ރާއްޖޭގައި މަސް ރައްކާކުރުމުގެ ގާބިލުކަން މިހާރު ހުރި 8،500 ޓަނުން 25،000 ޓަނަށް އިތުރުކުރުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވާ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި މަސް ރައްކާކުރެވޭނެ އިންތިޒާމުތައް ގާއިމުކުރުމަށް ސަރުކާރުން އަމާޒު ހިފާފައިވާ ކަމަށާއި، އެގޮތުގެ މަތީން ދެކުނާއި މެދުރާއްޖެ ތެރެއާއި އުތުރުގައި މަސް ރައްކާކުރެވޭނެ ނިޒާމުތައް ގާއިމުކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.
މިނިސްޓަރު ވަނީ މިހާރު ރާއްޖޭގައި މަސް ރައްކާކުރުމުގެ ގާބިލުކަން ހުރި މިންވަރާއި، އެކަން އިތުރުކުރަން ސަރުކާރުން ރާވާފައިވާ ގޮތް ވަރަށް ރަނގަޅަށް ތަފްސީލްކޮށްދެއްވާފައެވެ.
ބޯޓުފަހަރުގައި ހުރި ކެޕޭސިޓީއާއެކު މުޅި ރާއްޖޭގައި މިވަގުތު މަސް ރައްކާކުރެވޭ ކެޕޭސިޓީއަކީ ގާތްގަނޑަކަށް 8،500 ޓަނެވެ. އޭގެތެރެއިން ބޮޑު އަދަދެއް ހުރީ ބޯޓުތަކުގައި ކަން ފާހަގަކުރައްވައި ޝިޔާމް ވިދާޅުވީ އެއްވެސް ސަރުކާރަކުން މަސް ރައްކާކުރެވޭ އަދަދަށް އަހަންމިއްޔަތުކަމެއް ނުދޭކަން އެ އަދަދުތަކުން ސާފުވާ ކަމަށެވެ.
މިކަން ހައްލު ކުރުމުގެ ގޮތުން ސަރުކާރުން ވަނީ ދެކުނުގެ ހަތަރު ރަށެއްގައްޔާއި މެދުރާއްޖެ ތެރޭގެ ދެ ރަށެއްގައި ކެޕޭސިޓީ އިތުރު ކުރުމުގެ މަސައްކަތް ފަށާފައެވެ.
އިހަވަންދޫގައި ގާއިމްކުރާ ފެސިލިޓީއަކީ އެންމެ އުތުރުގެ އަތޮޅުތަކުން ފެލިވަރަށް ދަތުރުކުރަން ބޮޑު ހަރަދެއް ކުރަންޖެހޭތީ، އެ މައްސަލަ ހައްލުކުރުމަށް ގާއިމްކުރަން ނިންމާފައިވާ ފެސިލިޓީއެކެވެ. އިހަވަންދޫ އަދި ފެލިވަރުގެ ފެސިލިޓީގެ މަސައްކަތް ކުރިއަށް ގެންދަން ނިންމާފައިވަނީ އައިއެސްޓީބީން މިފްކޯއަށް ހަމަޖެހުނު ފަންޑުގެ ތެރެއިންނެވެ.
"ފެލިވަރު ފެސިލިޓީއަށް ގާތްގަނޑަކަށް ބައިގަރުނު އަޅުގަނޑުމެން ގުނަން ދާއިރުގައި ފެލިވަރު ސްޓޯރޭޖް ކެޕޭސިޓީވެސް މި ހުރީ 800 ޓަނަށް ވުރެ ދަށުގައި. 4000 ޓަނު އެބަ އިތުރުކުރެވޭ. މިހާރު މި ހުރި ސްޓޯރޭޖް ކެޕޭސިޓީ 8،000 ޓަނުން ބަދަލުވެގެން ދާނީ 25،000 ޓަނަށް"، މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގެ ފަސް އަހަރުގެ ދައުރު ނިމޭއިރު ރާއްޖޭގައި މަސް ރައްކާ ކުރެވޭ ކެޕޭސިޓީ 25،000 ޓަނަށް އިތުރުކުރެވިގެންދާނެ ކަމަށެވެ.