ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމެއް ނެތި, ބޮޑު ހިލަ ޖެހުމުގެ މަޝްރޫއުއެއް ކުރިއަށް ގެންދިއުމާއި ގުޅިގެން ހުރަވަޅި ބީޗް ރިސޯޓް އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް ޖޫރިމަނާކޮށްފިއެވެ.
އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ)އިން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ ހުރަވަޅި ބީޗް ރިސޯޓް އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑުން ރ. އަތޮޅު، ހުރަވަޅި ބީޗް ރިސޯޓުގެ އިރުމަތީ ފަރާތުން ފަޅު ތެރޭގައި ބޮޑު ހިލަ ޖެހުމުގެ މަޝްރޫއުއެއް ކުރިއަށް ގެންގޮސްފައިވަނީ ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމެއް ނެތިކަމަށެވެ.
އަދި ތިމާވެއްޓަށް އަސަރުފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓް ހެދުމާބެހޭ ގަވާއިދުގެ 20 ވަނަ މާއްދާގެ (ހ) އަށް ރިއާޔަތްކޮށް އެ ގަވާއިދުގެ ޖަދުވަލު (ޖ) ގެ ދަށުން، މި ކުށަކީ އެ ގަވާއިދުގެ 20 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކުށްތަކުގެ ތެރެއިން ކުށެއްކަމަށް އެ ބަޔާޏުގައި ފާހަގަކޮށްފައިވެއެވެ.
މި މަހުގެ 21 ވަނަ ދުވަހު ކޮށްފައިވާ މި ޖޫރިމަނާ 30 ދުވަހުގެ ތެރޭގައި އެ އެޖެންސީއަށް ދެއްކުމަށް އީޕީއޭއިން ވަނީ އަންގާފައެވެ.