Wednesday 19th Mar 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރިޕޯޓް

ލެންޓާން - އިޖުތިމާއީ މަސައްކަތުގެ މުހިންމު ބައިވެރިއެއް

ލެންޓާންގެ ހަރަކާތެއްގެ ތެރެއިން، ފޮޓޯ: ލެންޓާން

މީހުން ބިނާކުރުމާއި އެނޫންވެސް އިޖުތިމާޢީ ގޮތުން މުޙިއްމު މަސައްކަތްތައް ކުރަމުން އަންނަ މަދަނީ ޖަމުޢިއްޔާތައް ދުނިޔޭގެ އެހެން ގައުމަތަކޭ އެއްފަދައިން ދިވެހިރާއްޖޭގައިވެސް ގިނައެވެ. އެ ޖަމުޢިއްޔާތަކުން ކުރަމުން އެ އަންނަ ބުރަ މަސައްކަތްތަކުގެ ނަތީޖާ ދިވެހި މުޖުތަމަޢިން ފެންނަކަމީ އެ ޖަމުޢިއްޔާތައް ހުއްޓުމެއް ނެތި ހިނގަމުން އަންނަ ސަބަބުތަކުން ސަބަބެއްކަން ކަށަވަރެވެ. ދިވެހިރާއްޖޭގެ މިފަދަ ޖަމުއިއްޔާއެއްކަމަށްވާ 'ލެންޓާން"އިންވެސް ކުރަނީ އިޖުތިމާޢީ ގޮތުން މީހުން ބިނާކުރުމުގެ މުޙިއްމު މަސައްކަތެވެ. ފޭސްބުކް 32 ހާސް ފޮލޯވަރުންނާއި އިންޓަގްރާމްގެ ވެސް ހާހެއްހާ ފޮލޯވަރުން ލެންޓާންގައި އެބަ ތިއްބެވެ.

ލެންޓާނަކީ އިންސާނީ ވަސީލަތްތައް ތަރައްޤީކުރުމުގައި އެކި ދާއިރާތަކުން ރައްޔިތުންނަށް ބޭނުންވާ ކަންކަމުގައި މަދަނީ ބައިވެރިއެއްގެ ގޮތުން ތަފާތު މަސައްކަތްތައް ކުރުމާއި ދެމެހެއްޓިނިވި ތަރައްޤީއަށް މަސައްކަތް ކުރުމާއި، ގުދުރަތީ ވަސީލަތްތައް ހިމާޔަތްކޮށް ތިމާވެށީގެ މަސައްކަތްތަކާމެދު ރައްކާތެރިވުމާއި ހޭލުންތެރިވުމުގެ ޕްރޮގްރާމްތައް ހިންގާ ޖަމިއްޔާއެކެވެ. ޖަމިއްޔާއަކީ އެކަންކަމުގެ ހައްލު ހޯދުމަށް މަސައްކަތް ކުރުމާއި އަދި އިޖުތިމާއީ ސަގާފީ އަދި ދީނީ ރޮނގުން ރައްޔިތުންނަށް ބޭނުންވާ ތަފާތު ފުރުޞަތުތައް ހޯދުމަށް ހަރަކާތްތައް ހިންގުމުގެ އިސްރޯލެއް އަދާކުރުމުގެ މަގުޞަދުގައި އުފައްދާފައިވާ މަދަނީ ޖަމުޢިއްޔާއެކެވެ.

ލެންޓާންގެ ރައީސް ޤާއިމް ޔޫސުފް "ދިޔަރެސް"އަށް ވިދާޅުވީ އެ ޖަމުޢިއްޔާއަށް ލެންޓާންގެ ނަން ދިނީ ވަރަށް ގިނަ ގޮތް ގޮތުން ވިސްނާފައި، މަޝްވަރާތަކެއް ކޮށްގެންކަމަށެވެ. އަދި އެ ނަމުން މާނަކޮށްދޭން ބޭނުންވަނީ އެ ޖަމުޢިއްޔާއަކީ މުޖުތަމަޢުއަށް ވާ އައްޔެއްކަންކަމަށާއި އެ ޖަމުޢިއްޔާއަށް ލެންޓާންގެ ނަމުން ނަންކިޔާފައިވަނީ އެއީ އެންމެންނަށްވެސް ނަގައިގަނެވޭނެ ނަމަކަށްވީމައިކަމަށް އޭނާ ވިދާޅުވިއެވެ.

