މޯލްޑިވްސް އިސްލާމިކް ބޭންކުގެ ޚިދުމަތްތައް ފުޅާކޮށް ރާއްޖޭ އިތުރު 19 ރަށެއްގައި އޭޓީއެމް ބެހެއްޓުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުން އެކުލަވާލާފައިވަނީ އިކޮނޮމިކް މިނިސްޓްރީ އާއި އެމްއައިބީ އާ ދެމެދުއެވެ. އިކޮނޮމިކް މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރު މުހައްމަދު ސައީދެވެ. އަދި ބޭންކުގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު މުފައްދަލް އިދްރީސް ޚުމްރީއެވެ.
މި އެއްބަސްވުމުގެ ދަށުން އިތުރު 19 ރަށެއްގައި އިސްލާމިކް ބޭންކުގެ އޭޓީއެމް ގާއިމް ކުރުމަށް ވަނީ ހަމަޖެހިފައެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.
އަންނަ އަހަރު އެމްއައިބީން އޭޓީއެމް ބަހައްޓާ ރަށްތައް:
މި ރަސްމީއްޔާތުގައި ވާހަކަ ދައްކަވަމުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ މި މަސައްކަތަކީ ރައްޔިތުންގެ މާލީ ބައިވެރުވުން ކަށަވަރުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅުގެ ދަށުން ކުރެވޭ މަސައްކަތުގެ ދަށުން ފަށާ މަސައްކަތެއް ކަމަށެވެ. އަދި މިކަމުގެ އެއް ބައިވެރިއެއް ގޮތުގައި އިސްލާމިކް ބެންކުން ދެއްވާ އެއްބާރުލުމަށް މިނިސްޓަރު ވަނީ ޝުކުރު އަދާކުރައްވާފައެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްއައިބީގެ ސީއީއޯ ވިދާޅުވީ އެ ބޭންކުން މިހާރު ކުރަމުންދާ މަސައްކަތާއި، މި އެއްބަސްވުމުގެ ދަށުން ކުރަން ހަމަޖެހިފައިވާ މަސައްކަތް ނިމުމުން އެމްއިބީގެ ޖުމްލަ 62 އޭޓީއެމް 16 އަތޮޅެއްގެ 37 ރަށެއްގައި އޮޕަރޭޓް ކުރަމުން ދާނެކަމަށެވެ.
ރާއްޖޭގެ ރަށްތަކަށް އޭޓީއެމް ޚިދުމަތް ފުޅާކުރުމަށް 109 އޭޓީއެމް އެކި ރަށްތަކުގައި ބެހެއްޓުމަށް ބޭންކް އޮފް މޯލްޑިވްސްއާއެކު ވެސް ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.