މަސްކިރާތާ 48 ގަޑިއިރުގެ ތެރޭގައި މަސްވެރިންނަށް ފައިސާ ދިނުމަށް ސަރުކާރުން ވެފައި އޮތް ވައުދަށް މިސަރުކާރުން ނުފިލާނެ ކަމަށާއި، އެވައުދު މަތިން ސަރުކާރުން ހަނދާން އެބަހުރި ކަމަށް ފިޝަރީޒް މިނިސްޓަރ އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ޝިޔާމް މިހެން ވިދާޅުވީ ސަރުކާރުން މަހުގެ އަގަށް ބަދަލު ގެނައީ މަސްވެރިންނަށް ފައިސާ ދިނުމަށް ދައްކާ ބަހަނާއަކަށް 48 ގަޑިއިރުން ފައިސާ ދިނުމުގެ ވައުދު ހަދައިގެންތޯ މިއަދުގެ މަޖިލިސް ޖަލްސާގައި މަރަދޫ ދާއިރާގެ މެންބަރު އަހްމަދު ދީދީ ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ. ޝިޔާމް ވިދާޅުވީ މަސްވެރިންނަށް 48 ގަޑިއިރުން ފައިސާ ދިނުމަކީ ރައީސް މުއިއްޒުގެ ސަރުކާރުން ތަންފީޒު ކުރާނެ ވައުދެއް ކަމަށެވެ.
އެމްޑީޕީގެ ސަރުކާރުން މިދިޔަ އަހަރުގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ކުރިން 17 ރުފިޔާއަށް ހުރި މަސް ކިލޯއެއްގެ އަގު އިންތިހާބުގެ ފުރަތަމަ ބުރަށްފަހު، ދެވަނަ ބުރުގެ ވޯޓްގެ ކުރިން 25 ރުފިޔާއަށް ބޮޑު ކުރިއެވެ. އެކަމަށް އިޝާރާތް ކުރައްވާ ޝިޔާމް މިއަދު ވިދާޅުވީ "މިސަރުކާރަށް މަސްވެރިން ފެނުނީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރާއި ދެވަނަ ބުރާއި ދޭތެރޭގައި." ނޫން ކަމަށެވެ.
ޝިޔާމް ވިދާޅުވީ މަހުގެ އަގަށް ގެނައި ބަދަލުގެ ސަބަބުން ރައީސް މުއިއްޒުގެ ސަރުކާރު އައިއިރު މަސްވެރިންނަށް ނުދައްކާ ސަރުކާރުން 250 މިލިއަން ރުފިޔާ ނުދައްކާ އޮތް ކަމަށެވެ. ބަހަނާއެއް ދެއްކުމެއް ނެތި އެފައިސާ މަސްވެރިންނަށް ދެއްކީ މިސަރުކާރުން ކަމަށް ޝިޔާމް ވިދާޅުވިއެވެ.
ޝިޔާމް ވިދާޅުވީ މަސްވެރި ސިނާއަތުގައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ކެޕޭސިޓީ ނެތުން ކަމަށާއި އެއީ މަސް ރައްކާ ކުރުން ކަމަށް ވީނަމަވެސް ނުވަތަ އަގު އެއްކުރުމުގެ ކެޕޭސިޓީ ވެސް ހިމެނޭ ގޮތުން ކަމަށެވެ.
"ކެޕޭސިޓީ ނެތި މަސްވެރި ސިނާއަތް އެހައި ގިނަ ދުވަހު އޮތް އޮތުން އެއީ މަސްވެރި ސިނާއަތައް އޮތް އެންމެ ބޮޑު ގިންޖެހުމަކީ. ފެލިވަރު ފެސިލިޓީއަށް 47 އަހަރު ވެގެން ދިޔައީ. ބައި ގަރުނު ވާން ދާއިރު ފެސިލިޓީ ފެށުނު އިރާއި މިހާރާއި މާބޮޑު ތަފާތެއް ނެތް. މިސިނާއަތް ކުރިއެރުވުމަށް މާގިނަ މަސައްކަތްތަކެއް ކުރެވިފައެއް ނެތް. މިފްކޯއަށް 28 އަހަރު ވެގެން ދިޔައީ. މަސްވެރިން ތަރައްގީވި މިންވަރަށް މަސްވެރިން އަތުން މަސް ގަންނަ ވަސީލަތްތައް ތަރައްގީ ނުވެ އޮތް އޮތުން އެއީ އެންމެ ބޮޑު ގޮންޖެހުން." ޝިޔާމް ވިދާޅުވިއެވެ.
ޝިޔާމް ވިދާޅުވީ އައްޑޫ ސިޓީ ހުޅުމީދޫގެ މަސް ފެކްޓްރީގެ ކެޕޭސިޓީ ބޮޑު ކުރުމަށް މިދިޔަ ހަފްތާގައި ފަންޑް ހަމަޖެހިފައިވާ ކަމަށެވެ. "އަޅުގަނޑުމެން މިބަލަނީ 2025 ވަނަ އަހަރުގެ ކުރީކޮޅު މަސައްކަތް ފަށާ އަހަރުގެ ފަހުކޮޅަށް ނުވަތަ 2026 ވަނަ އަހަރުގެ ކުރީކޮޅު މަސައްކަތް ނިންމާލެވޭނެ ކަމަށް. މިހާރު އެ ފެސިލިޓީގައި ރައްކާ ކުރެވެނީ 1500 ޓަނުގެ މަސް. އަދި 50 ބްރައިން ފްރީޒިން ކެޕޭސިޓީ ހުރީ. އިތުރު ކުރެވޭ ކެޕޭސިޓީ އާއިއެކު 1000 ރައްކާ ކުރެވޭނެ. އަދި 50 ޓަނުގެ ބްރައިން ފްރީޒިން ކެޕޭސިޓީ އިތުރު ކުރެވޭނެ." ޝިޔާމް ވިދާޅުވިއެވެ.