ލެންޓާން އުފެދިގެން އައީ ކިހިނެއް!؟

"2014 ވަނަ އަހަރު ރ. އަތޮޅު ދައުވާ ޓްރިޕްގެ މަސައްކަތް ހުޅުދުއްފާރުގައި ޒުވާނުންގެ ގްރޫޕަކާއި އެއްކޮށް ރާވައި ހިންގުމުގެ ތެރޭގައި ވިސްނުނީ މިކަހަލަ އިވެންޓުތައް ހިންގަން ވަރަށް ފަސޭހަވާނެއޭ އެންޖީއޯއެއްގެ ހައިސިއްޔަތުން. އޭގެ އިތުރުން މުޖުތަމަޢަށް ވެސް ފައިދާ ކުރަނިވި މަސައްކަތްތަކެއް ކުރެވޭނެއޭ އެފަދަ ޖަމުޢިއްޔާއެއްގެ ހައިސިއްޔަތުން، ދެން ރަށުގައި އޭރު އެކްޓިވްކޮށް އޮތް ދެ ޖަމުޢިއްޔާއާ ތަންކޮޅެއް ތަފާތު ގޮތަކަށް ހިންގުމަށް ވިސްނިފައި އޮތީމައި 2015 އިން ފެށިގެން ލެންޓާންގެ ނަމުގައި ގްރޫޕެއް ހަދައިގެން އިވެންޓުތަކާއި އެކި ކަހަލަ ހަރަކާތްތައް ހިންގަން ފެށީ އެންމެ ފުރަތަމަ، ބޭނުމަކީ އެންޖީއޯއެއް ހިންގިދާނެތޯ ބެލުން، ދެން ކާމިޔާބު ޕްރޮގްރާމުތަކެއް ރަށާއި އަތޮޅު އަދި އަތޮޅުން ބޭރުގައިވެސް ހިންގުނީމައި ރަސްމީކޮށް އެންޖީއޯއެއްގެ ގޮތުގައި ރަޖިސްޓާ ވީ 2019 ވަނަ އަހަރުގައި" ލެންޓާން އުފެދިގެން އައި އޮތް ޤާއިމް ކިޔައިދެއްވިއެވެ.

ޤާއިމް ވިދާޅުވިގޮތުގައި އެ ޖަމުއިއްޔާއިން މައިގަނޑުގޮތެއްގައި ކުރަނީ އިޖުތިމާޢީގޮތުން މީހުން ބިނާކުރުމުގެ މަސައްކަތެވެ. އެ މަސައްކަތް ކުރަނީ ދީނީ ދަރުސް ޕްރޮގްރާމްތަކުގެ ތެރެއިންނާއި ތަޢުލީމީ އެކި އެކި ޕްރޮގްރާމްތަކުގެ ތެރެއިންނެވެ.

ލެންޓާން އުފެދިގެން އައީ ވަރަށް މަދު ބަޔަކާއެކުއެވެ. ޤާއިމް ވިދާޅުވީ މިހާރުވެސް ބަލަނީ އެ އަދަދު ވީހާވެސް މަދުކޮށް ބެހެއްޓުމަށްކަމަށާއި މީހުން ގިނަވެ 'އިންއެކްޓިވް' މީހުން އިތުރުވާ ވަރަކަށް އެކްޓިވް މީހުންގެ 'މޯޓިވޭޝަން'ވެސް ގެއްލޭކަމަކަށެވެ. އެހެންވެ 'އެކްޓިވް މޯޓިވޭޓް' މީހުން ތިބެގެން އެ ޖަމުޢިއްޔާ ހުއްޓުމެއް ނެތި ކުރިއަށްގެންދިއުމަކީ އެންމެ އިސްކަންދޭ ކަންތައްކަމަށް އޭނާ ވިދާޅުވިއެވެ.

