ރާއްޖޭގެ ބޯޑަރުތަކުގައި ސިއްހީ ގާބިލްކަން އިތުރުކުރުމަށް ސާމާނުތަކެއް ހަދިޔާކޮށްފިއެވެ.
މިތަކެތި ރާއްޖެއަށް ހަދިޔާ ކޮށްފައިވަނީ ޖަޕާން ސަރުކާރުގެ އެހީގައި އިންޓަނޭޝަނަލް އޯގަނައިޒޭޝަން ފޮ މައިގްރޭޝަން (އައިއޯއެމް) އިން ކުރިއަށް ގެންދާ "ސްޓްރެންތެނިން ކެޕޭސިޓީ އޮފް ބޯޑަ ކޮންޓްރޯލް ފޮ ރެސްޕޮންޑިން ޓު އިންފެކްޝަސް ޑިޒީޒް އިން ސައުތު ވެސްޓް އޭޝިއާ" މަޝްރޫއުގެ ތެރެއިންނެވެ.
މި ތަކެއްޗާއި ދިވެހި ސަރުކާރުގެ ފަރާތުން ހަވާލުވެވަޑައިގަންނަވާފައި ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ސީޕްލޭން ޓާމިނަލުގައި ކުރިއަށް ގެންދިޔަ ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް އާއި އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދެވެ.
މި ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ އެ މަޝްރޫ އިން ރާއްޖެއަށް ދެމެހެއްޓެނިވި ކުރިއެރުން ގެނެސްދޭނެ ކަމަށާއި މިއީ 2040 ވަނަ އަހަރާ ހަމައަށް ރާއްޖެ ފުރިހަމައަށް ތަރައްގީވެފައިވާ ގައުމަކަށް ހެދުމަށް ކުރެވޭ މަސައްކަތުގައި މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި އޭގެ ސަބަބުން އާންމު ސިއްހަތުގެ އޮނިގަނޑުގެ ތެރެއިން އިތުބާރު އަދި ގާބިލްކަން އުފެއްދުމުގެ މުހިންމުކަން ހާމަކޮށްދޭ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
"ސްޓްރެންތެނިން ކެޕޭސިޓީ އޮފް ބޯޑާ ކޮންޓްރޯލް ފޯ ރެސްޕޮންޑިން ޓު އިންފެކްޝަސް ޑިޒީޒް އިން ސައުތު ވެސްޓް އޭޝިއާ" މަޝްރޫއު އާއި ގުޅިގެން ފޮރިން މިނިސްޓްރީ އިން ބުނީ މި މަޝްރޫގެ ސަބަބުން ރާއްޖޭގެ ބޯޑަރުން އެތެރެވާ ޓޫރިސްޓުންގެ ސިއްހީ ރައްކާތެރިކަމާ އެކު ސްކްރީން ކުރުމަށް މަގުފަހިވާނެ ކަމަށާއި އެކަކު އަނެކަކާ ދިމާވާނެ ގޮތް މަދުކުރުމާއި މަޑުކުރަންޖެހޭ ވަގުތާއި ތޮއްޖެހުން ވެސް މަދުކުރެވި، ޓޫރިޒަމް ވިޔަފާރީގެ ދަތުރުފަތުރުތަކަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެ ކަމަށެވެ.
މި ރަސްމިއްޔާތުގައި އައިއޯއެމްގެ ޗީފް އޮފް މިޝަން ކްރިސްޓިން ޕާކޯ އާއި ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ޖަޕާނުގެ ސަފީރު ތަކެއުޗީ މިދޯރީ ގެ އިތުރުން ސަރުކާރާއި މި ޕްރޮޖެކްޓުގައި ހިމެނޭ އިދާރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަ ވާފައިވެއެވެ.