވަރު ކުދިން ގޭގައި ހޭދަކުރި ގިނަ ވަގުތު އެކުދިންނާއެކު އެންމެ ކައިރީގައިވި އެކުވެރިޔާއަކީ ސްކްރީންތަކެވެ. ގޭއިން ބޭރަށް ނިކުމެވެން ނެތުމުގެ ސަބަބުން ނަފްސާނީ ގޮތުން ކުދިންނަށް ލިބުނު ގެއްލުންތަކާއެކު ގިނަ މައިންބަފައިންނަށް އެމީހުންގެ ދަރިންނަށް ސްކްރީން ދޭން މަޖުބޫރުވީއެވެ. އޭގެ ފަހުން ކުދިން މިއަދާ ހަމައަށްވެސް ތިބީ ސްކްރީންތަކާއެކުގައެވެ.

ސްކްރީންގެ ސަބަބުން ކުދިންނަށް ހެދިބޮޑުވުމަށް ޖިސްމާނީ އަދި ނަފްސާނީ ގޮތުން ލިބޭނެ ގެއްލުން ބެލެނިވެރިންނަށް އެނގުނު ނަމަ އެ ދުވަހު ސްކްރީން ނޫން އެހެން "އޮޕްޝަން"އެއް އެ ކުދިންނަށް ހޯދައިދިނީސްކަން ކަށަވަރެވެ.

ދިރާސާތަކުގައި ބުނަނީ ކީކޭ!؟

ސްކްރީން ޓައިމަށް ދޭ ވަގުތު އިތުރުވުމަކީ ކުޑަކުދިންގެ ސިކުނޑީގެ ދުޅަހެޔޮކަމަށް އޮތް ނުރައްކަލެއް ކަމަށް ދިރާސާތަކުން ދައްކައެވެ.

އެގޮތުން ދަ ލާންސިޓް ޗައިލްޑް އެންޑް އެޑޮލެސެންޓް ހެލްތު ޖާނަލްގައި ޝާއިއުކޮށްފައިވާ ދިރާސާއެއްގައި ބުނެފައިވާގޮތުގައި ދަރިންގެ ސިކުނޑީގެ ބާރު ގަދަކުރަން ބޭނުން ނަމަ ފޯނާއި ޓެބްލެޓާއި ޓީވީއަށް ދޭ ވަގުތު ކުޑަކޮށް، ހަމަ ނިދި ލިބުމަކީ ވަރަށް މުހިއްމު ކަމެކެވެ.

އެ ދިރާސާގައި ބުނެފައިވަނީ ހައްދެއް ނެތް ވަރަށް އިންޓަނެޓާއި ވީޑިއޯ ގޭމް ފަދަ ވަސީލަތްތަކުގެ ތެރެއަށް ދަރިން ދޫކޮށްލައި، ޖިސްމާނީ ގޮތުން ހަރަކާތްތެރިކަން ކުޑަ ކަންކަމަށް އާދަކުރުމަކީ ސިކުނޑީގެ ހެދި ބޮޑުވުމަށް ހުރަސް އަޅާނެ ކަމެއްމަށާއި ވަކިން ހާއްސަކޮށް އުމުރުން 8-11 އަހަރާ ދެމެދުގެ ކުދިންނާ ދޭތެރޭ ފަރުވާތެރި ވާންޖެހޭ ކަމަށެވެ. އެގޮތުން އެފަދަ ނުރަނގަޅު އާދަތަކުގެ ސަބަބުން އެ އުމުރުފުރާގެ ކުދިންގެ ސިކުނޑީގެ ހެދިބޮޑުވުން ފަސް ޕަސެންޓަށް ދަށްކޮށްލާ ކަމަށް އެ ދިރާސާގައި ބުނެފައިވެއެވެ.

