މާލެ ސަރަހައްދުގައި ޓެކްސީ ހިދުމަތް ދިނުމަށް ކުރިއަށް އޮތް ދެ ހަފްތާގެ ތެރޭގައި ސަރުކާރު ހިއްސާވާ ކުންފުންޏަކާ ހަވާލުކޮށް އެކަން އިއުލާނުކުރަން ތައްޔާރުވަމުންދާ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިގްތިސޯދީ ކޮމިޓީގައި މިއަދު ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ ޓެކްސީ ހިދުމަތުގެ މަސައްކަތް ކުރުމަށް އެމްޓީސީސީ އަކީ ރަނގަޅު ކުންފުންޏެއް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
މިނިސްޓަރު އަމީން ވިދާޅުވި ގޮތުގައި ޓެކްސީ ލައިން ހިދުމަތް ކުރިއަށް ގެންދަން ނިންމާފައިވަނީ އެމްޓީސީސީން ހިންގާ އާރްޓީއެލް ބަސް ކޮންސެޕްޓަށް ކަމަށެވެ. އަދި އެކަމަށް ސަބްސިޑީއެއް ނުދޭނެ ކަމަށާއި، އެކަމަކު ކެޕިޓަލް އިންވެސްޓްމަންޓް ދޭނެ ކަމަށް މިނިިސްޓަރު ވިދާޅުވިއެވެ.
މީގެއިތުރުން ބިދޭސީންނަށް ޓެކްސީ ޑްރައިވަރުކަމެއް ނުކުރެވޭނެ ކަމަށާއި، ޓެކްސީ ލައިންގައި މަސައްކަތްކުރި ނަމަވެސް އަމިއްލަ ޓެކްސީ ވެސް ދުއްވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ކޮމްޕިއުޓަރައިޒްޑް ސިސްޓަމަކުން މޮނީޓާ ކުރާ މި ހިދުމަތް 24 ގަޑިއިރު ދިނުމަށް ނިންމާފައިވާަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ މި ޓެކްސީ ލައިންގެ ކާރުތައް ފްރީލާންސް އުސޫލުން ވަކި އެޕްލިކޭޝަނެއް މެދުވެރިކޮށް ކޮންޓްރޯލްކޮށް ދުއްވުމުގެ ފުރުސަތު އެކަމަށް ޝައުގުވެރިވާ ދިވެހިންނަށް ހުޅުވާލާނެ ކަމަށެވެ. އެގޮތަށް ހަމަޖެއްސުމުން ޑްރައިވަރުންނާއި ފަސިންޖަރުންނަށް ވެސް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުވެގެންދާނެކަމަށް ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މި ޓެކްސީ ހިދުމަތުގައި ބޭނުންކުރާ %25 ޓެކްސީއަކި ތިމާވެއްޓާ ރައްޓެހި އިލެކްޓްރިކް އުޅަނދަށް ހަދާނެކަމަށް ވެސް މިނިސްޓަރު މައުލޫމާތު ދެއްވިއެވެ.