ބުނާގޮތުން ނަމަ ޑިމޮކްރެސީ ދޮންވެ ފައްކާވެއްޖެއެވެ. ދައުލަތުގެ ތިން ބާރު އޮތީ ވަކިވެފައެވެ. އެއްބާރު އަނެއްބާރުގެ މައްޗަށް ގަދަވެގަންނާނެ ޖާގައެއްވެސް ނެތެވެ. މުއައްސަސާތައް ހިނގަނީ މިނިވަން މުސްތަގިއްލު ކަމާއެކުއެވެ. ނަމަވެެސް ނުފޫޒުގެ ވާހަކައަށް ނިމުމެއް ނެތެވެ. އެ ވާހަކަ އެންމެ ގިނައިން ދައްކާ ބަޔަކީ އަބަދުވެސް އިދިކޮޅުގައި ތިބޭ މީހުންނެވެ. ވެރިކަމުގެ ހުވާކޮށް ހިންދެމިނުލެވެނީސް ނުފޫޒާއި ވައްކަމުގެ ތުހުމަތު ކުރަން ފަށައެވެ.
އެ މަންޒަރު އަނެއްކާވެސް ތަކުރާރު ވަނީއެވެ. ގާނޫނު ހަދާ މަޖިލީހަށް ސަރުކާރުން ހުށަހެޅި ދެ އިސްލާހާއެކު "ނުފޫޒު"ގެ އަޑު އަނެއްކާވެސް ގަދަވެއްޖެއެވެ. މިއާއެކު އުފެދޭ ސުވާލަކީ މިއީ ހަމަ ހަގީގަތުގައިވެސް ނުފޫޒު ފޯރުވުން ތޯއެވެ؟ އެހެންކަމަށް ވާނަމަ މުއައްސަސާތައް ނުފޫޒުން އެއްކިބާވާނީ ކޮން ދުވަހަކުން ތޯއެވެ؟
ގާނޫނަށް މިހާރު ހުށަހަޅާފައިވާ އިސްލާހުގައި ބަޔާންކޮށްފައިވާ ގޮތުގައި އެ ކޮމިޝަންތަކުގެ ރައީސް ނުވަތަ ނައިބު ރައީސްގެ މަގާމް ހުސްވެއްޖެނަމަ، އެ މަގާމުތަކަށް އައްޔަނުކުރަން ބޭނުންވާ ފަރާތްތަކުގެ ނަންތައް މަޖިލީހަށް ރައީސް ފޮނުއްވަން ޖެހިވަޑައިގަންނަވާނެއެވެ. އަދި އެ މަގާމަށް އައްޔަންކުރެއްވޭނީ މަޖިލީހުގެ އަޣުލަބިއްޔަތުން ފާސްކުރާ ނަމެކެވެ.
ފަސްފަހަތް
އިލެކްޝަންސް ކޮމިޝަންސް، އަދި އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ރައީސާއި ނައިބު ރައީސް، ރައީސުލްޖުމްހޫރިއްޔާ އައްޔަނު ކުރައްވާގޮތަށް މިހާރު މަޖިލީހަށް ހުށަހަޅާފައިވާ އިސްލާހަކީ މިނިވަން މުއައްސަސާތަކުން 2023 ގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހަށާއި، ބަންޑާރަ ނައިބުގެ އޮފީހުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް، އޭސީސީ، އީސީ، އެޗްއާރުސީއެމް އަދި ސިވިލް ސަރވިސް ކޮމިޝަން، ސީއެސްސީގެ މެންބަރުން ހުށަހެޅި ކަރުދާހުގައި ހިމަނާފައިވާ ކަމެކެވެ.މަޖިލީހުގެ ނިމުނު ދައުރުގެ ތެރޭގައި އެންމެ ފުރަތަމަ ގާނޫނު އިސްލާހު ކުރީ ހަތަރު ކޮމިޝަނުގެ ތެރެއިން ސިވިލް ސާވިސް ކޮމިޝަން އަދި ހިއުމަން ރައިޓްސް ކޮމިޝަންގެ ރައީސާއި ނައިބު ރައީސް އައްޔަންކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ގޮތަށެވެ. އޭސީސީއާއި އީސީއަށް ބަދަލެއް އައިސްފައެއް ނުވެއެވެ.
