ޓޫރިޒަމްގައި ހަރަކާތްތެރިވާ ވިޔަފާރިތަކުގެ ތެރެއިން ޓީޖީއެސްޓީ ދައްކާ ފަރާތްތަކުން ވީހާވެސް އަވަހަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގައި ރަޖިސްޓަރީވުމަށް އެ އޮތޯރިޓީ އިން އިލްތިމާސްކޮށްފި އެވެ.
އެ އޮތޯރިޓީ އިން ބުނީ ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ ވިޔަފާރިތަކުގެ ތެރެއިން ޓީޖީއެސްޓީ ދައްކާ ފަރާތްތަކުން، ބޭރުފައިސާއާ ބެހޭ ގަވާއިދުގެ ދަށުން ވީހާވެސް އަވަހަށް އެ އޮތޯރިޓީގައި ރަޖިސްޓްރީވުމަށް އެދޭކަމަށެވެ. އޮންލައިންކޮށް ރަޖިސްޓްރީވާން ބޭނުންވާ ފަރާތްތަކުން އެމްއެމްއޭ އެފްއެކްސް ރެޖިސްޓްރޭޝަން ޕޯޓަލް މެދުވެރިކޮށް ރަޖިސްޓްރީ ވެވޭނެ ކަމަށް ވެސް ބުނެފައިވެއެވެ.
މި ގަވައިދުގެ ދަށުން އެމްއެމްއޭގައި ރަޖިސްޓާވާން ޖެހޭ އެންމެ ފަހު ތާރީހަކީ މިމަހުގެ 30 ވަނަ ދުވަހެވެ.
މި އޮކްޓޯބަރު މަހު ޓޫރިޒަމް ވިޔަފާރިކުރާ ފަރާތްތަކުން ރާއްޖޭގެ ބޭންކްތަކަށް ޑޮލަރު މާރުކުރުން ލާޒިމްވާގޮތަށް އާ އުސޫލެއް އެކުލަވާލާފައެވެ. މި އުސޫލުގެ ދަށުން އެ އޮތޯރިޓީ އިން ވަނީ ރާއްޖޭގައި ޓޫރިޒަމް ވިޔަފާރިކުރާ ތަންތަނަށް، އެތަންތަނަށް ވަންނަ ޑޮލަރު އާމްދަނީން ވަކި އިންސައްތައެއް ރާއްޖޭގެ ބޭންކުތައް މެދުވެރިކޮށް މާރުކުރުމަށް ލާޒިމްކޮށްފައެވެ.
މި އުސޫލުގެ ދަށުން އޭ ކެޓަގަރީ ހިމެނޭ، ޓޫރިސްޓް ރިޒޯޓުތަކާއި، ހޮޓާތަކާއި، އުޅަނދުތަކާއި އެނޫންވެސް ތަންތަނުން ކޮންމެ ޓޫރިސްޓަކަށް 500 ޑޮލަރުގެ ރޭޓުން މީލާދީ މަހެއްގައި އައިސްފައިވާ ޖުމްލަ ޓޫރިސްޓުންނަށް ޖެހޭ އަދަދު ބޭންކަކަށް ރުފިޔާއަށް މާރުކުރަން ޖެހޭ އިރު ކެޓަގަރީ ބީގައި ހިމެނޭ ތަންތަނުން މާރުކުރަންޖެހޭކަމަށް ކަނޑައަޅާފައިވަނީ ޓޫރިސްޓަކަށް 25 ޑޮލަރެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުގައި މި ހިނގާ އޮކްޓޯބަރު 22 ވަނަ ދުވަހުގެ ނިޔަލަށް 1608953 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 1471455 ފަތުރުވެރިންނެވެ. މި އަދަދަކީ މި އަހަރުގެ މި މުއްދަތުގައި ޒިޔާރަތް ކުރި ފަތުރުވެރިންގެ އަދަދާއި އަޅާބަލާއިރު 9.3 އިންސައްތައިގެ އިތުރުވުމެކެވެ.