Wednesday 14th May 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މެރުން

ޝަހުމް މަރަން ހުކުމް ކުރީ ސުވާލެއް ނުއުފެދޭ މިންވަރަށް ހެކި ހުރެގެން، ބަދަލެއް ގެންނާކަށް ނުޖެހޭ - ދައުލަތް

އަހްސަން ބަޝީރު (ބަކްސީ) މަރާލި މައްސަލައިގައި ހުސެއިން ޝަހުމް އާދަމް މަރަން ހައިކޯޓުން ހުކުމް ކޮށްފައި ވަނީ ދައުލަތުން އޭނާ އާއި ދެކޮޅަށް ހުށަހެޅި ހެކިތައް ސުވާލެއް ނުއުފެދޭ މިންވަރަށް ވަޒަން ކުރުމަށްފަހު އަދި ދައުވާ ލިބޭ ޝަހުމްއަށް ލިބެން ޖެހޭ ހުރިހާ ހައްގުތަކެއް ހުރިހާ މަރުހަލާއެއްގައި ވެސް ފޯރުކޮށްދީގެން ކަމަށް ވާތީ އޭނާ މަރަން ކޮށްފައި އޮތް ހުކުމަށް ބަދަލެއް ގެންނަން ޖެހޭ ސަބަބެއް ނެތް ކަމަށް މިއަދު ދައުލަތުން ސުޕްރީމް ކޯޓުގައި ދައުލަތުން ބުނެފިއެވެ.

ބަކްސީ މަރާލި މައްސަލައިގައި ޝަހުމްގެ މައްޗަށް ކުށް ސާބިތުނުވާކަމަށް ކްރިމިނަލް ކޯޓުން ނިންމާފައި ވަނިކޮށް ހައިކޯޓުން އޭނާގެ މައްޗަށް މަރުގެ ހުކުމް އިއްވީ މީގެ ދެއަހަރު ކުރިން 2022 ވަނަ އަހަރު އެވެ. މަޖީދީމަގާއި އަލިކިލެގެފާނު މަގު ގުޅުނު ހިސާބުގައި ޝަހުމް، ބަކްސީއަށް ހަމަލާ ދިނީ 2011 ވަނަ އަހަރު އެވެ.

މިމައްސަލައިގެ އިސްތިއުނާފު ސުޕްރީމް ކޯޓުން މިއަދު ފެށީ ހުކުމުގެ ސައްހަކަން ކަށަވަރު ކުރަން ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހެޅުމުންނެވެ. އެއީ ޝަހުމް މައްސަލަ އިސްތިއުނާފު ކޮށްފައި ނުވާތީއެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ދައުލަތުގެ ވަކީލުން ވިދާޅުވީ ޝަހުމް ކްރިމިނަލް ކޯޓުގައި ދައުވާއަށް އިންކާރު ކުރިނަމަވެސް ދައުލަތުން ހުށަހެޅި ފަސް ހެކިންގެ ހެކިބަހުން ޝަހުމްގެ މައްޗަށް ކުށް ސާބިތު ކުރެވޭ ކަމަށެވެ. އޭގެތެރެއިން ދެހެކިންނަކީ ހާދިސާ ހިނގިތަނުގައި ތިބި ދެމީހުންކަން ފާހަގަކޮށް ދައުލަތުން ބުނީ އޭގެތެރެއިން އެކަކަށް ސީދާ ހަމަލާ ދިން މަންޒަރު ނުފެނުނު ނަމަވެސް އެތަނުގައި ޝަހުމް ހުރި ކަމާއި، އަދި ހަމަލާ ދިނީ ޝަހުމް ކަމަށް ބަކްސީ އޭނާ ކައިރީ ބުނި ބުނުމާއި ގުޅިފައި ހުރި އެހެން ކަންކަމަށް ބަލާއިރު ހަމަލާ ދިނީ ޝަހުމްކަން އެނގޭ ކަމަށެވެ.

ޝަހުމްގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ނިންމީ ދެ ފިރިހެނެއްގެ ހެކިބަސް ނުލިބި މައްސަލަތަކުގައި ކުށް ސާބިތުނުވާ ކަމަށް އިލްމުވެރިންގެ ބަސްތަކަށް ރިއާޔަތްކޮށްގެން ކަމަށާއި ނަމަވެސް ސުޕްރީމް ކޯޓުން ފަހުން ނިންމާފައި ހުރި ނިންމުންތަކަށް ބަލާއިރު އެމިންގަނޑުން ހެކި ވަޒަންކޮށް ޝަހުމްގެ މައްޗަށް މަރުގެ ހުކުމް އިއްވޭނެ ކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.

ސުޕްރީމް ކޯޓުން މީގެ ކުރިން ނިންމި މަރުގެ މައްސަލައެއް ކަމަށްވާ މުހައްމަދު ނަބީލްގެ މައްސަލައިގައި ބަޔާން ކޮށްފައިވާ ކަންކަން ފާހަގަކޮށް މިއަދު ދައުލަތުގެ ވަކީލް ވިދާޅުވީ މަރުގެ މައްސަލަތަކުގައި މީހެއްގެ ނިޔަތް ސާބިތުކުރަން ޖެހޭއިރު މީހަކު މަރުވެދާނެ ފަދަ ހަތިޔާރަކުން ހަމަލާއެއް ދިނުމަކީ މަރާލުމުގެ ގަސްދު އޮތްކަމުގެ ނިޔަތް އޮތް ކަމުގެ ހެއްކެއް ކަމަށެވެ.

