Friday 13th Dec 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މެރުން

ޝަހުމް މަރަން އިއްވާފައި އޮތް ހުކުމުގެ ޝަރީއަތް ސުޕްރީމް ކޯޓުން ތާވަލްކޮށްފި

ސ.ހިތަދޫ ވަރުދީގޭ އަހުސަން ބަޝީރު (ބަކްސީ) އަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލި މައްސަލައިގައި މަރުގެ ހުކުމް އިއްވާފައިވާ އިބްރާހިމް ޝަހުމް އާދަމް މެރުމަށް ހައި ކޯޓުން ކުރި ހުކުމުގެ އިސްތިއުނާފު ސުޕްރީމް ކޯޓުގައި ފަށަން ތާވަލްކޮށްފި އެވެ.

ބަކްސީ މަރާލި މައްސަލައިގައި ޝަހުމްގެ މައްޗަށް ކުށް ސާބިތުނުވާކަމަށް ކްރިމިނަލް ކޯޓުން ނިންމާފައި ވަނިކޮށް ހައިކޯޓުން އޭނާގެ މައްޗަށް މަރުގެ ހުކުމް އިއްވީ މީގެ ދެއަހަރު ކުރިން 2022 ވަނަ އަހަރު އެވެ. މަޖީދީމަގާއި އަލިކިލެގެފާނު މަގު ގުޅުނު ހިސާބުގައި ޝަހުމް، ބަކްސީއަށް ހަމަލާ ދިނީ 2011 ވަނަ އަހަރު އެވެ.

މިމައްސަލައިގެ އިސްތިއުނާފު ސުޕްރީމް ކޯޓުން ފަށަނީ ހުކުމުގެ ސައްހަކަން ކަށަވަރު ކުރަން ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހެޅުމުންނެވެ. އެއީ ޝަހުމް މައްސަލަ އިސްތިއުނާފު ކޮށްފައި ނުވާތީއެވެ. މި މައްސަލާގެ ފުރަތަމަ އަޑުއެހުން ބާއްވަން ސުޕްރީމް ކޯޓުން ތާވަލުކޮށްފައިވަނީ ނޮވެމްބަރ މަހުގެ ހަތަރު ވަނަ ދުވަހުގެ ހެނދުނު 10:00 އަށެވެ. މަރުގެ މައްސަލަތައް ސުޕްރީމް ކޯޓުގައި ބައްލަވަނީ ފަސް ފަނޑިޔާރުންގެ ބެންޗަކުންނެވެ. ޝަހުމްގެ މައްސަލަ ބަލާ ބެންޗްގައި ތިއްބަވަނީ ފަނޑިޔާރު ޑރ.މުހައްމަދު އިބްރާހިމާއި ފަނޑިޔާރު ޑރ.އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު ހުސްނުއްސުއޫދު އަދި ފަނޑިޔާރު އަލީ ރަޝީދު ހުސައިންނެވެ.

ބަކްސީގެ މަރުގެ މައްސަލައިގައި ޝަހުމްގެ އިތުރުން މއ. ވީނަސްތަރި ހަސަން ޝިމާޒް މުހައްމަދު ސުވާދުގެ މައްޗަށް 15 އަހަރުގެ ޖަލު ހުކުމެއް ވެސް ހައިކޯޓުން އިއްވާފައި ވެއެވެ. އެއީ ބަކްސީ ހުރި ތަނަށް ޝަހުމް ދިޔަ ސައިކަލް ދުއްވަން އިނީ ޝިމާޒް ކަމަށް ވާތީ މީހަކު މަރާލުމުގެ އެހީތެރިވުމުގެ ކުށް ސާބިތުވުމުންނެވެ.

ބަކްސީގެ މަރުގެ މައްސަލައިގައި ޝަހުމްގެ މައްޗަށް މަރުގެ ހުކުމް އިއްވިއިރު އޭނާ ހުރީ މާފަންނު ޔޫތު ސެންޓަރު ކައިރީގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު މަރާލި މައްސަލާގައި 2010 ވަނަ އަހަރު ކުރި ޓެރަރިޒަމްގެ ދައުވާ ސާބިތުވެގެން އުމުރު ދުވަހުގެ ޖަލު ހުކުމެއްގައެވެ. ޝަހުމް، ބަކްސީއަށް ހަމަލާދީ މަރާލީ ޔޫތު ސެންޓަރު ކައިރިން މީހަކު މަރާލި މައްސަލައިގައި ހައްޔަރުކޮށްފައި ހުއްޓާ ކޯޓުން އޭނާ ދޫކޮށްލާފައި ހުއްޓައެވެ.

ބަކްސީގެ މަރުގެ މައްސަލައިގައި ޝަހުމްގެ މައްޗަށް ކުށް ސާބިތު ކުރުމުގައި މަރު މަތީގައި އޮވެގެން ބުނި ބަސް (ޑައިން ޑިކްލަރޭޝަން) އެއީ ހެއްކެއްގެ ގޮތުގައި ބަލައި ގެންފައި ވެއެވެ. އެއީ ޑައިން ޑިކްލަރޭޝަން ރާއްޖޭގެ ކޯޓަކުން ހެއްކެއްގެ ގޮތުގައި ބަލައިގަތް ފުރަތަމަ މައްސަލަ އެވެ. ބަކްސީ ޒަހަމްކޮށްލި ފަހުން ހޮސްޕިޓަލްގައި އޮވެ ދެފަހަރަކަށް ފުލުހުން ކައިރީގައި އޭނާއަށް ހަމަލާ ދިނީ ޝަހުމް ކަމަށް ބުނެފައިވާކަމަށް ތިން ފުލުހަކު ކޯޓުގައި ހެކިބަސް ދިނެވެ. އޭގެ އިތުރުން ޝަހުމް ބަކްސީއަށް ހަމަލާ ދިން މަންޒަރު ފެނުނު މީހަކާއި، ސީދާ ހަމަލާ ދިން މަންޒަރު ނުފެނުނު ނަމަވެސް އެސަރަހައްދުގައި ޝަހުމް ހުއްޓާ ފެނުނު މީހަކު ސިއްރުން ކޯޓުގައި ހެކިބަސް ދިނެވެ.

މި ލިއުމާއި ގުޅޭ