Saturday 18th Jan 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ވަލްޑަމިއަރު ޕުޓިން

ޓްރަމްޕާއެކު މަޝްވަރާކުރުމަށް ތައްޔާރު: ޕޫޓިން

އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕާއެކު މަޝްވަރާކުރުމަށް ތައްޔާރަށް ހުންނެވިކަމަށް ރަޝިއާގެ ރައީސް ވުލަޑިމިއަރ ޕޫޓިން ވިދާޅުވެއްޖެއެވެ.

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަލުން ރިޔާސީ އިންތިޚާބު ކާމިޔާބުކުރުމާ ގުޅިގެން މަރުޙަބާ ވިދާޅުވުމަށްފަހު ބުރާސްފަތި ދުވަހު ދެއްކެވި ވާހަކަފުޅެއްގައި ޕުޓިން ވިދާޅުވީ، ޓްރަމްޕް ކުރިން ޔުކްރެއިނާއި ބެހޭގޮތުން އަދި ރަޝިޔާއާއެކު ގުޅުން އަލުން ރަނގަޅުކުރުމާ ބެހޭގޮތުން ދައްކާފައިވާ ވާހަކަތަކަށް ސަމާލުކަން ދޭންޖެހޭ ކަމަށެވެ.

ރަޝިޔާގެ ދެކުނުގައިވާ ސޯޗީ ސިޓީގައި ބޭއްވުނު ވަލްޑައި ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން ޕޫޓިން ވިދާޅުވީ، "ޔުކްރެއިންގެ ހަނގުރާމަ ނިންމުމާއި ރަޝިޔާއާއެކު ގުޅުން އަލުން ރަނގަޅުކުރުމާ ބެހޭގޮތުން ދެއްކެވި ވާހަކަފުޅުތަކަށް، ސަމާލުކަން ދޭންޖެހޭ" ކަމަށެވެ. އަދި ޓްރަމްޕާއެކު މަޝްވަރާކުރުމަށް ތައްޔާރަށް ހުރިކަމަށްވެސް ވިދާޅުވިއެވެ.

ޓްރަމްޕްވެސް ވަނީ އެން.ބީ.ސީ ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ޕުޓިންއާއެކު ވާހަކަދެއްކުމަށް ތައްޔާރަށް ހުރި ކަމަށް ވިދާޅުވެފައެވެ. "އަޅުގަނޑު ހިތުން އަޅުގަނޑުމެން ވާހަކަދައްކާނެ" ޓްރަމްޕް ވިދާޅުވިއެވެ.

މީގެ ކުރިންވެސް ޓްރަމްޕް ވަނީ ، ޔުކްރެއިންގެ ހަނގުރާމަ ގަޑިއިރުތަކެއްގެ ތެރޭގައި ނިންމާލެވިދާނެ ކަމަށްވިދާޅުވެ، އެމެރިކާއިން ޔުކްރެއިނަށް ދޭ އެހީތަކާމެދު ފާޑުކިޔާފައެވެ. އަދި ޓްރަމްޕް ވަނީ ޔުކްރެއިންގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީއާވެސް ވާހަކަދައްކަވާފައެވެ.

ޕޫޓިން ވަނީ ޓްރަމްޕަށް ތަޢުރީފުކުރައްވައި، ޖުލައި މަހު ޕެންސިލްވޭނިއާގައި ބޭއްވުނު ކެމްޕެއިން ރެލީއެއްގައި ޓްރަމްޕަށް ދިމާވި އަވަހާރަކޮށްލަން އުޅުނު ހާދިސާގައި "ހަގީގީ ފިރިހެނެއްގެ" ގޮތުގައި ޢަމަލުކުރެއްވި ކަމަށް ވިދާޅުވެފައެވެ.

ރަޝިޔާއާއި އެމެރިކާގެ ގުޅުން ވަނީ ފާއިތުވި އަހަރުތަކުގައި ވަރަށް ބޮޑަށް ގޯސްވެފައެވެ. ޚާއްޞަކޮށް 2022 ވަނަ އަހަރު ރަޝިޔާއިން ޔުކްރެއިނަށް ހަނގުރާމަ އިޢުލާނުކުރުމަށްފަހު، ދެ ޤައުމުގެ ގުޅުން ވަނީ ވަރަށް ދަށު ދަރަޖައަކަށް ގޮސްފައެވެ. އެމެރިކާއިން ވަނީ ރަޝިޔާގެ މައްޗަށް ހަރުކަށި އިޤްތިޞާދީ ފިޔަވަޅުތަކެއް އަޅައި، ޔުކްރެއިނަށް ސިޔާސީ، އިޤްތިޞާދީ އަދި ސަލާމަތީ އެހީތެރިކަން ފޯރުކޮށްދީފައެވެ.

މި ހާލަތުގައި، ކުރީގެ ރައީސް ޓްރަމްޕް އަލުން ރިޔާސީ އިންތިޚާބު ކާމިޔާބުކުރުމާއެކު، ދެ ޤައުމުގެ ގުޅުން އަލުން ރަނގަޅުވެދާނެކަމުގެ އުންމީދު ބައެއް ފަރާތްތަކުން ކުރަމުންދެއެވެ. ނަމަވެސް، މި ކަމާމެދު ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ކަންބޮޑުވުންތައްވެސް ފާޅުކުރަމުންދެއެވެ.
މި ލިއުމާއި ގުޅޭ