މިހާރު އަމަލު ކުރަމުން އަންނަ ގާނޫނުލްއުޤޫބާތުގައި ހައްދާއި ގިސޯސްގެ ކުށްތައް ސާބިތު ކުރަން ޖެހޭ މިންވަރަކީ އެއްވެސް ޝައްކެއް ނެތް މިންވަރު ނުވަތަ އަމަލީ ގޮތުން ޔަގީން ކުރެވޭ މިންވަރުކަން ފާހަގަކޮށް ދައުލަތުން ވިދާޅުވީ އެއީ އިސްލާމީ ޝަރީއަތުގައި އޮތް މިންވަރު ނޫންކަން ހައިކޯޓުގެ ހުކުމުގައި ފާހަގަ ކޮށްފައިވާ ކަމަށެވެ. "އެއްވެސް ޝައްކެއް ނެތުމުގެ މާނައަކީ ޔަގީންވުން ކަމަށާއި ޔަގީންވުމުގެ މާނައަކީ އެއްވެސް ގޮތަކުން ޝުބްހައެއް ނެތުން ނޫންކަމާއި ޔަގީންކަމޭ ބުނެވެނީ ލިބިފައިވާ ހެކިތަކުން މުހުތަމު އެކަން ކުރިކަމުގެ އީޖާބީ ހެކި ލިބިފައިވުން." ހައިކޯޓުގެ ހުކުމާއި ހަވާލާ ދެއްވާ ދައުލަތުން ވިދާޅުވިއެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލިސް ނިންމާލީ މިއަދުގެ ޝަރީއަތް ކުރިއަށް ގެންދަން ކަނޑައެޅި ވަގުތު ހަމަވުމުންނެވެ. ދައުލަތުން ހުށަހެޅި ކަންކަމަށް ޝަހުމްގެ ފަރާތުން ޖަވާބުދާރީވުން އޮންނާނީ ދެން ބާއްވާ ޝަރީއަތުގެ މަޖިލީހެއްގައެވެ.

ޝަހުމްގެ މައްސަލަ ބަލާ ބެންޗްގައި ތިއްބަވަނީ ފަނޑިޔާރު ޑރ.މުހައްމަދު އިބްރާހިމާއި ފަނޑިޔާރު ޑރ.އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު ހުސްނުއްސުއޫދު އަދި ފަނޑިޔާރު އަލީ ރަޝީދު ހުސައިންނެވެ. ރިޔާސަތު ބަލަހައްޓަވަނީ ފަނޑިޔާރު ޑރ.މުހައްމަދު އިބްރާހިމެވެ.

ބަކްސީގެ މަރުގެ މައްސަލައިގައި ޝަހުމްގެ އިތުރުން މއ. ވީނަސްތަރި ހަސަން ޝިމާޒް މުހައްމަދު ސުވާދު (ޖަރުމަން)ގެ މައްޗަށް 15 އަހަރުގެ ޖަލު ހުކުމެއް ވެސް ހައިކޯޓުން އިއްވާފައި ވެއެވެ. އެއީ ބަކްސީ ހުރި ތަނަށް ޝަހުމް ދިޔަ ސައިކަލް ދުއްވަން އިނީ ޝިމާޒް ކަމަށް ވާތީ މީހަކު މަރާލުމުގެ އެހީތެރިވުމުގެ ކުށް ސާބިތުވުމުންނެވެ. ނަމަވެސް ޖަރުމަންގެ މައްސަލަ އިސްތިއުނާފު ކޮށްފައެއް ނުވެއެވެ.

ބަކްސީގެ މަރުގެ މައްސަލައިގައި ޝަހުމްގެ މައްޗަށް މަރުގެ ހުކުމް އިއްވިއިރު އޭނާ ހުރީ މާފަންނު ޔޫތު ސެންޓަރު ކައިރީގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު މަރާލި މައްސަލާގައި 2010 ވަނަ އަހަރު ކުރި ޓެރަރިޒަމްގެ ދައުވާ ސާބިތުވެގެން އުމުރު ދުވަހުގެ ޖަލު ހުކުމެއްގައެވެ. ޝަހުމް، ބަކްސީއަށް ހަމަލާދީ މަރާލީ ޔޫތު ސެންޓަރު ކައިރިން މީހަކު މަރާލި މައްސަލައިގައި ހައްޔަރުކޮށްފައި ހުއްޓާ ކޯޓުން އޭނާ ދޫކޮށްލާފައި ހުއްޓައެވެ.
ބަކްސީގެ މަރުގެ މައްސަލައިގައި ޝަހުމްގެ މައްޗަށް ކުށް ސާބިތު ކުރުމުގައި މަރު މަތީގައި އޮވެގެން ބުނި ބަސް (ޑައިން ޑިކްލަރޭޝަން) އެއީ ހެއްކެއްގެ ގޮތުގައި ބަލައި ގެންފައި ވެއެވެ. އެއީ ޑައިން ޑިކްލަރޭޝަން ރާއްޖޭގެ ކޯޓަކުން ހެއްކެއްގެ ގޮތުގައި ބަލައިގަތް ފުރަތަމަ މައްސަލަ އެވެ. ބަކްސީ ޒަހަމްކޮށްލި ފަހުން ހޮސްޕިޓަލްގައި އޮވެ ދެފަހަރަކަށް ފުލުހުން ކައިރީގައި އޭނާއަށް ހަމަލާ ދިނީ ޝަހުމް ކަމަށް ބުނެފައިވާކަމަށް ތިން ފުލުހަކު ކޯޓުގައި ހެކިބަސް ދިނެވެ.
މި ލިއުމާއި ގުޅޭ