ސްޕެޝަލް އިކޮނޮމިކް ޒޯން ތަރައްގީ ކުރާ ފަރާތްތަކުން މީރާއަށް ހުށަހަޅަން ޖެހޭ މައުލޫމާތުތަކާއި ލިޔުންތަކާއި އަދި އެތަކެތި ހުށަހަޅަން ޖެހޭނެ ގޮތް އަންގައި މީރާ އިން ގަވައިދެއް އާއްމުކޮށްފިއެވެ.
މީރާ އިން އިއްޔެ އާއްމުކޮށް، އިއްޔެ އިން ފެށިގެން އަމަލު ކުރަން ފެށި ގަވައިދަކީ ސްޕެޝަލް އިކޮނޮމިކް ޒޯނުތަކުގައި ހިންގޭ އިޤްތިޞާދީ ހަރަކާތްތަކުގެ ކުޑަބޮޑުމިން ދެނެގަތުމަށާއ،ި ޤާނޫނުގެ ދަށުން ޒޯން ޑިވެލޮޕަރުންނަށާއި އިންވެސްޓަރުންނަށް ދެވޭ ޢިނާޔަތްތަކުގެ "ޓެކްސް އެކްސްޕެންޑިޗަރ" ހިސާބުކުރުމުގެ ބޭނުމަށް ޒޯން ޑިވެލޮޕަރުންނާއި އިންވެސްޓަރުން މީރާއަށް ހުށަހަޅަންޖެހޭ މަޢުލޫމާތު ކަނޑައެޅުމާއ،ި އެ މަޢުލޫމާތު ހުށަހަޅަންޖެހޭ ގޮތް ބަޔާންކުރުމަށް އާއްމު ކުރި ގަވައިދެކެވެ.
ގަވައިދުގައި ބުނެފައި ވަނީ އިންވެސްޓްމަންޓް އެގްރީމަންޓެއްގައި ސޮއިކުރާ ތާރީޚުން ފެށިގެން އެގްރީމަން ޓުގެ ދަށުން ތަރައްޤ ކުރުމަށް ދީފައިވާ ޒޯނުގައި ޑިވެލޮޕަރު ހިންގާ އެންމެހައި ހަރަކާތްތަކާ ގުޅޭ ލިޔެކިޔުންތަކާއ،ި މި ގަވާއިދުގައި ބަޔާންކޮށްފައިވާ އެންމެހައި ލިޔެކިޔުންތައް ޒޯނުގެ ޑިވެލޮޕަރު ތައްޔާރުކޮށް ބަލަހައްޓަން ޖެހޭނެއެވެ.
މަަޢުލޫމާތު ހުށަހަޅަންޖެހޭ ފަރާތްތަކުން ކޮންމެ ކަލަންޑަރު އަހަރަކަށް ހުށަހަޅަންޖެހޭ މަޢުލޫމާތު ވިދިގެން އަންނަ ކަލަންޑަރު އަހަރުގެ ޖޫން މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް މީރާއަށް ހުށަހަޅަން ޖެހޭނެ ކަމަށް ވެސް ގަވައިދުގައި ބުނެފައި ވެއެވެ.
ގަވައިދުގެ ދަށުން މީރާއަށް ހުށަހަޅަން ޖެހޭ މާލީ ހިސާބުތައް ތައްޔާރުކުރަން ޖެހޭނީ ކޮމިޝަނަރ ޖެނެރަލް ގަބޫލުކުރާ ބައިނަލްއަގުވާމީ ގޮތުން ބަލައިގަންނަ ހިސާބުކުރުމުގެ މިންގަނޑުތަކާ އެއްގޮތަށް "އެކްރޫއަލް ބޭސިސް" އަށް ކަމަށް ވެސް ގަވައިދުގައި ބުނެފައި ވެއެވެ.
ސްޕެޝަލް އިކޮނޮމިކް ޒޯން ބަޔާނާއި އާމްދަނީ އާއި ޚަރަދުގެ ބަޔާނާއި ބެލެންސް ޝީޓް، ފައިސާ ލިބުނު ގޮތާއި ހޭދަވި ގޮތުގެ ބަޔާން، ހިއްސާގެ ރައުސްމާލަށް އައި ބަދަލުތަކުގެ ބަޔާން، މާލ ހިސާބުތަކާ ގުޅޭ ނޯޓްސް، ޑިރެކްޓަރުންގެ ރިޕޯޓު އަދި އޮޑިޓަރުގެ ރިޕޯޓް މީރާއަށް ހުށަހަޅަން ޖެހޭނެ ކަމަށް ވެސް ގަވައިދުގައި ބުނެފައި ވެއެވެ.
ބޯޑް އޮފް އިންވެސްޓްމަންޓްސް އިން ކޮންމެ ޒޯނަކަށް ކަނޑައަޅާ ޒޯން ސުޕްރިންޓެންޑެންޓް އެ ޒޯނުގައި ހަރަކާތްތެރިވުމަށް ހުއްދަ ދީފައިވާ ޑިވެލޮޕަރުންނާއި އިންވެސްޓަރުންގެ މަޢުލޫމާތާއި ހުއްދަ ބާޠިލުކޮށްފައިވާ ފަރާތްތަކުގެ މަޢުލޫމާތު ކޮންމެ ކަލަންޑަރު ކުއާޓަރަކު ވެސް އެ ކުއާޓަރެއް ނިމުމުން ފެށޭ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް މީރާއަށް ފޮނުވަންވާނެ ކަމަށް ވެސް ގަވައިދުގައި ބުނެފައި ވެއެވެ.