ކެނެޑާގެ ޗިލްޑްރެން ހޮސްޕިޓަލް އޮފް އީސްޓަން އޮންޓާރިއޯ (ސީއެޗްއީއޯ) ގެ ރިސާޗް އިންސްޓިޓިއުޓްގެ ޑރ. ޖެރެމީ ވޮލްޝް ވިދާޅުވީ ކުދިންގެ ހެދިބޮޑުވުމަށް ހަރަކާތްތެރިކަން ވަރަށް މުހިއްމުކަމަށާއި ކޮންމެ ދުވަހަކީ ވެސް ދަރިންނަށް ހަރަކާތްތެރިކޮށް އުޅެވޭނެ ވަގުތުތަކެއް ހޯދައި ދޭން ޖެހޭ ދުވަހެއް ކަމަށެވެ.

މީގެއިތުރުން ސިންގަޕޫރުގައި ސިއްހީ ތައުލީމުދޭ ފަސް އިދާރާއަކާއި، ކުޑަކުދިންނާއި އަަންހެނުންނަށް ހާއްސަ ހޮސްޕިޓަލެއް ގުޅިގެން، 506 ކުއްޖަކު ބައިވެރިކޮށްގެން ކުރި ދިރާސާއަކުން ދެއްކި ގޮތުގައި ގިނަ ވަގުތު ސްކްރީނަށް ހުށަހެޅޭ ތުއްތު ކުދިންގެ ސިކުނޑީގައި "ލޯ-ފްރިކުއެންސީ" ވޭވްތައް ގިނައެވެ.

އެގޮތުން ސްކްރީން ބަލަން ހޭދަކުރާ ވަގުތު އިތުރުވާ މިންވަރަކަށް، އެ ކުދިންގެ ސިކުނޑީގެ ހަރަކާތްތައް ބަދަލުވެ، ސިކުނޑި އިތުރަށް ބަލިކަށިވެ، އެކަމުގެ އަސަރު އުމުރުން އަށް އަހަރު ފަހަނައަޅާ ދާއިރު ވެސް ކުރާ ކަމަށް އެ ދިރާސާގައި ބުނެފައިވެއެވެ.

އުފަންވުމާއި އެންމެ ހަގު އުމުރުގައި ސިކުނޑި ތަރައްގީވާ މިންވަރު އަވަސް ނަމަވެސް، ކަންކަން ދަސްކުރުމުގައި މުހިންމު ރޯލެއް އަދާކުރާ، ސަމާލުކަން ދިނުމާއި މައުލޫމާތު ދެނެގަތުމާއި އިހުސާސްތައް ދެނެގަތުން ފަދަ ކަންކަން، ނުވަތަ "އެގްޒެކެޓިވް ފަންކްޝަން" ތައް ކޮންޓްރޯލް ކުރާ ސިކުނޑީގެ ބައި ކަމަށްވާ "ޕްރިފްރޮންޓަލް ކޯޓެކްސް" ތަރައްގީވާން އަހަރުތަކެއް ނަގައެވެ.

ކުދިން ކިންޑަގާޓެންއަށް ދާން ފަށާއިރު ނަފްސާނީ ގޮތުން ތައްޔާރު ނުވެވި ތިބޭ މައިގަނޑު އެއް ސަބަބަކީ މާގިނައިން ޓީވީ ބެލުމާއި އެފަދަ އެހެން ކަންކަމުގައި ހޭދަކުރާ ވަގުތު ގިނަވުންކަމަށް ނިއު ޔޯކް ޔުނިވަސިޓީން ކުރި ދިރާސާއެއްގައިވަނީ ބުނެފައެވެ.

2017 ވަނަ އަހަރުގެ މާޗް މަހުގެ ތެރޭގައި ޝާއިއުކުރި އެ ދިރާސާގައި ބުނީ ގިނައިން ޓީވީ ބަލާ އަދި ސްކްރީން ހުންނަ އާލާތްތައް ބޭނުންކުރާ ކުދިންނަށް ވުރެ މި ކަންކަން މަދުން ކުރާ ކުދިން ކިންޑަގާޑެންއަށް ދާން ފަށާއިރު ސްކޫލްގެ މާހައުލަށް މާބޮޑަށް ތައްޔާރުވެފައި ތިބޭ ކަމަށެވެ.

