އާންމު ރައްޔިތުން ކަރަންޓަށް ކުރާ ހޭދަ ކުޑަކުރުމަށާއި، ދިވެހިރާއްޖޭގައި ލިބެން ހުރި ހަކަތައިގެ ވަސީލަތްތަކުގެ ބޭނުންކުރުން އިތުރުކުރުމަށާއި، ދިވެހިރާއްޖޭގައި ބޭނުންކުރާ ކަރަންޓުގެ 33 އިން ސައްތަ އަކީ އިއާދަކުރަނިވި ހަކަތައިގެ ވަސީލަތްތައް ބޭނުންކޮށްގެން އުފައްދާ ކަރަންޓަށް ހެދުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑިއަށް ވާސިލުވުމަށް އެކުލަވާލާފައިވާ މަގޭ ސޯލާ ޕްރޮގްރާމުގެ ދަށުން ގޭގައި ސޯލާ ޕެނަލް ހަރުކުރަން ބޭނުންވާ ފަރާތްތަކުން އެކަމަށް އެދި ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ މި ޕްރޮގްރާމަށް އެދި ހުށަހަޅާނީ ފެނަކަ ކޯޕަރޭޝަންގެ ވެބްސައިޓް މެދުވެރިކޮށް ކަމަށެވެ.
މަގޭ ސޯލާ ޕްރޮގްރާމުގެ ދަށުން ސޯލާ ޕީވީ ސިސްޓަމް ފޯރުކޮށްދޭނީ ހަމައެކަނި ގޭބިސީތަކަށެވެ. ގޭބިސީތައް ކަނޑައަޅާނީ އާއްމުކޮށް ހުޅުވާލުމުން އެކަމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތަރުތީބުންނެވެ. މި ޕްރޮގްރާމުގެ ދަށުން ކޮންމެ އަތޮޅަކަށް ލިބޭ ޖުމުލަ ސިސްޓަމްތައް އެ އަތޮޅެއްގެ ކޮންސިއުމަރުންގެ އަދަދުން ބެހިފައިވާގޮތް ވަނީ ގެޒެޓް ކޮށްފައެވެ. އެންމެ ގިނަ ސިސްޓަމް ކަނޑައަޅާފައި ވަނީ އައްޑޫ ސިޓީއަށެވެ. އެއީ 80 ސިސްޓަމެވެ. އެންމެ މަދު އަދަދެއްގެ ސިސްޓަމް ކަނޑައަޅާފައި ވަނީ ކ.އަތޮޅަށެވެ. އެއީ ފަސް ސިސްޓަމެވެ.
މަގޭ ސޯލާ ޕްރޮގްރާމުގެ ދަށުން ސޯލާ ޕީވީ ސިސްޓަމް ހަރުކުރެވޭނެ ގޭބިސީތަކާއި، ގޭބިސީތަކަށް ދޫކުރެވޭ ސޯލާ ޕީވީ ސިސްޓަމްގެ ސައިޒު ކަނޑައަޅާނީ ނެޓް މީޓަރިންގ އުސޫލުގެ ދަށުން އެދި ފެނަކަ ކޯރޕަރޭޝަނަށް ހުށަހަޅާ ގޭބިސީތައް ސާރވޭ ކުރުމަށްފަހުއެވެ. މި ޕްރޮގްރާމުގެ ދަށުން ފޯރުކޮށްދޭ ސޯލާ ޕީވީ ސިސްޓަމަކަށް އެޑްވާންސް ޕޭމަންޓެއް ނުނަގާނެއެވެ. ނަމަވެސް ހަރުކުރުމުގެ ފީގެ ގޮތުގައި ސިސްޓަމުގެ އަގުގެ %10 ނަގާނެއެވެ. މި %10 އަށް ވާ ރުފިޔާ ކޮންޓްރެކްޓުގައި ސޮއިކުރާއިރު ދައްކަންޖެހޭނެ އެވެ.
މި ޕްރޮގްރާމުގެ ދަށުން ދޫކުރެވޭނީ 3 އަދި 5 ކިލޯވޮޓުގެ ސިންގަލް ފޭސް އަދި ތްރީ ފޭސް ސިސްޓަމްތަކެވެ. މި ޕްރޮގްރާމުގެ ދަށުން ދޫކުރާ 3 ކިލޯވޮޓުގެ ސިސްޓަމެއްގެ އަގަކީ -/45،000 (ސާޅީސް ފަސް ހާސް ރުފިޔާ) އަދި މި ޕްރޮގްރާމުގެ ދަށުން ދޫކުރާ 5 ކިލޯވޮޓުގެ ސިސްޓަމެއްގެ އަގަކީ -/75،000 (ހަތްދިހަ ފަސްހާސް ހާސް ރުފިޔާ) އެވެ.