Wednesday 6th Nov 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައްޔިތުންގެ މަޖިލީސް

ޓޫރިޒަމް ދާއިރާއިން ނަގާ ޓެކްސްތައް ބޮޑުކުރަން މުޅި މަޖިލީހުގެ ކޮމިޓީން ފާސްކޮށްފި

ފަތުރުވެރިންގެ އަތުން ނަގާ ގްރީން ޓެކުހާއި، ފަތުރުވެރިކަމުގެ މުދަލާއި ހިދުމަތުން ނަގާ ޓީޖީއެސްޓީ ހިމެނޭހެން ތިން ޓެކުހެއް ބޮޑުކުރުމަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅި ތިން ބިލެއް މުޅި މަޖިލީހުގެ ކޮމިޓީން ފާސްކޮށްފިއެވެ.

އިގްތިސާދީ ކޮމިޓީއާއި މާލިއްޔަތު ކޮމިޓީން އެ ބިލުތައް ދިރާސާކުރުމަށް ފަހު ނިންމި ގޮތުގެ ރިޕޯޓު މިއަދު ވަނީ މުޅި މަޖިލީހުގެ ކޮމިޓީއަށް ހުށަހަޅާފައެވެ.

ޓީޖީއެސްޓީ

މި އިސްލާހުގައި ބުނެފައިވާ ގޮތުގައި މިހާރު %16 ނަގަމުން އަންނަ ޓީޖީއެސްޓީ އަންނަ އަހަރުގެ ޖޫން މަހުން ފެށިގެން %17 އަށް ބޮޑު ކުރުމަށް ވަނީ ނިންމާފައެވެ. ބިލު ފާސްކޮށްފައިވަނީ ކޮމިޓީން ހުށަހެޅި ގޮތަށް ވޯޓުގައި ބައިވެރިވި 68 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. ބިލު ފާސްކުރުމާ ދެކޮޅަށް 10 މެންބަރަކު ވަނީ ވޯޓު ދެއްވާފައެވެ.

ގްރީން ޓެކްސް

ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންގެ އަތުން ނަގަމުން އަންނަ ގްރީން ޓެކްސް %50 އަށް އިތުރު ކުރަން ނިންމާފައިވާއިރު، މި އިސްލާހާއެކު 50 ކޮޓަރިއަށް ވުރެ މަދުން ހިންގާ ޓޫރިޒަމް ހިދުމަތްދޭ ތަންތަނުން ތިން ޑޮލަރުގެ ބަދަލުގައި ހަ ޑޮލަރު ނަގާނެއެވެ. ނަމަވެސް ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންގެ ތެރެއިން ދެ އަހަރުން ދަށުގެ ކުދީން އަތުން ގްރީން ޓެކުހެއް ނުނަގާނެއެވެ.

ރިސޯޓުތަކުން ކޮންމެ ފަތުރުވެރިއެއްގެ ބޮލަކަށް މިހާރު ނަގަމުން އަންނަ ހަ ޑޮލަރުގެ ބަދަލުގައި 12 ޑޮލަރު ނަގަން ވެސް ވަނީ ނިންމާފައެވެ. މި ބަދަލަށް އަމަލުކުރަން ފަށާނީ އަންނަ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ.

މި ރިޕޯޓަށް ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވަނީ 25 ކޮޓަރި އަދި އެއަށްވުރެ މަދު ކޮޓަރި ރަޖިސްޓްރީކޮށްފައިވާ ގެސްޓްހައުސްތަކުން ގްރީން ޓެކްސް 3 ޑޮލަރުގައި ހިފެހެއްޓުމަށް އިސްލާހެއް ހުށަހަޅުއްވާފައެވެ. އިސްލާހަށް ތާއީދުކުރެއްވީ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލްއެވެ.

ނަމަވެސް އިސްލާހު ފާސްކުރުމަށް ނެގި ވޯޓުގައި އެއާ އެއްކޮޅަށް ވޯޓު ދެއްވާފައިވަނީ އެންމެ 11 މެންބަރުންނެވެ. އިސްލާހާ ދެކޮޅަށް 68 މެންބަރުން ވޯޓުދެއްވިއެވެ.

