Friday 18th Jul 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޙައްޖު ކޯޕަރޭޝަން

ހައްޖު ކޯޕަރޭޝަނުން މާފުށީގައި ސިޓީ ހޮޓަލެއް އަޅައި ހަލާލް ޓޫރިޒަމް ފަށަނީ

މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނަކީ ފައިދާވާ ކުންފުންޏަކަށް ހެދުމަށްޓަކައި ކ. މާފުށީގައި ސިޓީ ހޮޓަލެއް އެޅުމަށް ނިންމާފައިވާކަމަށް އެ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަކީލް ވިދާޅުވެއްޖެއެވެ.

ޝަކީލް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގައި ޙައްޖު ކޯޕަރޭޝަންގެ ކުރިމަގާ ގުޅޭގޮތުން ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދު ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުންނެވެ.

ޝަކީލް ވިދާޅުވީ ޙައްޖު ކޯޕަރޭޝަނަކީ ބޭރު ފައިސާއިން މުޢާމަލާތުކުރަންޖެހޭ ކުންފުންޏަކަށް ވާތީ، ބޭރު ފައިސާއިން އާމްދަނީ ލިބޭނެ ގޮތްތައް ހޯދުމަށް މަސައްކަތްކުރަމުންދާކަމަށެވެ. އެގޮތުން މާފުށީގައި "ހަލާާލް ޓޫރިޒަމް" ތައާރަފުކޮށް ސިޓީ ހޮޓަލެއް ތަރައްޤީކުރުމަށް ނިންމާފައިވާ ކަމަށެވެ.

ޝަކީލް އިތުރަށް ވިދާޅުވީ މާފުށީގައި ސިޓީ ހޮޓަލެއް ހިންގުމަށް މާފުށީ ކައުންސިލްގެ ކުންފުންޏާއި ހައްޖު ކޯޕަރޭޝަނާ ގުޅިގެން ސަބްސިޑަރީ ކުންފުންޏެއް އުފެއްދުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، އެކަމަށް ބޭނުންވާ ބިންވެސް މިހާރު ހަމަޖެހިފައިވާކަމަށެވެ.

މީގެއިތުރުން ޙައްޖު ކޯޕަރޭޝަނަކީ ފައިދާވާ ކުންފުންޏަކަށް ހަދައި، ޙައްޖަށް މީހުން ގެންދިއުމަށް ނަގާ އަގު ކުޑަކުރުމަކީ މި ސަރުކާރުގެ އަމާޒެއް ކަމަށް ޝަކީލް ވިދާޅުވިއެވެ. އެކަން ކުރުމަށްޓަކައި ރިއަލް އެސްޓޭޓް ވިޔަފާރީގެ ދާއިރާއަށް ވަދެ އާމްދަނީ އިތުރުކުރުމަށް ނިންމާފައިވާކަމަށް ޝަކީލް ފާހަގަކުރެއްވި އެވެ.

އެގޮތުން ހުޅުމާލޭގައި ލަގްޒަރީ ފެންވަރުގެ އެޕާޓްމަންޓުތަކެއް ތަރައްޤީކޮށް އެތަން ވިއްކުމަށް ނިންމައި، މިހާރު އެ އެޕާޓްމަންޓުތައް ކުރެހުމުގެ މަސައްކަތްކުރަމުންދާކަމަށް ޝަކީލް މައުލޫމާތުދެއްވިއެވެ. އަދި ކުރިއަށްއޮތް ދެތިން މަސް ދުވަހުގެ ތެރޭގައި އެ މަސައްކަތް ބަޔަކާ ހަވާލުކުރާނެކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ޙައްޖު ކޯޕަރޭޝަނުން މިހާރު މީހުން ޙައްޖަށް ގެންދަނީ 69,965 ރުފިޔާއަށެވެ. އެ ކޯޕަރޭޝަންގެ އަމާޒަކީ ޙައްޖަށް މީހުން ގެންދަން ނަގާ އަގު، 50،000 ރުފިޔާއަށް ކުޑަ ކުރުމެވެ.
މި ލިއުމާއި ގުޅޭ