Saturday 21st Jun 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް ޑރ.މުޢިއްޒު

މަސްވެރިންނަށް ދޭންހުރި ހުރިހާ ފައިސާއެއް މިފްކޯ އާއި ހަވާލުކޮށްފިން - ރައީސް

މިއަދާއި ހަމައަށް މަސްވެރިންނަށް ދޭންހުރި ހުރިހާ ފައިސާއެއް މިފްކޯ އާއި ހަވާލުކޮށްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މުއިއްޒު ދެންމެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިއަދާ ހަމައަށް މަސްވެރިންނަށް ނުދެވިހުރި ފައިސާގެ ޖުމުލަ އަދަދު މިހާރު ވަނީ އެ ފަރާތްތަކަށް ރަށްދުކުރުމަށް މިފްކޯ އާއި ޙަވާލުކުރެވިފައި ކަމަށެވެ. މެނިފެސްޓޯގައިވާ ފަދައިން 48 ގަޑި އިރު ތެރޭގައި ދެމެހެއްޓެނިވި ގޮތެއްގައި ފައިސާ ދެވޭނޭ ނިޒާމު ޤާއިމު ކުރުމުގެ މަސައްކަތް ދަނީ ކުރެވެމުން ކަމަށް ވެސް ރައީސްގެ ޕޯސްޓްގައި ވިދާޅުވިއެވެ.

މިދިޔަ މަހުގެ 30 ވަނަ ދުވަހު މިފްކޯ އިން ބުނި ގޮތުގައި އެދުވަހު ވެސް 17 މިލިއަން ރުފިޔާ މަސްވެރިންނަށް ޖަމާކޮށްދިނެވެ. ސެޕްޓެމްބަރ މަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މަސްވެރިންނަށް މިސަރުކާރުން ވަނީ ސެޕްޓެމްބަރ މަހުގެ ނިޔަލަށް 896 މިލިއަން ރުފިޔާ ޖަމާކޮށްދީފައެވެ.

މިއަދު މަޖިލިސް ޖަލްސާގައި ފިޝަރީޒް މިނިސްޓަރ އަހްމަދު ޝިޔާމް ވިދާޅުވީ މަސްކިރާތާ 48 ގަޑިއިރުގެ ތެރޭގައި މަސްވެރިންނަށް ފައިސާ ދިނުމަށް ސަރުކާރުން ވެފައި އޮތް ވައުދަށް މިސަރުކާރުން ނުފިލާނެ ކަމަށާއި، އެވައުދު މަތިން ސަރުކާރުން ހަނދާން އެބަހުރި ކަމަށެވެ.

އެމްޑީޕީގެ ސަރުކާރުން މިދިޔަ އަހަރުގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ކުރިން 17 ރުފިޔާއަށް ހުރި މަސް ކިލޯއެއްގެ އަގު އިންތިހާބުގެ ފުރަތަމަ ބުރަށްފަހު، ދެވަނަ ބުރުގެ ވޯޓްގެ ކުރިން 25 ރުފިޔާއަށް ބޮޑު ކުރިއެވެ. އެކަމަށް އިޝާރާތް ކުރައްވާ ޝިޔާމް މިއަދު ވިދާޅުވީ "މިސަރުކާރަށް މަސްވެރިން ފެނުނީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރާއި ދެވަނަ ބުރާއި ދޭތެރޭގައި." ނޫން ކަމަށެވެ.

ޝިޔާމް ވިދާޅުވީ މަހުގެ އަގަށް ގެނައި ބަދަލުގެ ސަބަބުން ރައީސް މުއިއްޒުގެ ސަރުކާރު އައިއިރު މަސްވެރިންނަށް ނުދައްކާ ސަރުކާރުން 250 މިލިއަން ރުފިޔާ ނުދައްކާ އޮތް ކަމަށެވެ. ބަހަނާއެއް ދެއްކުމެއް ނެތި އެފައިސާ މަސްވެރިންނަށް ދެއްކީ މިސަރުކާރުން ކަމަށް ޝިޔާމް ވިދާޅުވިއެވެ.
މި ލިއުމާއި ގުޅޭ