ބޭރު ގައުމުތަކުން ރާއްޖެއަށް އަންނަ ޕްރައިވެޓް ޖެޓުތައް ހޭންޑްލް ކުރުމާއި ބޭރުގެ އެއާލައިންތަކަށް ދޭ ބައެއް ހިދުމަތްތަކުން ލިބޭ ފައިދާ ދިވެހި ކުންފުނިތަކަށް ލިބޭކަން ކަށަވަރުކުރުމަށް އުސޫލުތަކަށް ބޮޑެތި ބަދަލުތަކެއް ގެންނަން ނިންމަވާފައިވާ ކަމަށް ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ ޖެޓް ހޭންޑްލިން ހިދުމަތްތައް ދިނުމަށް ދިވެހި ކުންފުނިތައް ރަޖިސްޓްރީކޮށްފައި ހުރި ނަމަވެސް، އެ ޚިދުމަތުން ލިބޭ އާމްދަނީގެ ބޮޑު ބައެއް ދަނީ ރާއްޖެއިން ބޭރަށް ކަމަށެވެ.
މިނިސްޓަރު ވަނީ ދިވެއްސެއްގެ ނަމުގައި ކުންފުންޏެއް ރަޖިސްޓަރީ ކުރުމަށްފަހު ފޮރުވިގެން ތިބޭ ބޭރުގެ ވިޔަފާރިތަކަށް މުޅި ވިޔަފާރީގެ މަންފާ ލިބޭނެ ގޮތަށް ކަންކަން އިންތިޒާމު ނުކުރުމަށް އިލްތިމާސް ކުރައްވާފައެވެ.
"ދިވެހި ކުންފުންޏެއް ހަދާފައި އިންވޯލްވްމެންޓެއް ނެތި ބޭރުގެ ކުންފުންޏަކަށް ހުރިހާ މަންފާއެއް ލިބޭ ގޮތަށް އިންތިޒާމުކޮށްގެން ހިންގާ ވިޔަފާރިއަށް އަޅުގަނޑުމެން ބަދަލުތަކެއް ގެންނާނަން.. ގެނައިމާ އަޅުގަނޑުމެން ދިވެހިފަސްގަނޑުން ލިބޭ މި މަންފާ ދިވެހިންނަށް ދިވެހި ކުންފުނިތަކަށް ލިބޭނީ،" މިނިސްޓަރު ވިދާޅުވިއެވެ.
އަދި މިފަދަ ހިދުމަތްތަކުގެ ތެރެއިން ބޭރު ފަރާތްތަކުން މަންފާ ހޯދަމުންދާކަން ދެނެގަތުމަށްޓަކައި އެ ހިދުމަތްދޭ ކުންފުނިތައް އޮޑިޓުކޮށް، އެ ހިދުމަތް ދޭ ކުންފުނިތައް މޮނިޓާކުރުމުގެ މަސައްކަތް ސަރުކާރުން ކުރާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
ރާއްޖޭގައި ހިނގާ އިގުތިސާދީ ހަރަކާތަކުން އުފަންކުރާ މަންފާއަކީ އޭގެ ފުރިހަމަ ގޮތުގައި ދިވެހި ކުންފުނިތަކާއި ވިޔަފާރިތަކަށް ލިބެންޖެހޭ މަންފާއެއް ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ގަބޫލުފުޅު ކުރައްވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
އެހެންކަމުން، އެ ހިދުމަތްތައް ދީގެން އެ ލިބޭ މަންފާ ހޯދާ ކުންފުނިތަކަކީ ސައްތައިން ސައްތަ ދިވެހި ކުންފުނިތަކަށް ވުމަށް ސަރުކާރުން ބޭނުންވާ ކަމަށާއި، އެ އަމާޒު ހާސިލުކުރުމަށް އެ ހިދުމަތާ ގުޅޭ އުސޫލުތަކަށާއި ގަވާއިދުތަކަށް އިސްލާހުތަކެއް ގެނައުމަށް ނިންމާފައިވާކަމަށް މިނިސްޓަރު އަމީން ވިދާޅުވިއެވެ. އެގޮތުން، އަންނަ އަހަރު ފެށޭއިރަށް އެ ބަދަލުތައް ގެންނަވާނެ ކަމުގެ ޔަގީންކަން އޭނާ ވަނީ ދެއްވާފައެވެ.