Wednesday 6th Nov 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ލުބުނާން

ހިޒްބުﷲ އަށް އާލީޑަރަކު އައްޔަންކޮށްފި

ލުބުނާންގެ ހިޒްބުﷲ ޖަމާއަތުގެ ލީޑަރު ހަސަން ނަސްރުﷲ އަވަހާރަކޮށްލުމުން ހުސްވެފައި އޮތް ލީޑަރުގެ މަގާމަށް ބޭފުޅަކު އައްޔަންކޮށް މިއަދު އެކަން އިއުލާންކޮށްފިއެވެ. ހިޒްބުﷲގެ ލީޑަރު ކަމާއި އަލަށް ހަވާލުވީ ނައީމް ގައްސާމް އެވެ.

ގައްސާމް އަކީ ނަސްރުﷲ އަވަހާރަ ކޮށްލުމުން ހިޒްބުﷲ އާއި ދެން ހަވާލުވާނެ ކަމަށް ކުރިން ވެސް ބެލެވުނު ބޭފުޅެކެވެ. އަބަދުވެސް ގައްސާމް އާއި މުހާތަބު ކުރެވެނީ ހިޒްބުﷲގެ ދެވަނަ ލީޑަރުގެ ގޮތުގައެވެ. އުމުރުން 71 އަހަރުގެ ގައްސާމް އަކީ 1980ގެ އަހަރުތަކުގައި ހިޒްބުﷲ އުފެއްދުމުގައި ވެސް އިސްކޮށް ހަރަކާތްތެރިވި ބޭފުޅެކެވެ. 1991 ވަނަ އަހަރުން ފެށިގެން ގައްސާމް އަންނަނީ ހިޒްބުﷲގެ ޑެޕިއުޓީ ލީޑަރު ނުވަތަ ޑެޕިއުޓީ ސެކިއުރިޓީ ޖެނެރަލްގެ މަގާމު އަދާކުރައްވަމުންނެވެ. އޭގެ އިތުރުން ހިޒްބުﷲގެ ތަރުޖަމާނެއްގެ ޒިންމާތައް ވެސް އަދާކުރައްވަމުން ގެންދަވަނީ ގައްސާމް އެވެ. އެހެންކަމުން އޭނާ އަކީ ބައިނަލްއަޤުވާމީ މީޑިއާތަކާއި ހިޒްބުﷲ ގުޅުވައިދޭ ފަރާތެވެ. އޭނާ އަކީ ޝީޢީ ދީނީ އިލްމުވެރިއެކެވެ.

ގައްސާމް ހިޒްބުﷲ އާއި ހަވާލުވިއިރު މިއީ އެޖަމާއަތައް މިހާތަނަށް ކުރިމަތިވި އެންމެ ބޮޑެތި ގޮންޖެހުންތައް ކުރިމަތިވެފައި އޮތް ދުވަސްވަރެވެ. ނަސްރުﷲ އަވަހާރަކޮށްލި ފަހުން ވެސް އިޒްރާއީލުން ވަނީ ހިޒްބުﷲގެ ލީޑަރުންނަށް އަމާޒުކޮށް ހަމަލާދީ އެތައް ލީޑަރުންނެއް އަވަހާރަކޮށްލާފައެވެ. އަދި 2006 ވަނަ އަހަރަށްފަހު އިޒްރާއީލާއި ހިޒްބުﷲ އާއި ދެމެދު ހިނގަމުންދާ އެންމެ ވަރުގަދަ ހަނގުރާމަ ވެސް ހިނގަމުން ދަނީ މިދުވަސްވަރު އެވެ.

ނަމަވެސް ތަޖުރިބާކާރުން ބުނާ ގޮތުގައި ހިޒްބުﷲ އަށް އިޒްރާއީލުން ވަރުގަދަ ހަމަލާތަކެއް ދެމުން ގެންދިޔަ ނަމަވެސް 2006 ވަނަ އަހަރާއި އަދި އޭގެ ފަހުންނާއި ކުރިން ވެސް އީރާންގެ އެހީތެރިކަން ހިޒްބުﷲ އަށް ލިބިފައި ނެތް މިންވަރަށް މިހާރު ހިޒްބުﷲ އަށް އީރާންގެ އެހީތެރިކަން ލިބެމުން އެބަދެއެވެ. އެއީ އިޒްރާއީލަށް ގެއްލުން ބޮޑެތި ހަމަލާތަކެއް އަދިވެސް ހިޒްބުﷲ އަށް ދެވިދާނެ ސަބަބެއް ކަމަށް މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ދެކެއެވެ.

މިދިޔަ ސެޕްޓެމްބަރ މަހު ނަސްރުﷲ އަވަހާރަކޮށްލި ފަހުން ގައްސާމް ވަނީ ތިން ފަހަރެއްގެ މަތިން ވީޑިއޯ ހިޠާބެއް އާއްމު ކުރައްވާފައެވެ. އޭގެތެރެއިން އޮކްޓޯބަރ 08 ގައި ދެއްވި ހިޠާބުގައި ގައްސާމް ވަނީ ހަމަލާތައް މެދުކަނޑާލުމަށް ހިޒްބުﷲ އިން ތާއިދު ކުރާކަމަށް ވިދާޅުވެފައެވެ.

އެހެންކަމުން ގައްސާމް ހިޒްބުﷲ އާއި ހަވާލުވުމަކީ ހަނގުރާމަ މެދުކަނޑާލުމަށް މަޝްވަރާއަށް ދިއުމަށް ލިބޭ ބާރަކަށް ވެގެން ހިނގައިދާނެ ކަމަށް ބައެއް ތަޖުރިބާކާރުން ލަފާކުރެއެވެ.

މި ލިއުމާއި ގުޅޭ