Friday 13th Dec 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މާލިއްޔަތު ކޮމިޓީ

އެމްޑީޕީ ސަރުކާރުން ބަދަލުގެ ގޮތުގައި ދީފައިވާ މުދަލާއި ފައިސާގެ އޮޑިޓެއް ހަދަނީ

ނިމުނު އެމްޑީޕީ ސަރުކާރުން އުފެއްދި ސެޓްލްމަންޓް ކޮމިޓީން ބަދަލުގެ ގޮތުގައި އެކި ފަރާތްތަކަށް ދީފައިވާ މުދަލާއި ފައިސާގެ އޮޑިޓެއް ހެދުމަށް އޮޑިޓާ ޖެނެރަލްގެ އޮފީހަށް ފޮނުވުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއިން ނިންމައިފިއެވެ.

މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ބަދަލުގެ ގޮތުގައި ދީފައިވާ ފައިސާގެ އޮޑިޓެއް ހެދުމަށް ހުށަހެޅުއްވީ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއުއެވެ. "އޭރުން އަޅުގަނޑުމެންނަށް ތަންކޮޅެއް ފަސޭހަ ވާނެތީ އަޅުގަނޑު މިގޮތަށް މި ހުށަހެޅީ. އޭރުން ވަކިވަކި މައްސަލަތައް ކޮމިޓީން ބެލުމުގެ ބަދަލުގައި އޮޑިޓާ ޖެނެރަލް، މި ބަދަލު ދީފައި ހުރި ގޮތްގޮތާއި ހުރިހާ ކަމެއް ބައްލަވާފަ ކޮމިޓީއަށް ގެނެސްދެއްވުމަށް އަޅުގަނޑު ހުށަހަޅަން"، ޝުޖާއު ވިދާޅުވިއެވެ.

ޝުޖާއުގެ މި ހުށަހެޅުމަށް އެއްވެސް މެންބަރަކު އިއުތިރާޒު ކުރައްވާފައި ނެތުމުން ކޮމިޓީން ވަނީ އެގޮތަށް ނިންމާފައެވެ.

ސަރުކާރާ އަމިއްލަ ފަރާތްތަކާ ދެމެދު އުފެދިފައިވާ މައްސަލަތައް ހައްލުކުރުމަށް ކަމަށްބުނެ ކުރީ ސަރުކާރުން އުފެއްދި ސެޓްލްމަންޓް ކޮމިޓީން ނިންމާފައިވާ ނިންމުންތައް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ބަލަން ފެށީ މިދިޔަ އޮކްޓޯބަރު މަހުއެވެ.

މައްސަލައާ ގުޅޭގޮތުން ބަންޑާރަ ނައިބު އަހުމަދު އުޝާމް ކޮމިޓީއަށް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އުފައްދާފައިވާ ސެޓްލްމަންޓް ކޮމިޓީން ބަދަލު ދިނުމުގެ ކަންކަން ކުރިއަށް ގެންގޮސްފައިވަނީ އެމްޑީޕީގެ އަޣުލަބިއްޔަތު އޮތް ކުރީގެ މާލިއްޔަތު ކޮމިޓީގެ ނިންމުމަކާ ހަވާލާދީ ކަން ވަކި ވަކި މައްސަލަތަކަށް ބެއްލެވުމުން ފާހަގަވެފައިވާ ކަމަށެވެ.

2022 ވަނަ އަހަރު މާލިއްޔަތު ކޮމިޓީން ލަފާ ދީފައިވަނީ ބަދަލު ދިނުމުގެ ކަންކަން ކަނޑައެޅިފައިވާ ވަކި އުސޫލެއްގެ ދަށުން ކުރިއަށް ގެންދިއުމަށެވެ. ނަމަވެސް އެއަށް ރިއާޔަތްކޮށް ކުރީ ސަރުކާރުން ގާނޫނާ ގަވާއިދާ ޚިލާފަށް ބަދަލު ދީފައިވާ ކަމަށް ބެލެވޭނެ ޖާގަ އެބަ އޮތް ކަމަށް މާލިއްޔަތު ކޮމިޓީގެ މެންބަރުން އެއްބަސްވެއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު އެ ކޮމިޓީ ވަނީ އުވާލާފައެވެ. ބަންޑާރަ ނައިބުގެ އޮފީހުން މީގެކުރިން ބުނެފައިވާ ގޮތުގައި އެމްޑީޕީ ސަރުކާރުން ގިނަ މައްސަލަ ތަކުގައި ބަދަލު ދީފައިވަނީ ގާނޫނާ ހިލާފަށެވެ. އެކަމަށް ޚާއްސަ ޓީމެއް އެކުލަވާލައި އެ މައްސަލަތައް ދިރާސާ ކުރުމުގެ މަސައްކަތް އެ އޮފީހުން ވަނީ ފަށާފައެވެ.

ކުރީ ސަރުކާރުން އުފެއްދި ސެޓްލްމަންޓް ކޮމިޓީން ގާނޫނާ ޚިލާފަށް ބަދަލު ދީފައިވާ އެއްބަސްވުންތައް ބާތިލް ކުރުމަށް ވަނީ ނިންމާފައެވެ. އިންތިގާލީ މަރުހަލާގެ ތެރޭގައި ވެރިކަން ބަދަލުވުމުގެ ދެތިން ދުވަސް ކުރިން، ކޮމިޓީއަށް ހުށަހެޅުމަކާ ނުލައި އެތައް ސަތޭކަ މިލިއަން ރުފިޔާގެ ދައުލަތުގެ މުދަލާއި ރަށްތައް އަދި ފަޅުތައް އެމްޑީޕީ ސަރުކާރުން އެކި ފަރާތްތަކަށް ދީފައިވާ ކަން ވަނީ ހާމަވެފައެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ކޮމިޓީ އުވާލުމަށް ފަހު ބަދަލު ދޭން ނިންމާފައިވާ 10 ސެޓްލްމަންޓަކަށް އަމަލުކުރުން އޭޖީ އޮފީހުން އޭރު ވަނީ ހުއްޓުވާފައެވެ.
މި ލިއުމާއި ގުޅޭ