މާލެސިޓީ ސަރަހައްދުގައި ހުރި ކޯޓުތަކުގެ ޖާގައިގެ މައްސަލަ ހައްލުކުރުމަށް ޢިމާރާތް ކުރުމަށް ނިންމާފައިވާ ކޯޓު ކޮމްޕެލްކްސްގެ މަސައްކަތް އަންނަ އަހަރު ފެށިގެންދާނެކަމަށް އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
އެޓާނީ ޖެނެރަލް އޮފީހުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ މަޢުލޫމާތު މީޑިއާތަކަށް ހިއްސާކުރުމަށް މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އުޝާމް ވިދާޅުވީ މާލޭގައި ހުރި ހުރިހާ ކޯޓުތަކެއްގެ ޖާގައިގެ މައްސަލައަށް ހައްލެއް ހޯދުމަށް ކޯޓު ކޮމްޕެލެކްސް އެއްގެ މަސައްކަތް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ކުރަމުން ގެންދާކަމަށެވެ.
މިއަންނަ އަހަރުގެ ބަޖެޓުގަ އެކަމަށް ފައިސޭ އެލޮކޭޝަންއެއް ހެދުމަށްފަހު މިއަންނަ އަހަރުގެ ތެރޭގައި މިދެންނެވި ޖުޑިޝަރީގެ ކޮމްޕްލެކްސްގެ މަސައްކަތް، ކޯޓް ކޮމްޕެކްސްގެ މަސައްކަތް ފެށިގެންދާނެ.އެޓާނީ ޖެނެރަލް އަހުމަދު އުޝާމް
އުޝާމް ވިދާޅުވީ ޝަރީޢަތްތައް ލަސްވާ އެންމެ ބޮޑު އެއްސަބަބަކީ ކޯޓުތަކުގެ ޖާގައިގެ ދަތިކަމުގެ މައްސަލަ ކަމަށެވެ. އަދި ވާނުވާ ބަންދުގެ އެންމެ ބޮޑު އެއްސަބަބަކީ ޝަރީޢަތްތައް ލަސްވުން ކަމަށާއި މިމައްސަލަ ހައްލުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އުޝާމް އަލިއަޅުވާލެއްވިއެވެ.
ކްރިމިނަލް ކޯޓުގެ ޖާގައިގެ މައްސަލަ މިހެން އޮތީމަ ވާނުވާ ބަންދުގަ އެހާ ގިނަ ދުވަސްވަންދެން މީހުން ތިބެން ޖެހޭނެ ކަމަށް އަޅުގަނޑުމެންނަށްވެސް ވަނީ ފާހަގަކުރެވިފަ. މިމައްސަލައަށް ހައްލެއް ހޯދުމަށްޓަކާ ސަރުކާރުގެ ފަރާތުން މިހާރު މިއަންނަނީ ކްރިމިނަލް ކޯޓުގެ ޖާގައިގެ މައްސަލަ ހައްލުކުރުމަށް ހުޅުމާލޭގަ އިމާރާތެއްގެ މަސައްކަތެއް ކުރަމުން. އަޅުގަނޑުމެން މި އުއްމީދުކުރަނީ މިމަސައްކަތް ނިމުނީމަ ކްރިިނަލް ކޯޓުގެ ޖާގައިގެ ދަތިކަމުގެ މައްސަލައަށް ހައްލެއް ލިބިގެންދާނެކަމަށް.އެޓާނީ ޖެނެރަލް އަހުމަދު އުޝާމް
ވާނުވާ ބަންދުގެ މައްސަލައަށް ހައްލުކުރުމާއި މާލޭ ސަރަހައްދުގައި ކޯޓު ކޮމްޕްލެކްސް އެއް ޤާއިމުކުރުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ.
އުޝާމްގެ ވިދާޅުވީ ވާނުވާ މައްސަލަ ހައްލުކުރުމަށް "ބެއިލް" ގެ ނިޒާމެއް ތަޢާރަފުކުރުމަށް ޤާނޫނަށް އިސްލާހެއް ގެނައުމަށް މިހާރު ވާނީ މަޖިލީހަށް ބިލެއް ހުށަހަޅާފައި ކަމަށެވެ. އަދި މިބިލު ފާސްވެ ޤާނޫނަށް އިސްލާހު ގެނެވުމުން ވާނުވާ ބަންދުގެ މައްސަލައަށް އެދެވޭ ހައްލެއް އަންނާނެކަމަށް ޤަބޫލުކުރައްވާކަމަށެވެ.
އަދި މީގެ އިތުރުން ވާނުވާ ބަންދުގައި މިހާރު ތިބި ޤައިދީންނަކީ ބޮޑެތި ޖިނާޢީ މައްސަލަތަކުގައި ބަންދުކޮށްފައިވާ މީހުން ކަމަށެވެ. އޭގެ ތެރޭގައި ކުޑަކުދިންނާ ގުޅޭ ޖިންސީ މައްސަލަތަކާއި ޓެރަރިޒަމް އަދި މާރާމާރީގެ ސީރިއަސް މައްސަލަތަކާއި މަސްތުވާތަކެތީގެ ބޮޑެތި މައްސަލަތައް ހިމެނޭ ކަމުގައި އުޝާމް ފާހަގަކުރެއްވިއެވެ.