ޓެކްސް އެޕީލް ޓްރައިބިއުނަލުން މިދިޔަ ހަތް އަހަރު ދުވަހު ކުރި މަސައްކަތުން ނިންމިފައިވަނީ އެންމެ ދެ މައްސަލަކަމަށް ރައްޔިތުން މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ޠާރިގު (ޓޮމް) ވިދާޅުވެއްޖެއެވެ.
ޓޮމް މިހެން ވިދާޅުވީ މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ހުސްވެފައިވާ ހަތަރު މަގާމަށް މެންބަރުން އައްޔަނުކުރުމަށްޓަކައި ރައީސް ފޮނުއްވި މައްސަލަ ދިރާސާކޮށް ޖުޑީޝަރީ ކޮމެޓީން ނިންމި ގޮތުގެ ރިޕޯޓާއި ގުޅިގެން ދެއްކެވި ވާހަކަފުޅުގައެވެ.
ޓޮމް ވިދާޅުވީ ދިވެހިރާއްޖޭގައި ޓެކްސް އެޕީލް ޓްރައިބިއުނަލް ފަދަ މުއައްސަސާތައް ވަރަށް ގިނަކަމަށާއި ނަމަވެސް އެ މުއައްސަސާތަކުން ކުރާ މަސައްކަތްތަކާއި ނެރެވޭ ނަތީޖާ މަދުކަމަށެވެ.
"މިދިޔަ ދައުރުގައިވެސް އަޅުގަނޑު ހިމެނޭ ކޮމެޓީއަކުން ޓެކްސް އެޕީލް ޓްރައިބިއުނަލް ބަލަމުން ދިޔައިރު، ޓެކްސް އެޕީލް ޓްރައިބިއުނަލް އުފައްދާފައި އޭރުގައި މުޅި އެ ޓްރައިބިއުނަލްއިން ނިންމާފައި އޮތީ ދެ މައްސަލަ، ހަތް އަހަރުން ދެ މައްސަލަ" ޓޮމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މިދިޔަ އެމްޑީޕީ ވެރިކަމުގައި ޓެކްސް އެޕީލް ޓްރައިބިއުނަލްގެ އޮފީސް އިމާރާތެއް ހެދުމަށްޓަކައި ބޮޑު ޚަރަދުކޮށްފައިވާކަމަށާއި އަމިއްލަ މީހެއްގެ އިމާރާތުގައި ހުންނަ އެތަނުގެ ކުއްޔަށް މަހަކު 3 ލައްކަ 75 ހާސް ރުފިޔާ ދައްކަން ޖެހޭކަމަށެވެ.
މީގެއިތުރުން އެ ޓްރައިބިއުނަލްގައި މައްސަލަތައް އެޕީލް ކުރާ މީހުން މަދުކަން ފާހަގަކުރައްވާ ޓޮމް ވިދާޅުވީ ޓެކްސް އިދާރާއިން ހުށަހަޅާ މައްސަލަތަކާއިމެދު ހިތްހަމަ ނުޖެހުނީމަ އެޕީލް ކުރަން އުފައްދާފައިވާ ޓްރައިބިއުނަލްއަށް މީހުން މައްސަލަ ހުށަނޭޅުމަކީ ވިސްނަން ޖެހޭ ކަމެއްކަމަށެވެ.
އޭނާ ވިދާޅުވީ ހުށަހަޅާ މައްސަލަ މަދުއިރު އެތަނަށް ހުށަހެޅޭ މައްސަލަތައްވެސް ނުނިންމޭކަމަށެވެ.
"އަމިއްލަ ގެއެއްގައި އެޕީލް ޓްރައިބިއުނަލް ހަދާފައި އެތަނަށް މަހަކު 3 ލައްކަ 75 ހާސް ރުފިޔާ ހަރަދުކުރަން ޖެހޭ، ފަސް މެންބަރުން ނަގައިގެން ބޮޑު މުސާރަ ދީފައި ބަޔަކު ބައިތިއްބަންވީތޯ" މެންބަރު ވިދާޅުވިއެވެ.
ޓޮމް ވަނީ ޓެކްސް އިދާރާއިން ހުށަހަޅާ މައްސަލަތަކާއި މެދު ހިތް ހަމަ ނުޖެހުމުން ކޯޓުގެ ނިޒާމުގެ ތެރެއިން އެ މައްސަލަ ހުށަހެޅޭނެ ގޮތް ހެދުމަށް މަޖިލީހުގެ މެންބަރުންނަށް ގޮވާލައްވާފައެވެ.