"އެހެންނަމަ، ގާނޫނުއަސާސީގައި އެންމެ ފުރަތަމަ އެކުލެވުނު ގޮތް މީ އެންމެ މޮޅު ގޮތް. އަޅުގަނޑުމެންގެ ތެރޭގައި ކޮމިޝަންތަކަށް ވަޑައިގަންނަވާ ބޭފުޅުންނަކީ އެހާ ޕްރޮފެޝަނަލް ބޭފުޅުންނަށް ނުވަނީ. ކޮންމެ މީހަކުވެސް ހިތަށްއަރަނީ ތިމަންނަ އޭ ރައީސް ކަމަށް އެންމެ އެކަށީގެންވަނީ. މި ފަސް މީހުންގެ ތެރޭގައި ތިމަންނަ އަށޭ ލިބެންޖެހޭނީ. ހިތަށް އަރައިގެން ހުރިހާ އެންމެން ރައީސް ކަމާ ނައިބު ރައީސް ކަމާ ހިފަން ވީމަ ވާގޮތަކީ ތަނުގެ ކުރިއެރުމަށް ކުރާ މަސައްކަތަށް ވުރެ ބޮޑަށް، ހަސަދަ އާއި ވާދަވެރިކަން ބޮޑުވެގެން ދަނީ." ފުއާދު ވިދާޅުވިއެވެ.
ރާއްޖޭން ބޭރު ގައުމުތަކަށް ބަލާއިރު އިލެކްޝަންސް ކޮމިޝަން ފަދަ މުއައްސަސާތަކަށް އައްޔަންކުރަނީ ފަނޑިޔާރުކަން ނުވަތަ ދައުލަތުގެ ޒިންމާދާރު މަގާމުތައް ފުރުއްވައި ތަޖުރިބާ ލިބިގެން ތިއްބަވާ ބޭފުޅުންނަށެވެ.
"ގިނަ ފަހަރު މި މަގާމުތަކަށް މި އަންނަނީ ސިޔާސީ ކޮންމެވެސް މީހެއްގެ 'ބްލެސިންސް' އާ އެކީގައި. ރާއްޖޭގައި ގާތްގަނޑަކަށް މި ތިބެނީ 30 އަކަށް އަހަރުގަ މި ކޮމިޝަންތަކަށް ގޮސްފަވެސް. އެހެންވީމަ ދެން ވާގޮތަކީ އެ ބޭފުޅުންގެ ހުންނަންވާ މެޗުއަރިޓީއެއް ނުހުރޭ"، ފުއާދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މިހާރު އޮތް ގޮތުން، ކަމަށް އެންމެ އެކަށީގެންވާ މީހާއަށް ވުރެ ބޮޑަށް އެކަށީގެންނުވާ މީހާވެސް އެ މަގާމު ބޭނުންވާ ތަން ފެނިގެންދާ ކަމަށެވެ. ނަމަވެސް މިފަދަ އިސްލާހެއް އޮވެއްޖެ ނަމަ، އެކަމާމެދު މެންބަރުންގެ މެދުގައި ދައްކާނެ ވާހަކައެއް ނޯންނާނެ ކަމުގައި ފުއާދު ވިދާޅުވިއެވެ. މިއީ އަދިވެސް އެންމެ ފުރިހަމަ ބަދަލުތަކެއް ނޫންކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ އެންމެ ފުރިހަމަ ބަދަލުތައް ގެންނަކަމުގައި ވާނަމަ، ކޮމިޝަނުގެ މެންބަރުންނަށް އައްޔަންކުރައްވާ މެންބަރުން ވާންވާނީ ތައުލީމީ، އަދި ތަޖުރިބާކާރު ބޭފުޅުންނަށް ކަމުގައެވެ. އަދި ފަސްބައިގައި ކިލަނބު ކަމެއް ނެތް މުޖުތަމައު ބަލައިގަންނަ ފަދަ ބޭފުޅުންނަށް ކަމަށެވެ.