ލެންޓާނުން ޙަރަކާތްތައް ކުރިއަށް ގެންދަނީ ކޮން ރަށްރަށަކު!؟

"މިހާތަނަށް ކުރިއަށް ގެންދެވުނު އިވެންޓުތަކާއި ޕްރޮގްރާމްތަކަށް އާއްމުކޮށް ޕްޒިޓިވްކޮށް ކޮމެންޓުތައް އައިސްފައިހުރީ. އަޅުގަނޑުމެންނަށް ހއ. އިންފެށިގެން ބ. އަތޮޅުގެ އެކި ރަށްރަށުގައި ޕްރޮގްރާމްތައް ޖެއްސިއްޖެ. މަސައްކަތް ހުންނަ ގޮތުން ބިޒީ ވީމައި ރިކުއެސްޓު އަންނަ ވަރަށް ޕްރޮގްރާމްތައް ނުޖެއްސިފައި އޮންނަނީވެސް" ރަށްރަށުން އެ ޖަމުއިއްޔާއަށް ދެމުން އަންނަ ތަރުހީބު ފާހަގަކުރައްވާ އޭނާ ވިދާޅުވިއެވެ.

ލެންޓާނުން މި ރަށްރަށުގައި ސްކޫލު ކުދިންނަށާއި އަދި އާއްމު ރައްޔިތުންނަށްވެސް އަމާޒުކޮށްގެން ދީނީ ޕްރޮގްރާމުތަކާއި ތަޢުލީމީ އަދި އިޖުތިމާޢީ އެކި އެކި ހަރަކާތްތައް ތަފާތު ގޮތްގޮތަށް ކުރިއަށް ގެންގޮސްފައިވެއެވެ. މި ޕްރޮގްރާމުތައް ކުރިއަށް ގެންގޮސްފައިވަނީ އެ ރަށްރަށުން އެދިގެންނެވެ. އަދި މި ރަށްރަށުން ލެންޓާންގެ މި ހަރަކާތްތަކަށް ހޫނު މަރުހަބާއެއް ލިބިފައިވާކަންވެސް ފާހަގަކޮށްލެވެއެވެ.

"މުޖުތަމަޢަށް ހެޔޮ ބަދަލެއް ގެނެވޭތޯ މި މަސައްކަތްތައް މި ކުރަނީ، އަޅުގަނޑުމެންނަށް އޮންނާނީ މަސައްކަތް ކުރުން. ނަތީޖާ އަންނަނީ ﷲ ސުބުހާނަހޫ ވަތަޢާލާގެ ފަރާތުން. ޓައިމް ވިލް ޓެލް، އިންޝާ ﷲ." ޤާއިމް އިތުރަށް ވިދާޅުވިއެވެ.

ލެންޓާނުން ކުރަނީ ކޮން މަސައްކަތެއް!؟

ލެންޓާންގެ އެންމެ ބޮޑު ރައުސުލްމާލުކަމަށް ޤާއިމް ވިދާޅުވީ އެ ޖަމުޢިއްޔާގެ 'ހިއުމަން ކެޕިޓަލް'އެވެ. އޭނާ ވިދާޅުވީ މި ވަގުތު އެ ޖަމުއިއްޔާގައި އެކްޓިވް ތިން ޝެއިޚުން އެބަ ތިބިކަމަށާއި ޓީޗަރުން ވެސް ތިބިކަމަށެވެ.

އެހެންވެ ދީނީ ތަޢުލީމީ އަދި މޯޓިވޭޝަނަލް ޕްރޮގްރާމްތައް ކުރިއަށް ގެންދަން ވަރަށް ބޮޑު ލުޔަކަށް ވެގެންގޮސްފައިވާކަމަށާއި ލެންޓާން ލެންޓާންގެ ގޮތުގައި އޮންނަނީ އެ މެންބަރުންގެ ސަބަބުންނާއި އެ މެންބަރުންގެ ފަހަތުން މަސައްކަތްކުރާ ޓީމްގެ ސަބަބުންކަމަށް އޭނާ ވިދާޅުވިއެވެ.

