އިކުއެޑޯގައި ފެންލިބުން ދަތިކަމާއި އަލިފާނުގެ ހާދިސާތަކާ ގުޅިގެން ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާނުކޮށްފިއެވެ.
އެގައުމުގެ ރިސްކް މެނޭޖްމަންޓް ނެޝަނަލް ސެކްރެޓޭރިއެޓް (އެސްއެންޖީއާރު) އިން ހޯމަ ދުވަހު ބުނެފައިވަނީ އިކުއެޑޯގައި ފެން ލިބުން ދަތިވެ، ހަނަފަސްކަމާއި އަދި އަލިފާނުގެ ހާދިސާތަކާ ގުޅިގެން ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާނުކޮށްފައިވާ ކަމަށެވެ. މި ހިނގާ ނޮވެމްބަރު މަހުގެ މިހާތަނަށް އެ ޤައުމުގެ ދެކުނުގައި 10،000 ހެކްޓަރު (25،000 އޭކަރު) އަށްވުރެ ގިނަ ސަރަހައްދެއްގައި އަލިފާން ރޯވެފައިވެއެވެ.
އެސްއެންޖީއާރުގެ ބަޔާނުގައި ބުނެފައިވަނީ މިހާރު މިވަގުތުވެސް އެ ޤައުމުގައި 17 އަލިފާނުގެ ހާދިސާ ހިނގަމުންދާ ކަމަށާއި، 5 ހާދިސާ ކޮންޓްރޯލް ކުރެވިފައިވާ ކަމަށެވެ. ކުއްލި ނުރައްކަލުގެ ހާލަތު ދެމިއޮންނާނީ 60 ދުވަހުގެ މުއްދަތަށް ކަމަށާއި، މި މުއްދަތު ހަމަވާނީ ފެބްރުއަރީ މަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގެ ކެމްޕޭން ދުވަސްވަރު ކަމަށްވެސް ބުނެފައިވެއެވެ.
އަލިފާން ނިއްވުމުގެ މަސައްކަތަށް ޕެރޫ އާއި އިޓަލީން ވައިގެ އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ. މިހާތަނަށް އަޒުއޭ އަދި ލޯޖާ ޕްރޮވިންސްގައި 8 ހެލިކޮޕްޓަރު މަސައްކަތްކުރަމުންދެއެވެ. މީގެ ތެރޭގައި އިކުއެޑޯ އެއަރ ފޯސްގެ 3 ހެލިކޮޕްޓަރާއި، ފުލުހުންގެ އެއް ހެލިކޮޕްޓަރާއި، އާމީގެ އެއް ހެލިކޮޕްޓަރާއި، ޕެރޫގެ 2 ހެލިކޮޕްޓަރާއި، އިޓަލީ އެމްބަސީން މެނޭޖްކުރާ އަމިއްލަ ކުންފުންޏެއްގެ އެއް ހެލިކޮޕްޓަރު ހިމެނެއެވެ. އަދި ސަދަހަ ފަޔަރ ފައިޓަރުންނާއި ރަށްވެހިން ބިމުގައި މަސައްކަތްކުރަމުންދެއެވެ.
އެސްއެންޖީއާރުގެ ބަޔާނުގައި ބުނެފައިވަނީ ހޯމަ ދުވަހުން ފެށިގެން، ނޮވެމްބަރު 18 ވަނަ ދުވަހު، އެސްއެންޖީއާރުން ޤައުމުގައި ހިނގަމުންދާ އަލިފާނުގެ ހާދިސާތަކާ ބެހޭ އަޕްޑޭޓްތައް ދިނުމަށް ކޮންމެ ދުވަހަކު މީޑިއާއާއެކު ބައްދަލުވުމެއް ބާއްވާނެ ކަމަށެވެ.
ހަނަފަސްކަމުގެ ސަބަބުން ހައިޑްރޯ އިލެކްޓްރިކް ޕްލާންޓްތަކުގެ އުފެއްދުންތެރިކަމަށް އަސަރުކޮށް، އިކުއެޑޯރގައި ހަކަތައިގެ ހާލަތު ގޯސްވުމާ ގުޅިގެން، ސަރުކާރުން ވަނީ ދުވާލަކު 14 ގަޑިއިރަށް ކަރަންޓު ކަނޑާލުމަށް ނިންމާފައެވެ. ފެން މަދުވުމުގެ ސަބަބުން ޤައުމުގެ ކަރަންޓުގެ 70 އިންސައްތަ އުފައްދާ ހައިޑްރޯ އިލެކްޓްރިކް ޕްލާންޓްތަކުގެ ރިޒަވުއަރތަކުގެ ފެންވަރު ވަނީ ނުރައްކާތެރި މިންވަރަކަށް ދަށްވެފައެވެ.
މި ހާދިސާތަކާ ގުޅިގެން އިކުއެޑޯގެ ރައީސް ގިއެރްމޯ ލާސޯ ވަނީ ޤައުމީ ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާނުކޮށްފައެވެ. މި ހާލަތުގެ ދަށުން، ސަރުކާރަށް ލިބިގެންދަނީ އިތުރު ވަސީލަތްތައް ބޭނުންކުރުމާއި، އަވަސް ފިޔަވަޅުތައް އެޅުމުގެ ބާރެވެ.
އިކުއެޑޯރުގެ މޫސުމީ މަރުކަޒުން ބުނެފައިވަނީ މި އަހަރު އެ ޤައުމަށް ވަރަށް މަދުން ވާރޭވެހި، އާދަޔާ ޚިލާފު ހޫނު މޫސުމެއް ކުރިމަތިވެފައިވާ ކަމަށެވެ. މިކަމުގެ ސަބަބުން ގަސްގަހާގެހީގައި އަލިފާން ރޯވުމުގެ ފުރުސަތު ބޮޑުވެފައިވާ ކަމަށް އެ މަރުކަޒުން ބުނެފައިވެއެވެ.