އެއަށްފަހު ޖޮއިންޓް ސަބްކޮމިޓީން ފާސްކުރިގޮތަށް މުޅި މަޖިލީހުގެ ކޮމިޓީން ބިލު ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވި 67 މެންބަރުންގެ ވޯޓުންނެވެ. ދެކޮޅަށް 11 މެންބަރަކު ވޯޓު ދެއްވިއެވެ.

ޑިޕާޗާ ޓެކުހާއި އެއާޕޯޓު ޑިވެލޮޕްމަންޓް ފީ

އިކޮނޮމީ ކްލާހުން ދަތުރުކުރާ ބިދޭސީންގެ އަތުން މިހާރު ނަގަމުން އަންނަ 30 ޑޮލަރު 50 ޑޮލަރަށް އިތުރު ކުރުމަށް ވަނީ ނިންމާފައެވެ. އިކޮނޮމީން ދަތުރު ކުރާ ދިވެހީންގެ ފީއަށް އެއްވެސް ބަދަލެއް ގެންނަން ނިންމާފައެއް ނުވެއެވެ. ދިވެހީންގެ އަތުން ނަގާނީ މިހާރުވެސް ނަގަމުން އަންނަ 12 ޑޮލަރުގެ ފީއެކެވެ.


ނަމަވެސް ބިޒްނަސް ކްލާހުން ދަތުރުކުރާ ދިވެހީންނާއި ބިދޭސީންގެ އަތުން މިހާރު ނަގަމުން އަންނަ 60 ޑޮލަރު 120 ޑޮލަރަށް ބޮޑުކުރުމަށް ވަނީ ނިންމާފައެވެ. އަދި ފަސްޓް ކްލާހުން ދަތުރުކުރާ ދިވެހީންނާއި ބިދޭސީންގެ އަތުން މިހާރު ނަގަމުން އަންނަ 90 ޑޮލަރު 240 ޑޮލަރަށް ބޮޑުކުރުމަށް ވަނީ ނިންމާފައެވެ.

ޕްރައިވެތް ޖެޓުން ދަތުރު ކުރާ ދިވެހީންނާއި ބިދޭސީންގެ ފީގެ ގޮތުގައި މިހާރު ނަގަމުން އަންނަ 120 ޑޮލަރު 480 ޑޮލަރަށް ބޮޑުކުރުމަށް ވެސް ނިންމާފައިވެއެވެ.

މި ބަދަލަށް އަމަލު ކުރަން ފަށާނީ އަންނަ ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ.

ވެލާނާ އިންޓަނޭޝަލް އެއާޕޯޓުން ފުރާ ޕަސިންޖަރުންގެ އަތުން އެކަނި އެޓެކްސް ނެގުމަށް ޖޮއިންޓް ސަބް ކޮމިޓީން ހުށަހެޅި ރިޕޯޓަށް ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް ވަނީ އިސްލާހެއް ހުށަހަޅުއްވާފައެވެ. އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލްއެވެ.

ނަމަވެސް އިސްލާހު ފާސްކުރުމަށް ނެގި ވޯޓުގައި އެއާ އެއްކޮޅަށް ވޯޓު ދެއްވާފައިވަނީ އެންމެ 11 މެންބަރުންނެވެ. އިސްލާހާ ދެކޮޅަށް 67 މެންބަރުން ވޯޓުދެއްވިއެވެ.

އެއަށްފަހު ޖޮއިންޓް ސަބްކޮމިޓީން ފާސްކުރިގޮތަށް މުޅި މަޖިލީހުގެ ކޮމިޓީން މި ބިލު ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވި 67 މެންބަރުންގެ ވޯޓުންނެވެ. ދެކޮޅަށް 11 މެންބަރަކު ވޯޓު ދެއްވިއެވެ.

ސަރުކާރުގެ ފަރާތުން މި ބިލުތައް މަޖިލީހަށް ހުށަހަޅާފައިވަނީ ދައުލަތުގެ ފިސްކަލް އަދި ދަރަނީގެ ދެމެހެއްޓެނިވިކަން އިއާދަ ކުރުމަށާއި ބޭރުގެ ފައިސާއިން ލިބޭ އާމްދަނީ އިތުރު ކުރުމުގެ މަގްސަދުގައެވެ.

މި ލިއުމާއި ގުޅޭ