"ވިހި ފަންސަވީސް އަހަރުގެ މަތީ މަގާމެއް ނުވަތަ ޑިޕާޓްމަންޓެއްގެ ހެޑުކަން ނޫނީ މިނިސްޓްރީއެއްގެ ވެސް ސްޓޭޓް މިނިސްޓަރުކަން ނުވަތަ ކޯޓެއްގެ ގާޒީއެއްކަން ވެސް އަދާކޮށްފައި ހުރި މަގާމެއްގައި ހުރި މީހަކަށް ވުން އަޅުގަނޑު ދެކޭ އެންމެ ރަނގަޅު ގޮތަކީ. މިއާ އިދިކޮޅަށް ވިދާޅުވާ ބޭފުޅުން ވިދާޅުވާނެ އެ މީހުންނަކީ އެ ކެޓަގަރީގެ މީހުންނަކީ ވަކި އިންޓަގްރިޓީ ހައި ބައެއް ހޭ ނޫނީ ރާއްޖެއިން އެކަހަލަ މީހުން އެބަ ފެނޭ ހޭ. އެގޮތަށް ވޭތޯ މަސައްކަތް ކުރުމަކީ މުހިންމު ކަމެއް ކަމުގައި އަޅުގަނޑު ދެކެނީ"، ފުއާދު ވިދާޅުވިއެވެ.
މަޖިލީހުގެ ދައުރު
މީގެކުރިން މި ގާނޫނު އޮތް ގޮތުން ކޮމިޝަނުގެ ރައީސާއި ނައިބު ރައީސުން އައްޔަންކުރުމުގައި ރައްޔިތުންގެ މަޖިލީހުގެ ދައުރެއް ނޯވެއެވެ.
މި އިސްލާހަށް ތާއިދުކުރައްވާ މެންބަރުން އެންމެ ގިނައިން ފާހަގަކުރެއްވި ނުކުތާއަކީ މިހާރު ހުށަހަޅާފައިވާ އިސްލާހުގައި ކޮމިޝަނުގެ ރައީސާއި ނައިބުރައީސް އައްޔަންކުރުމުގެ ބާރު ރައީސަށް މުތުލަގަށް ލިބެނީ ނޫން ކަމެވެ.
މިހާރު ހުށަހަޅާފައިވާ ގޮތުން ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ނަންތަކެއް ފޮނުވުމުން މަޖިލީހުން ފާސްކުރާ ބޭފުޅެއް އައްޔަންކުރައްވާ ގޮތަށެވެ. އެހެންކަމުން މަޖިލީހުގެ ދައުރެއް އޮތުމަކީ އެންމެ އިންސާފުވެރި އަދި ރަނގަޅު ގޮތް ކަމަށާއި، ކޮމިޝަނުގެ މުސްތަގިއްލުކަމާއި މިނިވަންކަން އިތުރަށް ހަރުދަނާވާނެ ކަމެއް ކަމަށް އެމެންބަރުން ދެކެވަޑައިގަންނަވައެވެ.
"މިސާލަކަށް ޕޮލިސް، އޭސީސީގެވެސް ހުރިހާތަނެއްގެ ތަހުގީގު ބޮޑަށް މި ކުރަނީ ޕޮލިހުންނާ ގުޅިގެން. ޕޮލިސް ކޮމިޝަނަރުވެސް އައްޔަންކުރަނީ ރައީސުލްޖުމްހޫރިއްޔާ. އެހެން ބަލާއިރު އެއީ މައްސަލައެއް ކަމަކަށް ނުފެނޭ." އަޒާން ވިދާޅުވިއެވެ.
ރާއްޖޭގައި ކަންކަން ބައްޓަން ވެފައި އޮތް ގޮތުންނާއި، ތާރީޚުން ފެންނަން ހުރި ބައެއް މަންޒަރުތަކަށް ރިއާޔަތްކުރާއިރު، މިފަދަ މިނިސްވަން މުސްތަގިއްލު މުއައްސަސާތަކުން އިޚުލާސްތެރި މަސައްކަތެއް ކުރާ ކަމަށް ގަބޫލުކުރާ މީޙުން މިއަދު ވަރަށް މަދެވެ.
