ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް އެއްވެސް ބަދަލެއް އަންނަ ހާލަތެއްގައި އަމަލުކުރާނެ އުސޫލެއް ތަފްސީލުކޮށް ގާނޫނުއަސާސީގައި ހިމަނަން ހުށަހަޅުއްވަން ނިންމަވާފައިވާ ކަމުގައި ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ ރައީސް އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ސަރުކާރުން މަޖިލީހަށް ހުށަހަޅަން ނިންމާފައިވާ އިސްލާހުތަކާއި ތައާރަފްކުރަން ނިންމާފައިވާ ބިލުތަކާ ގުޅޭގޮތުން ވާހަކަ ދައްކަވަމުންނެވެ.
ބަންޑާރަ ނައިބު ވިދާޅުވީ މިފަދަ އިސްލާހެއް ހުށަހަޅަން ނިންމެވީ، ރާއްޖޭގެ ކަނޑުގެ ސަރަހައްސާ ގުޅޭ ކަންކަން ގާނޫނުއަސާސީގައި ނުހިމެނޭ ކަމަށާއި، ނަމަވެސް ގާނޫނެއްގައި އެ ވާހަކަ ބަޔާންކޮށްފައި އޮންނާތީ މީގެކުރިން ހިނގާފައިވާ ބައެއް ކަންކަން ތަކުރާރުވިޔަ ނުދިނުމަށްޓަކައި ކަމަށެވެ.
"މިހާރު ގާނޫނުއަސާސީގައި އެ ވާހަކައެއް ނޯވޭ، އެހެންނަމަވެސް ގާނޫނެއްގައި އެ ވާހަކަ ލިޔެފައި އޮންނާތީވެ ބައެއް ކަހަލަ ކަންކަން ހިނގާފައި އެބަހުރި މީގެ ކުރިން، އެހެންވީމަ އެކަންކަމަށް ހައްލެއް ހޯދުމަށް، ކުރިއަށް އޮތް ތަނުގައި ވިޔަ ނުދިނުމަށްޓަކައި ރާއްޖޭގެ ސަރަހައްދު ބަދަލުވާ ކަމުގައި ވަނީނަމަ އަމަލު ކުރަންޖެހޭ ގޮތްތަކެއް [ހިމަނާނަން]"، އުޝާމް ވިދާޅުވިއެވެ.
ރާއްޖޭގެ ކަނޑަށް ވަދެނުކުމެ އުޅުމުގައި އަމަލު ކުރަންޖެހޭ ގޮތާއި މި ސަރަހައްދު ހުރަސްކޮށް ދަތުރު ކުރާ ގޮތުގެ އިތުރުން ރާއްޖޭގެ ވައިގެ ސަރަހައްދަށް ވަނުމާއި ހުރަސްކޮށް ދަތުރު ކުރުމުގައި އަމަލު ކުރަންޖެހޭ ގޮތްތައް މިހާރު ބަޔާންކޮށްފައި އޮންނަނީ "ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކާ ބެހޭ ގާނޫނު" ގައެވެ.
މީގެއިތުރުން ހުށަހަޅަން ނިންމާފައިވާ ބައެއް އިސްލާހުތައް:
އުޝާމް ވިދާޅުވީ މިއީ ވެރިކަމުގެ ނިޒާމާއި ރައްޔިތުންގެ މަޖިލިސް އަދި ޝަރުއީ ދާއިރާގައި ހައްލުކުރަން ހުރި ކަންކަން ހައްލު ކުރުމަށްޓަކައި ގާނޫނުއަސާސީއަށް ގެންނަން ޖެހޭ އިސްލާހުތަކެއް ކަމަށެވެ. އަދި މިކަމާ ގުޅޭގޮތުން ޝަރުއީ ދާއިރާގެ އިސް ފަރާތްތަކާވެސް މަޝްވަރާ ކުރައްވައި، ދިރާސާ ކުރައްވާނެ ކަން އޭނާ ފާހަގަކުރެއްވިއެވެ.
އަދި ހުށަހަޅާނެ އިސްލާހުތައް މުޅީން ކަނޑައަޅާނީ އެ ފަރާތްތަކާ މަޝްވަރާކޮށް، ޚިޔާލުހޯދުމަށް ފަހު ކަމަށްވެސް އުޝާމް ވަނީ ވިދާޅުވެފައެވެ.