މި ދިރާސާގައި އިސްކޮށް މަސައްކަތް ކުރެއްވި އެންޑްރޫ ރިބްނާ ވިދާޅުވީ ޓެކްނޮލޮޖީއަށް އަންނަމުންދާ ބަދަލުތަކާ އެކު، ފޯނާއި ޓެބްލެޓް ފަދަ ތަކެތި ބޭނުންކުރާ ކުދިންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެގެން ގޮސްފައިވާކަން ފަހުގެ ހުރިހާ ދިރާސާތަކުން ވެސް ހާމަވާ ކަމަށެވެ.
މި ދިރާސާކުރުމަށް ރިބްނާ އާއި އޭނާގެ ޓީމުން ވަނީ ކިންޑަގާޓެންއަށް ދާ އުމުރުގެ 800 އަށް ވުރެ ގިނަ ކުދިންގެ ވިސްނުމުގެ ގާބިލްކަމާއި ހަނދާނާއި އިޖުތިމާއީ ކަންކަމުގައި ގުޅިގެން އުޅެން ދަސްވެފައި ހުރި މިންވަރާއި ބަހުގެ ހުނަރު ހުރި މިންވަރު ވަޒަންކޮށްފައެވެ.
މި ހޯދުންތަކުން އެނގުނީ ދުވާލަކު ދެ ގަޑިއިރަށް ވުރެ ގިނައިރު ޓީވީ ބަލާ ކުދިންގެ ހުނަރުތައް، މަދުން ޓީވީ ބަލާ ކުދިންނާ އަޅާބަލާއިރު ދަށް ކަމެވެ. އަދި މަދުން އާމްދަނީ ލިބޭ އާއިލާތަކަށް ނިސްބަތްވާ ކުދިންގެ ތެރޭގައި އުޅޭ ގިނައިން ޓީވީ ބަލާ ކުދިންގެ ހުނަރު ވަކިން ބޮޑަށް ދަށްވާ ކަމަށް ވެސް ދިރާސާއިން ހާމަވެފައިވެއެވެ.

ސްކްރީން ޓައިމް މަދުކުރަން ބޭރުގެ ގައުމުތަކުން ކުރަނީ ކޮންކަމެއް!؟

ޗައިނާގައި ކުޑަކުދިން ސްކްރީނަށް ސަމާލުކަން ދޫކޮށްލައިގެން ތިބޭ ވަގުތު މަދުކުރުމުގެ ގޮތުން އާ ފިޔަވަޅުތަކެއް އަޅަން ނިންމައި އެކަމަށް މަސައްކަތް ވަނީ ފަށައިފައެވެ.

ޗައިނާގައި އިންޓަނެޓްގެ ޚިދުމަތްތައް ބަލަހައްޓާ އިދާރާ، ސައިބަސްޕޭސް އެޑްމިނިސްޓްރޭޝަން އޮފް ޗައިނާ އިން މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި ބުނި ގޮތުގައި މޮބައިލް ފޯނާއި ޓެބްލެޓާއި އައިޕެޑް ފަދަ ޑިޖިޓަލް ސްކްރީންތަކުގައި ކުޑަކުދިން ހޭދަކުރާ ވަގުތު ކުޑަކުރުމުގެ ވަގުތު މާބޮޑަށް ވެސް ލަސްވެއްޖެއެވެ.

އެ އިދާރާއިން ބުނީ ހެދި ބޮޑުވަމުން އަންނަ ތުއްތު ކުދިންގެ ކިބައިގައި އަޚްލާގީ އަދި ސުލޫކީ ރަނގަޅު ސިފަތައް އަށަގަންނުވައި އިޖްތިމާއީ އަގުތައް ހަރުލެއްވުމަށްޓަކައި، ޑިޖިޓަލް ސްކްރީނާ އެކުގައި ކުދިން ހޭދަކުރާ ވަގުތު، ދުވާލަކު ދެ ގަޑިއިރަށް މަދުކުރަންޖެހޭކަމަށެވެ. އަދި އެކަން ކުރުމުގެ ގޮތުން، މޮބައިލް އާލާތްތަކާއި އެޕްލިކޭޝަންތައް އަދި އެޕް ސްޓޯރުތަކުގައި ވެސް، "މައިނާ މޯޑް" ހިމެނުމަށް އެ އިދާރާ އިން ވަނީ ނިންމައިފައެވެ.