ލެންޓާނުން ސޯޝަލް މީޑިއާގެ ޕްލެޓުފޯމްތަކަށް ވެސް ދީނީ، ތަޢުލީމީ އަދި އިޖުތިމާޢީ އެކި ކަހަލަ ޕޯސްޓުތަކާއި ވީޑިއޯތައް ދޫކުރެއެވެ. ޤާއިމް ވިދާޅުވިގޮތުގައި މިއީ މުޖުތަމަޢަށް ފައިދާކުރާނެކަމުގެ އުންމީދުގައި ކުރަމުންދާ މަސައްކަތްތަކެވެ.

ލެންޓާންގެ ޕޯސްޓުތަކާއި ވީޑިއޯތަކަކީވެސް އެ ޖަމުއިއްޔާގެ މެންބަރުންގެ އަމިއްލަ މަސައްކަތްތަކެވެ. މިފަދަ ހުނަރު ހުރި ޒުވާނުންތަކެއް މުޖުތަމަޢަށް ބަދަލެއް ގެނައުމަށްޓަކައި މަސައްކަތް ކުރުމަކީ ދިވެހި މުޖުތަމަޢަށް ނުހަނު ލާބައާއި މަންފާ ކުރާނެ ކަމެކެވެ.

މީގެއިތުރުން ކޮންމެ ރަމަޟާން މަހަކާއި ޢީދު ދުވަސްތަކާއި ގުޅިގެންވެސް ލެންޓާނުން ތަފާތު ޕްރޮގްރާމްތަކާއި ހަރަކާތްތައް ކުރިއަށް ގެންދެއެވެ. އޭގެ ތެރެއިން ޢީދު ދުވަހު ގެންނަ ތަހާނީ ޕްރޮގްރާމަކީވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުން މީހުން ބައިވެރިވި ހަރަކާތެކެވެ. އަދި ލެންޓާންއިން މީގެ ކުރިން ގެނެސްދިން "ހަމްދީގެ ސުވާލު"އަށްވެސް ގިނަ ބައެއްގެ ތަރުހީބު ލިބިފައިވާކަން ފާހަގަކޮށްލެވެއެވެ.

މަދަނީ ޖަމުއިއްޔާތަކަކީ ސަރުކާރުގެ ކޮންޓްރޯލެއް ނެތި މިނިވަންކަމާއެކު މަސައްކަތްކުރާ ތަންތަނެވެ. މިފަދަ ޖަމުއިއްޔާތަކަކީ އަމިއްލަ ފައިދާއަށް މަސައްކަތް ނުކުރާ މުޖުތަމަޢުގެ ލާބައާއި މަންފާއަށްޓަކައި މަސައްކަތް ކުރާ ޖަމުޢިއްޔާތަކެވެ. މުޖުތަމަޢުއާއި ސަރުކާރާ ދެމެދު މެދުވެރިއެއްގެ ގޮތުން މަސައްކަތްކުރާ މިފަދަ ޖަމުއިއްޔާތަކުން މުޖުތަމަޢުގައި ހުންނަ މަސައްލަތައް ސަރުކާރު މެދުވެރިކޮށް ޙައްލުކުރުމުގައި މުހިއްމު ދައުރެއް އަދާކުރެއެވެ. ދިވެހި މި މުޖުތަމަޢައަށްވެސް ބޭނުންވަނީ ލެންޓާން ފަދައިން މި މުޖުތަމަޢަށް ހެޔޮ ބަދަލެއް ގެންނަން މަސައްކަތް ކުރާނެ ޖަމުޢިއްޔާތަކެކެވެ. އޭރުން އަޚްލާގު ރަނގަޅު ދަރިންތަކެއް ތިބި މުޖުތަމަޢުއެއް ބިނާ ކުރެވި މި މުޖުތަމަޢު އަމާން ތަނަކަށް ހެދޭނެކަން ކަށަވަރެވެ.

މި ލިއުމާއި ގުޅޭ