ކޮންމެ ރިޔާސީ އިންތިޚާބަކާ ދިމާކޮށް އިލެކްޝަންސް ކޮމިޝަންގެ "އިތުބާރު ގެއްލެ"އެވެ. މައްސަލައެއް ބަލަން ގިނަ ދުވަސްތަކެއް ހޭދަވާނަމަ އޭސީސީ ވެސް ހަމަ އެފަދައެވެ. ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި އަމިއްލަ އިޚްތިޔާރުން ކަންކަން ނިންމުމުގެ ތެދުވެރިކަން ހުރި ބަޔަކު މި ކޮމިޝަންތަކަކު ނެތެވެ. މަސައްކަތް ކުރަނީ އަމިއްލަ މަންފާއަށެވެ.
ކަން މިހެން އޮތް ދަނޑިވަޅެއްގައި މިފަދަ އިސްލާހަކާއެކު، ކަންކަން އެންމެ ގާތުން ނުދަންނަ އާންމު ރައްޔިތު މީހާގެ މެދުގައި މިކަމުގެ ނިޔަތާ ގުޅޭގޮތުން ސުވާލު އުފެދުމަކީ އެކަށީގެންވާ ކަމެކެވެ. ރައްޔިތުންގެ ސިފަކުރާ ގޮތުގައި އެ މެންބަރުންނަކީ ދުވަހަކު ވެސް އެ ބޭފުޅުންގެ މަގާމު ގެއްލެން ބެނުންނުވެއެވެ. ނަތީޖާއަކީ އެ މަގާމުގެ ކޮންޓްރޯލް ރައީސުލްޖުމްހޫރިއްޔާގެ އަތްމައްޗަށް ދިޔުމުން ހުށަހެޅޭ މައްސަލަތައް ބެލުމުގައި އެ ތަންތަނުން ރައީސުލްޖުމްހޫރިއްޔާއަށް ބައްލަވަން ޖެހޭ ކަހަލަ ހާލަތެއް މެދުވެރިވުމެވެ.
ގާނޫނީ ތަޖުރިބާކާރުން ދެކެވަޑައިގަންނަވާ ގޮތުގައި ނުފޫޒު ފޯރުވުމަކީ ހަމައެކަނި ގާނޫނަށް ގެންނަ ބަދަލަކުން ވާނޭ ކަމެއް ނޫނެވެ. ހާއްސަކޮށް ރާއްޖެ ފަދަ ރިޔާސީ ނިޒާމެއް އޮތް ގައުމެއްގައި ކަންކަން ބައްޓަން ވެފައި އޮތް ގޮތުން މިކަމަށް އޮތް ޖާގަ ވެސް ތަނަވަހެވެ.
މިދިޔަ ދައުރުތަކުގައި ގާނޫނު ހަދާ މަޖިލީހުން މިނިވަން މުއައްސަސާތަކާމެދު އަމަލުކުރަމުން ގޮސްފައިވާ ގޮތް މިކަމުގެ ހެއްކަކަށް ފުދެއެވެ. ހިތުހުރި ބަޔަކު ވަކިކޮށް، އައްޔަންކުރަމުން ދިޔައިރު “ނުފޫޒާއި ބާރުގެ” ބޭނުން ކުރި މިންވަރު ސާފުވެގެންދެއެވެ.
ކަންކަން އިސްލާހުގެ މަގަށް އެޅުވުމުގައި އެކި ވެރިން ގެންގުޅުއްވާ ސިޔާސަތު ތަފާތެވެ. ވިސްނުންފުޅުވެސް ތަފާތެވެ. އަދި ތަރައްގީވަމުންދާ ދުނިޔެއާއި، ޒަމާނަށް އަންނަމުންދާ ބަދަލުތަކާއެކު ކަންކަން އަބަދު އެއްގޮތަކަށް ދެމި އޮވެއްޖެ ނަމަ، ނަތީޖާ ހާސިލްނުވާނެކަން މިއަދު ރާއްޖެއިން ފެންނަމުންދާ ކަމުގައި ސިޔާސީ ބޭފުޅުން އެއްބަސްވެއެވެ. ކަންކުރަން އޮންނަ ހަމައެކަނި ގޮތަކީ ތިމާ އެދޭ ގޮތަށް ނުވެދާނެއެވެ. ނަމަވެސް މިއަދު މިވަނީ ކޮންމެވެސް ދިމާލަކުން ފަށަން ޖެހިފައެވެ. އިސްލާހު ކުރަން ހުރި ކަންކަން އިންތިހާއެވެ.