މޮބައިލް ފޯނަށް ނުވަތަ ޑިޖިޓަލް އާލާތެއްގައި ހިމެނޭ މައިނާ މޯޑަށް އެ އެއްޗެއް ބަދަލުކުރުމުން، 24 ގަޑިއިރުގެ ތެރޭގައި އެ އާލާތެއް އެންމެ ގިނަވެގެން ވެސް ބޭނުންކުރެވޭނީ ދެ ގަޑިއިރަށެވެ. ދެ ގަޑިއިރު ހަމަވުމާއެކު އެ އާލާތެއްގައި ހުންނަ އޮންލައިން އެޕްލިކޭޝަންތައް އޮޓަމެޓިކުން ނިވޭނެ އެވެ.

އެ އިދާރާއިން ބުނީ ހުށަހަޅާފައިވާ މި މިންގަނޑު ޗައިނާގެ ސަރުކާރުން ފާސްކޮށްފި ނަމަ، ކުޑަކުދިންގެ އުމުރާ ނުގުޅޭ މަންޒަރާއި މައުލޫމާތު އެ ކުދިންނަށް ފޯރާ މިންވަރު ކުޑަކުރެވޭނެ ކަމަށެވެ.

ކުޑަކުދިން ޓީވީ އަދި ސްކްރީން ބެލުމުގެ ފުރުސަތު އެއްގޮތަކަށް ވެސް ނުދިނުމަށް ސްވިޑަންއިން ބެލެނިވެރިންގެ ކިބައިން ވަނީ އެދެފައެވެ.

މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި އެ ގައުމުގެ ޕަބްލިކް ހެލްތު އެޖެންސީން ބުނީ ދެ އަހަރުން ދަށުގެ ކުދިން ޑިޖިޓަލް މީޑިއާ އާއި ޓީވީއާ މުޅިން ދުރުގައި ގެންގުޅެންޖެހޭ ކަމަށެވެ.

އެ އިދާރާއިން ބުނީ އުމުރުން ދެ އަހަރާއި ފަސް އަހަރާ ދެމެދުގެ ކުދިން ދުވާލަކަށް އެންމެ ގިނަވެގެން ދޭންވާނީ އެއް ގަޑިއިރުގެ ސްކްރީން ޓައިމް ކަމަށެވެ. އަދި ހަ އަހަރާއި 12 އަހަރާ ދެމެދުގެ ކުދިން ދުވާލަކު އެއް ގަޑިއިރަށް ނުވަތަ ދެ ގަޑިއިރަށް ވުރެ ގިނަ ވަގުތު ސްކްރީން ކުރިމަތީ ހޭދަކޮށްގެން ނުވާނެ ކަމަށް ބުނެފައިވެއެވެ.

މީގެ އިތުރުން އުމުރުން 13 އަހަރާއި 18 އަހަރާ ދެމެދުގެ ޓީންއޭޖް ކުދިން ދުވާލަކު ދެތިން ގަޑިއިރަށް ސްކްރީން ޓައިމް ލިމިޓް ކުރަން ޖެހޭނެ ކަމަށްވެސް ބުނެފައިވެއެވެ.

2016 ވަނަ އަހަރުގެ ތެރޭގައި އެޑިއުކޭޝަން މިނިސްޓްރީ އާއި ހެލްތު މިނިސްޓްރީ އާއި އެމްއެންޑީއެފް ގުޅިގެން ގްރޭޑް އެކެއްގެ ދަރިވަރުންގެ ދުޅަހެޔޮކަން ހުރި ގޮތް ބެލި އިރު ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ޖުމްލަ 7488 ދަރިވަރުންގެ 92 ޕަސެންޓް ކުދިން ހިމެނުނެވެ. ރާއްޖޭގައި ތިބި 6-7 އުމުރުފުރާގެ ގިނަ ކުދިންގެ ސިއްހީ ކަންކަން ހުރި ގޮތް މި ދިރާސާގައި ރެކޯޑްކުރެވިފައިވެއެވެ.

