Sunday 20th Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައްޔިތުންގެ މަޖިލީސް

ޓޫރިޒަމް ދާއިރާއިން ނަގާ ޓެކްސްތައް ބޮޑުކުރަން މަޖިލީހުން ފާސްކޮށްފި

ފަތުރުވެރިންގެ އަތުން ނަގާ ގްރީން ޓެކުހާއި، ފަތުރުވެރިކަމުގެ މުދަލާއި ހިދުމަތުން ނަގާ ޓީޖީއެސްޓީ ހިމެނޭހެން ތިން ޓެކުހެއް ބޮޑުކުރުމަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅި ތިން ބިލު މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

އިގްތިސާދީ ކޮމިޓީއާއި މާލިއްޔަތު ކޮމިޓީން އެ ބިލުތައް ދިރާސާކުރުމަށް ފަހު ނިންމި ގޮތުގެ ރިޕޯޓު މުޅި މަޖިލީހުގެ ކޮމިޓީން ފާސްކުރީ އިއްޔެއެވެ.

ޓީޖީއެސްޓީ


މި އިސްލާހުގައި ބުނެފައިވާ ގޮތުގައި މިހާރު %16 ނަގަމުން އަންނަ ޓީޖީއެސްޓީ އަންނަ އަހަރުގެ ޖޫން މަހުން ފެށިގެން %17 އަށް ބޮޑު ކުރުމަށް ވަނީ ނިންމާފައެވެ.

ގްރީން ޓެކްސް


ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންގެ އަތުން ނަގަމުން އަންނަ ގްރީން ޓެކްސް %50 އަށް އިތުރު ކުރަން ނިންމާފައިވާއިރު، މި އިސްލާހާއެކު 50 ކޮޓަރިއަށް ވުރެ މަދުން ހިންގާ ޓޫރިޒަމް ހިދުމަތްދޭ ތަންތަނުން ތިން ޑޮލަރުގެ ބަދަލުގައި ހަ ޑޮލަރު ނަގާނެއެވެ. ނަމަވެސް ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންގެ ތެރެއިން ދެ އަހަރުން ދަށުގެ ކުދީން އަތުން ގްރީން ޓެކުހެއް ނުނަގާނެއެވެ.

ރިސޯޓުތަކުން ކޮންމެ ފަތުރުވެރިއެއްގެ ބޮލަކަށް މިހާރު ނަގަމުން އަންނަ ހަ ޑޮލަރުގެ ބަދަލުގައި 12 ޑޮލަރު ނަގަން ވެސް ވަނީ ނިންމާފައެވެ. މި ބަދަލަށް އަމަލުކުރަން ފަށާނީ އަންނަ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ.

ޑިޕާޗާ ޓެކުހާއި އެއާޕޯޓު ޑިވެލޮޕްމަންޓް ފީ


އިކޮނޮމީ ކްލާހުން ދަތުރުކުރާ ބިދޭސީންގެ އަތުން މިހާރު ނަގަމުން އަންނަ 30 ޑޮލަރު 50 ޑޮލަރަށް އިތުރު ކުރުމަށް ވަނީ ނިންމާފައެވެ. އިކޮނޮމީން ދަތުރު ކުރާ ދިވެހީންގެ ފީއަށް އެއްވެސް ބަދަލެއް ގެންނަން ނިންމާފައެއް ނުވެއެވެ. ދިވެހީންގެ އަތުން ނަގާނީ މިހާރުވެސް ނަގަމުން އަންނަ 12 ޑޮލަރުގެ ފީއެކެވެ.

ނަމަވެސް ބިޒްނަސް ކްލާހުން ދަތުރުކުރާ ދިވެހީންނާއި ބިދޭސީންގެ އަތުން މިހާރު ނަގަމުން އަންނަ 60 ޑޮލަރު 120 ޑޮލަރަށް ބޮޑުކުރުމަށް ވަނީ ނިންމާފައެވެ. އަދި ފަސްޓް ކްލާހުން ދަތުރުކުރާ ދިވެހީންނާއި ބިދޭސީންގެ އަތުން މިހާރު ނަގަމުން އަންނަ 90 ޑޮލަރު 240 ޑޮލަރަށް ބޮޑުކުރުމަށް ވަނީ ނިންމާފައެވެ.

ޕްރައިވެތް ޖެޓުން ދަތުރު ކުރާ ދިވެހީންނާއި ބިދޭސީންގެ ފީގެ ގޮތުގައި މިހާރު ނަގަމުން އަންނަ 120 ޑޮލަރު 480 ޑޮލަރަށް ބޮޑުކުރުމަށް ވެސް ނިންމާފައިވެއެވެ.

މި ބަދަލަށް އަމަލު ކުރަން ފަށާނީ އަންނަ ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ.

މި ތިން ބިލް ވެސް ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވި 71 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. ބިލް ފާސްކުރުމާ ދެކޮޅަށް އަށް މެންބަރަކު ވޯޓު ދެއްވިއެވެ.

ސަރުކާރުގެ ފަރާތުން މި ބިލުތައް މަޖިލީހަށް ހުށަހަޅާފައިވަނީ ދައުލަތުގެ ފިސްކަލް އަދި ދަރަނީގެ ދެމެހެއްޓެނިވިކަން އިއާދަ ކުރުމަށާއި ބޭރުގެ ފައިސާއިން ލިބޭ އާމްދަނީ އިތުރު ކުރުމުގެ މަގްސަދުގައެވެ.
މި ލިއުމާއި ގުޅޭ