ހަށިގަނޑު ހާމަކޮށްގެން ކުރާ ކަމަކުން ރީތި ނަމެއް ނުލިބޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ އެކްސް ގައި ކުރެއްވި ޕޯސްޓެއްގައެވެ. މި ޕޯސްޓުގައި ރައީސް ވިދާޅުވީ މާތް ﷲ ރުހިވޮޑިގެންނުވާ ގޮތަކަށް ހަށިގަނޑު ހާމަކޮށްގެން ކުރާ މަސައްކަތަކުން ނުވަތަ ބައިވެރިވާ ކުޅިވަރަކުން އަންހެނަކުވިޔަސް ފިރިހެނަކުވިޔަސް ، ތިމާއަށް ނުވަތަ ތިމާގެ ދިނާއި ޤައުމަށް ލިބޭނެ ޙަޤީޤީ ރީތިނަމެއް ނެތްކަމަށެވެ. އަދި އެކަމުން އުފަލެއް ވެސް ކާމިޔާބީއެއް ވެސް ނެތް ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން އެ ޕޯސްޓުގައި ރައީސް ވަނީ އަންނަނިވި އާޔަތާއި އޭގެ މާނަ ވެސް ހިމަނާފައިވެއެވެ.
ރައީސް މިފަދައިން އެކްސްގައި ޕޯސްޓް ކުރައްވާފައިވަނީ މިސް ޔުނިވާސްގައި ދިވެއްސަކު ބައިވެރިވުމާ ގުޅިގެން މީސްމީޑިޔާ ގައި ބަހުސްތަކެއް ކުރެވެމުންދަނިކޮށެވެ. މިކަމާ ގުޅިގެން ސަރުކާރުގެ ފަރާތުން ޔޫތު މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ދިވެހިންގެ ދީނާއި އަގީދާއާއި ސަގާފަރާއި ނުގުޅޭ ހަރަކާތްތަކާއި މުބާރާތްތައް ބޭއްވުމާއި އަދި އެކިއެކި ފަރާތްތަކުން ބާއްވާ އެފަދަ މުބާރާތްތަކާއި ހަރަކާތްތަކުގައި ދިވެހިން ބައިވެރިވުމަކީ ދިވެހި ސަރުކާރުން ބަލައިގަންނާނެ ކަމެއް ނޫން ކަމަށެވެ.
މީގެ އިތުރުން މެކްސިކޯގައި ބޭއްވުމަށް ހަމަޖެހިފައިވާ މިސް ޔުނިވާސް މުބާރާތުގައި ދިވެއްސަކު ބައިވެރިވާތީ އެއީ ރާއްޖެ ތަމްސީލް ކުރަން ދިވެހި ސަރުކާރުގެ ބައިވެރިވުމެއް އޮތްކަމެއް ކަމަށް ދޭހަވާގޮތަށް ޚަބަރުތައް އާއްމުވަމުން ދިޔަ ނަމަވެސް އެކަމުގައި ސަރުކާރުގެ ބައިވެރިވުމެއް ނެތް ކަމަށް ވެސް ވިދާޅުވިއެވެ.