މަކަރާއި ހީލަތުގެ މައްސަލައެއްގައި މިއަދުވެސް މީހަކު ހޯދަން އިއުލާންކޮށްފިއެވެ. ފާއިތުވި ހަފްތާ ދުވަސްތެރޭގައި ވެސް މަކަރާއި ހީލަތުގެ ތިން މައްސަލައެއްގައި ތިން މީހަކު ހޯދަން ފުލުހުން އިއުލާން ކޮށްފައި ވެއެވެ.
ފުލުހުންގެ ވެބްސައިޓްގައި ފުލުހުން ކޮށްފައިވާ އިއުލާނެއްގައި ވިދާޅުވެފައި ވަނީ ގަލޮޅު ޕޮލިހުން ތަހުގީގު ކުރަމުންދާ، މަކަރާއި ހީލަތުގެ މައްސަލައެއްގެ ތަހުގީގަށް ހާޒިރު ކުރަން ބޭނުންވާ މީހަކީ ޢަބްދުﷲ އިބްރާހީމް، މ. އަރޫދާގެ / މާލެ (52އ) ކަމަށެވެ.
ޢަބްދުﷲ އިބްރާހީމް ހޯދަން އިއުލާން ކުރީ އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ ކަމަށާއި އޭނާ ހޯދަން އިއުލާން ކުރީ ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ކަމަށް ވެސް ފުލުހުންގެ އިއުލާންގައި ވިދާޅުވެފައި ވެއެވެ.
ޢަބްދުﷲ އިބްރާހީމް ގަލޮޅު ޕޮލިސް ސްޓޭޝަނަށް، 2024 ނޮވެމްބަރު 7 ވަނަ ދުވަހުގެ 10:00 އަށް ހާޒިރުވުމަށް ފުލުހުންގެ އިއުލާންގައި ވަނީ އަންގާފައެވެ.
ޢަބްދުﷲ އިބްރާހީމް ހޯދަނީ ގަލޮޅު ޕޮލިހުން ތަހުގީގު ކުރަމުންދާ، މަކަރާއި ހީލަތުގެ މައްސަލައެއްގެ ތަހުގީގަށް ހާޒިރުކޮށް ސުވާލު ކުރަން ކަމަށް ވިދާޅުވުން ފިޔަވައި މައްސަލައިގެ އިތުރު އެއްވެސް ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.