ކ. ތިލަފުށީގެ ކުޑަގިރި ފަރަށް އެރި އިންޑިއާގެ ބޯޓުގެ ވެރިފަރާތަށް އީޕީއޭ އިން ކޮށްފައިވާ ޖޫރިމަނާގެ ފައިސާ 14 ދުވަސް ތެރޭގައި ދައުލަތަށް ދެއްކުމަށް ސިވިލް ކޯޓުން ހުކުމް ކޮށްފިއެވެ.
ސިވިލް ކޯޓުން އާންމުކޮށްފައިވާ ހުކުމުން އެނގޭ ގޮތުގައި މިއަދު އެ ކޯޓުން ހުކުމް ކޮށްފައިވަނީ އެ ބޯޓުގެ ވެރިފަރާތުން މިއަދުން ފެށިގެން 14 ދުވަހުގެ ތެރޭގައި، ޖޫރިމަނާއަށް ވާ 3،098،710ރ. ދައުލަތަށް ދެއްކުމަށެވެ. އެ ކޯޓުން ހުކުމް ކޮށްފައިވަނީ ދައުވާ ލިބޭ ފަރާތްތަކުގެ ޣައިރުހާޒިރުގަ އެވެ.
މި އަހަރުގެ ޖެނުއަރީ 31 ވަނަ ދުވަހު އެ ބޯޓު ފަރަށް އެރުމުގެ ސަބަބުން 130 އަކަމީޓަރުގެ ސަރަހައްދަކަށް އެކިވަރުގެ ގެއްލުން ލިބިފައިވާކަން ސާވޭ ރިޕޯޓުން ފާހަގަވާ ކަމަށް އީޕީއޭއިން ބުނެފައިވެއެވެ.
ކުޑަގިރި ފަރަށް އެރި "އޭއެމް އެމްއެސްވީ މަރިޔާ ސިންތަޔަތިރައި ރިޔަނަ" ނަމަކަށް ކިޔާ މި ބޯޓުގެ ވެރިފަރާތަށް ކިޔަނީ އިންޑިއާގެ ކުންފުންޏެއް ކަމަށްވާ އެސްއެމްޓީ. ޓ. ޖެސިންތަ އެވެ. އެ ކުންފުނިން ޖޫރިމަނާ ގެ ފައިސާ ދައްކާފައިނުވާތީ ސަރުކާރުން ވަނީ އެ ބޯޓުގެ ވެރިފަރާތާއި ބޯޓުގެ ރާއްޖޭގެ އޭޖެންޓާ ދެކޮޅަށް ދައުވާކޮށްފަ އެވެ. އެ ބޯޓުގެ ރާއްޖޭގެ އެޖެންޓަކީ ބިގް ވޭވް ޕްރައިވެޓް ލިމިޓެޑެވެ.
ބޯޓު ފަހަރު ފަރުތަކަށް އެރުމުގެ މައްސަލައިގައި މީގެ ކުރިންވެސް އީޕީއޭ އިން އެތައް މިލިއަނަކުން ޖޫރިމަނާ ކޮށްފައިވެ އެވެ.