މި ދިރާސާގައި ބަލާފައިވާ ކަންތައްތަކުގެ ތެރޭގައި، އިސްކޮޅާ އެއްވަރަށް ބަރުދަން ހުންނަ މިންވަރު، އަނގައިގެ ސިއްހަތު، ފެނުމާއި އަޑުއިވުމުގެ ދުޅަހެޔޮކަން، ބަނޑު ހަރުވުން، ޔޫރިން އިންފެކްޝަން، ހަމުގެ މައްސަލަތައް، އެލާޖީ، އެސްމާ، ޓީބީ އަދި ހެޕަޓައިޓިސް ބީ ހިމެނެއެވެ. އޭގެ އިތުރުން މައިންބަފައިން ދުންފަތުގެ އިސްތިއުމާލުކުރޭތޯ ބަލައި އާއިލާގެ ސިއްހީ މައްސަލަތަކުގެ މައުލޫމާތު ހިމެނެއެވެ.

މީގެއިތުރުން ގްރޭޑް އެކެއްގެ ދަރިވަރުންގެ ހެލްތު ސްކްރީނިން އިން އެނގުނު ގޮތުގައި ވަރަށް ގިނަ އަދަދެއްގެ ކުދިން ސްކްރީން ބޭނުންކުރަނީ ނުރައްކާތެރި މިންވަރަކަށެވެ. ހާއްސަކޮށް މާލޭގައި ދިރިއުޅޭ ކުދިންނެވެ.

އެގޮތުން މާލޭގެ ސްކޫލްތަކުގެ ދަރިވަރުންގެ ތެރެއިން ދުވާލަކު ދެ ގަޑިއިރަށް ވުރެ މަދުން ސްކްރީން ބޭނުންކުރާ ކުދިންގެ ނިސްބަތް 57 ޕަސެންޓްގައި ހުރި އިރު ދެ ގަޑި އިރާއި އަށްގަޑި އިރާ ދެމެދުގެ "ސްކްރީން ޓައިމް" 41 ޕަސެންޓަށް އަރައެވެ. އަދި ބައެއް ކުދިން އަށް ގަޑިއިރަށް ވުރެ ގިނަ ވަގުތު ވެސް ސްކްރީން ބެލުމުގައި ހޭދަކުރެއެވެ. މުޅި ރާއްޖެއަށް ބަލާއިރު 64 އިންސައްތަ ދަރިވަރުން ދެ ގަޑިއިރަށް ވުރެ މަދުން، 34 ޕަސެންޓް ކުދިން 2-8 ގަޑިއިރު އަދި 0.8 ޕަސެންޓް ކުދިން އަށް ގަޑިއިރަށް ވުރެ ގިނަ ވަގުތު ސްކްރީން ބޭނުންކުރެއެވެ.

މިއީ 2016 ވަނަ އަހަރުގެ ދިރާސާއިން ދެއްކި އަދަދުތަކެވެ. މިއަދަދުތައް މިހާރު މާ މަތިވާނެކަމަށް ބެލެވެއެވެ.

ސްކްރީން ދައްކަންވީ ކިހިނެއް!؟

ސްކްރީން ޓައިމްގެ ގެއްލުންތައް ގިނަ ނަމަވެސް ސްކްރީން ޓައިމް ނުވަތަ ފޯނު ފަދަ ތަކެއްޗަށް ބެލުމުގައި ވަގުތު ހޭދަކުރުމަކީ ކުޑަކުދިންނަށް އޭގެ ޒާތުގައި މާބޮޑު ނުރައްކަލެއް ކުރިމަތިވާ ކަމެއް ނޫން ކަމަށް ކުޑަކުދިންގެ ޑޮކްޓަރުންގެ ތަޖުރިބާކާރު ބައެއް ބޭފުޅުން ވަނީ ވިދާޅުވެފައެވެ.

