މިސް ޔުނިވާސްގައި ދިވެއްސަކު ބައިވެރިވުން ބަލައި ނުގަންނަ ކަމަށާއި އެކަމަށް އެހީތެރިކަމެއް ވެސް ދީފައި ނޯންނާނެ ކަމަށް ދިވެހި ސަރުކާރުން ވިދާޅުވެއްޖެއެވެ.
ދިވެހި ސަރުކާރުގެ ފަރާތުން ޔޫތު މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ދިވެހިންގެ ދީނާއި އަގީދާއާއި ސަގާފަރާއި ނުގުޅޭ ހަރަކާތްތަކާއި މުބާރާތްތައް ބޭއްވުމާއި އަދި އެކިއެކި ފަރާތްތަކުން ބާއްވާ އެފަދަ މުބާރާތްތަކާއި ހަރަކާތްތަކުގައި ދިވެހިން ބައިވެރިވުމަކީ ދިވެހި ސަރުކާރުން ބަލައިގަންނާނެ ކަމެއް ނޫން ކަމަށެވެ.
"އަދި އެފަދަ ކަންކަމަކީ ދިވެހިން ގަބޫލުކުރާ އާއްމު އަހްލާގީ މިންގަނޑުތަކާއި އުސޫލުތަކާއި ވެސް ކަންކަމަށް ވާއިރު ރާއްޖެ ތަމްސީލް ކުރުމުގެ ނަމުގައި ދިވެއްސަކު އެފަދަ ހަރަކާތްތަކަށް ދިޔުން ދިވެހި ސަރުކާރުން ކުށްވެރި ކުރަމެވެ. އަދި އެފަދަ ހަރަކާތްތަކުގައި ބައިވެރިވުމަށް މަސައްކަތް ކުރަމުންދާ ފަރާތުން އެކަން ހުއްޓާލުމަށް ވެސް ގޮވާލަމެވެ." ބަޔާނުގައި ވިދާޅުވެފައި ވެއެވެ.
ރާއްޖެ ތަމްސީލް ކުރުމުގެ ނަމުގައި އެފަދަ އެއްވެސް ހަރަކާތެއްގައި ދިވެއްސަކު ބައިވެރި ކުރުވުމަކީ ސަރުކާރުން ކުރާނެ ކަމަކަށް ނުވާއިރު އެއީ ސަރުކާރުން ކުރުވާ ކަމެއް ކަމަށް ދޭހަވާ ގޮތަށް މައުލޫމާތު ނުފެތުރުމަށާއި އެފަދަ ކަންކަމުގައި ދިވެހިން ބައިވެރި ނުވުމަށް އެންމެހާ ރައްޔިތުންނަށް ގޮވާލާ ކަމަށް ވެސް ބަޔާނުގައި ވިދާޅުވެފައި ވެއެވެ.
ބަޔާނުގައި ވިދާޅުވީ މެކްސިކޯގައި ބޭއްވުމަށް ހަމަޖެހިފައިވާ މިސް ޔުނިވާސް މުބާރާތުގައި ދިވެއްސަކު ބައިވެރިވާތީ އެއީ ރާއްޖެ ތަމްސީލް ކުރަން ދިވެހި ސަރުކާރުގެ ބައިވެރިވުމެއް އޮތްކަމެއް ކަމަށް ދޭހަވާގޮތަށް ޚަބަރުތައް އާއްމުވަމުން ދިޔަ ނަމަވެސް އެކަމުގައި ސަރުކާރުގެ ބައިވެރިވުމެއް ނެތް ކަމަށެވެ.
ރީތީގެ މުބާރާތް، މިސް ޔުނިވާސްގައި ބައިވެރިވެފައި ވަނީ 21 އަހަރުގެ މަރިޔަމް ޝައިނާ ނަސީމެވެ. މިސް ޔުނިވާސް މުބާރާތުގައި ޝައިނާ ބައިވެރިވީ ރާއްޖޭގެ އިވެންޓް މެނޭޖުމަންޓް ކުންފުނި "ހީ އެންޑް ޝީ މޯލްޑިވްސް"ގެ އިން ހޯދި ފުރުސަތެއްގައެވެ.