ނިޝާން ޢަސްކަރީގެ ވެރިކަމުގެ ޢިއްޒަތް، މޭޖަރ ޖެނެރަލް (ރިޓަޔަރޑް) މޫސާ ޢަލީ ޖަލީލަށް އެރުވުމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަނޑައަޅުއްވައިފިއެވެ.
މޭޖަރ ޖެނެރަލް (ރިޓަޔަރޑް) މޫސާ ޢަލީ ޖަލީލަށް މި ޢިއްޒަތް އެރުވުމަށް ރައީސް މުޢިއްޒު ކަނޑައެޅުއްވީ، ދިވެހި ޤައުމާއި ރައްޔިތުންގެ ސަލާމަތަށްޓަކައި ޢަސްކަރީ ގޮތުން ކުރެއްވި އަގުހުރި ޚިދުމަތްތަކާއި، ޤައުމުގެ އިސްތިޤްލާލާއި ސިޔާދަތު ރައްކާތެރިކޮށް ދެމެހެއްޓުމަށްޓަކައި ކޮށްދެއްވި މަސައްކަތްޕުޅުތަކާއި، ޚާއްޞަކޮށް، 1988 ނޮވެންބަރު މަހުގެ 3 ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި ނުރައްކާތެރި ޢުދުވާނީ ޙަމަލާއާ ގުޅިގެން، ދިވެހި ޤައުމާއި ރައްޔިތުންގެ ދިފާޢުގައި ކުރެއްވި މަތިވެރި ޖިހާދުގެ އަގު ވަޒަންކުރެއްވުމުގެ ގޮތުންނެވެ.
މޭޖަރ ޖެނެރަލް (ރިޓަޔަރޑް) މޫސާ ޢަލީ ޖަލީލް ވަނީ ރައީސް ނަޝީދުގެ ވެރިކަމުގެ ދުވަސްވަރު ޗީޕް އޮފް ޑިފެންސް ފޯސްގެ މަޤާމް، އަދި ރައީސް ޔާމީންގެ ވެރިކަމުގެ ދުވަސްވަރު ޑިފެންސް މިނިސްޓަރ ކަމުގެ މަޤާމު އަދާކުރައްވާފައެވެ.
ނިޝާން ޢަސްކަރީގެ ވެރިކަމުގެ ޢިއްޒަތް، މޭޖަރ ޖެނެރަލް (ރިޓަޔަރޑް) މޫސާ ޢަލީ ޖަލީލަށް އެރުވުން އޮންނާނީ، މި އަހަރުގެ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާގައެވެ. މި ޖަލްސާ އޮންނާނީ، މާދަމާރޭ 8:30 ގައި ދަރުބާރުގޭގައެވެ.