ތަޖުރިބާކާރުން ބުނީ ކުޑަކުދިން ސްކްރީން ކުރިމަތީ ހޭދަކުރާ ވަގުތާ ގުޅޭ ގޮތުން ސަމާލުވާންޖެހޭ، ވަކި އިންތަކެއް އެބަހުރި ކަމަށާއި އެ ކަންކަމަށް އަމަލުކުރެވޭ ނަމަ ކަންބޮޑުވާކަށް ނުޖެހޭ ކަމަށެވެ. އަދި މި ގައިޑްލައިންގައި ވަކި ވަގުތަކަށް ސްކްރީން ޓައިމް ފައްތާކަށް ބުނެފައި ނުވިނަމަވެސް ނިދާ ވަގުތާ ގާތްކޮށްފައި ސްކްރީނަށް ނުބަލަން ބުނެފައިވެއެވެ.

ޑޮކްޓަރުން ދިން ލަފާގައި ބުނެފައިވަނީ ކުދިންގެ ނިދުމާއި ކަސްރަތުކުރުމާއި އާއިލާއާ އެކު ހޭދަކުރާ ވަގުތައް ބުރޫ ނާރާ ނަމަ ސްކްރީން ކައިރީގައި ހޭދަކުރާ ވަގުތުގައި މާބޮޑު މައްސަލައެއް އޮތް ކަމެއް ނޫންކަމަށެވެ.

ކުޑަކުދިންނަށް ސްކްރީން ދެއްކުމުގެ އަސަރުތަކާއި، އެކަމުގެ ފައިދާތަކާއި ގެއްލުންތަކެއްވެއެވެ. ދިރާސާތަކުން ދައްކާގޮތުގައި ކުޑަކުދިންނަށް ސްކްރީން ޓައިމް ގިނަވުމުން އެކުދިންގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަމަށް ނޭދެވޭ އަސަރުތަކެއް ކުރެއެވެ. ނަމަވެސް، ހައްދެއްގެ ތެރޭގައި ބޭނުންކުރެވޭ ސްކްރީން ޓައިމްގެ ސަބަބުން ކުދިންގެ ތަޢުލީމީ ކުރިއެރުމަށާއި އިޖްތިމާޢީ ގުޅުންތައް ބަދަހިކުރުމަށް އެހީތެރިވެދެއެވެ. އެހެންވެ ކުޑަކުދިންނަށް ސްކްރީން ޓައިމް ދިނުމުގައި އެންމެ ރަނގަޅު ގޮތަކީ އުމުރާ އެކަށީގެންވާ މިންވަރަކަށް، މައިންބަފައިންގެ ބެލެހެއްޓުމުގެ ދަށުން ދިނުމެވެ. މީގެ އިތުރުން، ކުދިންނަށް ދައްކާ ކޮންޓެންޓް ވާންވާނީ ތަޢުލީމީ އަދި ކުދިންގެ ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމަށެޔޮކަމަށް ފައިދާހުރި އެއްޗަކަށެވެ. ކުޑަކުދިންނަށް ސްކްރީން ޓައިމް ދިނުމަކީ ދެކޮޅު ހަދަންޖެހޭ ކަމެއް ނޫނެވެ. އެހެންނަމަވެސް، އެކަން ކުރަންވާނީ ރޭވުންތެރިކަމާއެކު، ކުދިންގެ އުމުރާ އެކަށީގެންވާ ގޮތަށް، އަދި މައިންބަފައިންގެ ބެލެހެއްޓުމުގެ ދަށުންނެވެ. މިގޮތަށް ޢަމަލުކުރުމުން، ކުދިންނަށް ސްކްރީން ޓައިމްގެ ފައިދާ ލިބި، އޭގެ ގެއްލުންތަކުން ސަލާމަތްވެވޭނެއެވެ.

މި ލިއުމާއި ގުޅޭ