Sunday 20th Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް ޑރ.މުޢިއްޒު

އެއާޕޯޓް އަދި ޓޫރިޒަމް ޓެކްސް ބޮޑުކުރި ބިލް ތަސްދީގު ކުރައްވައިފި

ރާއްޖޭގެ އެއާޕޯޓަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ނަގާ ފީ އާއި ޓީޖީއެސްޓީ އަދި ގްރީން ޓެކްސް ބޮޑު ކުރުމަށް ކަމާ ގުޅޭ ގާނޫނުތަކަށް ރައްޔިތުންގެ މަޖިލީހުން ގެނައި އިސްލާހުތައް ރައީސް ޑރ.މުހައްމަދު މުއިއްޒު މިއަދު ތަސްދީގު ކުރައްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުން އިސްލާހު ގެނެސްފައިވަނީ ޓޫރިޒަމާ ބެހޭ ގާނޫނު އަދި މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކުހުގެ ގާނޫނުގެ އިތުރުން ރާއްޖޭގެ އެއާޕޯޓަކުން ރާއްޖެ އިން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސް އާއި ފީ ނެގުމުގެ ގާނޫނަށެވެ.

ގާނޫނަށް ގެނައި އިސްލާހާއެކު އަންނަ ޖުލައި މަހުން ފެށިގެން ޓީޖީއެސްޓީ %16 އިން %17 އަށް ބޮޑުވާނެ އެވެ.

ގާނޫނަށް ގެނައި އިސްލާހާއެކު އިކޮނޮމީ ކްލާހުން ދަތުރުކުރާ ބިދޭސީންގެ އަތުން 50 ޑޮލަރު ނެގުމަށް ހަމަޖެހިފައިވާއިރު ބިޒްނަސް ކްލާހުން ދަތުރުކުރާ ދިވެހިންނާއި ބިދޭސީންގެ އަތުން 120 ޑޮލަރު އަދި ފަސްޓް ކްލާހުން ދަތުރުކުރާ ހުރިހާ ފަސިންޖަރުންގެ އަތުން 240 ޑޮލަރު ނަގާނެއެވެ.

ޑިޕާޗާ ޓެކްސް އާއި އެއާޕޯޓު ޑިވެލޮޕްމެންޓު ފީ އަށް ގެނައި އިސްލާހުގެ ދަށުން އިކޮނޮމީ ކްލާހުން ދަތުރުކުރާ ދިވެހިންގެ އަތުން ނަގާ ޓެކުހަށް އެއްވެސް ބަދަލެއް ގެނެސްފައި ނުވާއިރު ދިވެހިންގެ އަތުން ނަގާނީ ޑިޕާޗާ ޓެކްސް އަދި އެއާޕޯޓު ޑިވެލޮޕްމެންޓު ފީގެ ގޮތުގައި މިހާރު ވެސް ނަގަމުން އަންނަ 12 ޑޮލަރެވެ. ޕްރައިވެޓް ޖެޓުން ދަތުރުކުރާ ދިވެހިންނާއި ބިދޭސީންގެ އަތުން ވެސް 480 އެމެރިކާ ޑޮލަރު، ޑިޕާޗާ ޓެކްސްގެ ގޮތުގައިއަންނަ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ނަގާނެއެވެ.

އޭގެ އިތުރުން ގްރީން ޓެކްސް ބޮޑުކުރުމަށް ޓޫރިޒަމާ ބެހޭ ގާނޫނަށް ގެނައި އިސްލާހުގެ ދަށުން ގެސްޓްހައުސްތަކުން (50 ކޮޓަރިއަށް ވުރެ މަދު): 3 ޑޮލަރުން 6 ޑޮލަރަށް ބޮޑުވާއިރު ރިސޯޓްތަކާއި ސިޓީ ހޮޓާ އަދި 50 ކޮޓަރިއަށް ވުރެ ގިނަ، ޓޫރިސްޓުންނަށް ހިދުމަތް ދޭ ތަންތަނުން: 6 ޑޮލަރުން 12 ޑޮލަަރަށް ބޮޑުވާނެއެވެ. މި އިސްލާހަށް އަމަލު ކުރާނީ އަންނަ ޖެނުއަރީ އިން ފެށިގެންނެވެ.

ބިލުގައިވާ ގޮތުން އެއާޕޯޓް ސާވިސް ޗާޖް ނުވަތަ ޑިޕާޗާ ޓެކްސް ނުވަތަ އެއާޕޯޓް ޑިވެލޮޕްމަންޓް ފީ ނެގުން ހުއްދަ ނޫން ފަރާތަކުން އެއިން ޓެކްސްއެއް ނުވަތަ ފީއެއް ނުވަތަ ހުއްދައޮވެ އިތުރަށް ޓެކްސްއެއް ނަގާފައިވާނަމަ އެ ފައިސާ ނެގި މުއްދަތަށް ނިސްބަތްވާ އެއާޕޯޓް ޓެކްސް އާއި ފީގެ ބަޔާން މީރާއަށް ހުށަހަޅަންޖެހޭ މުއްދަތުގެ ކުރިން އެ ފައިސާ، އެ ފަސިންޖަރަށް އަނބުރާ ދޭންވާނެ ކަމަށް އިސްލާހުގައިވެ އެވެ. އަދި އެފަދައިން އެ ފައިސާ އެ ފަރާތަކަށް އަނބުރާ ނުދޭހާ ހިނދަކު، އެ ފައިސާ މީރާއަށް ދައްކަން ޖެހޭ ގޮތަށް ވެސް ބިލުގައި ހިމަނާފައިވެ އެވެ.

މި ލިއުމާއި ގުޅޭ