ދިވެހިރާއްޖޭގެ އެމްބަސީއެއް އިޓަލީގައި ހުޅުވަން ތައްޔާރުވަމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިކަން ހާމަކުރެއްވީ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ދަރުބާރުގޭގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
އިޓަލީގައި ދިވެހި އެމްބަސީއެއް ގާއިމްކުރުމުގެ ތައްޔާރީތައް ސަރުކާރުން ވަމުން އަންނައިރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒު ރައީސްކަމާއި ހަވާލުވެވަޑައިގަތުމަށްފަހު ދިވެހިރާއްޖެ އާއި އެހެން ގައުމުތަކާ އޮންނަ ގުޅުން ބަދަހި ކުރައްވަން ގިނަ މަސައްކަތްތަކެއް އަންނަނީ ކުރައްވަމުންނެވެ.
އެގޮތުން މި އަހަރުގެ ތެރޭގައި ތުރުކީގެ އަންކާރާގައި ދިވެހިރާއްޖޭގެ އެމްބަސީއެއް މިހާރު ވަނީ ގާއިމްކޮށްފައެވެ. އަދި ދާދި ފަހުން ވަނީ ތުރުކީ އާއިއެކު ފްރީ ޓްރޭޑް އެއްބަސްވުމެއްގައިވެސް ސޮއި ކޮށްފައެވެ.