މި ސަރުކާރު ފެށުނު ފަހުން ފާއިތުވީ 11 މަސްދުވަހުގެ ތެރޭގައި 328 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަނެވިފައިވާކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާ ވިދާޅުވެއްޖެއެވެ.
މިއަދު މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުންގެ މަސައްކަތްތަކުގެ އަދާހަމަ ނޫސްވެރިންނާއި ހިއްސާކުރައްވަމުން ޝުޖާ ވިދާޅުވީ މިދިޔަ އަހަރުގެ ނޮވެންބަރ 17 ވަނަ ދުވަހުން ފެށިގެން މިއަދާއި ހަމައަށް 8300 ފުޅި ބަނގުރަލާއި 177 ކިލޯގެ ޑުރަގު އަތުލައި ގަނެވިފައިވާކަމަށެވެ. އަދި މިތަކެތީގެ އަގު 328 މިލިއަނަށް އަރާ ކަމަށް ޝުޖާ ވިދާޅުވިއެވެ.
މީގެ އިތުރުން މަސްތުވާތަކެއްޗާއި ގުޅޭ 365 މައްސަލައެއް ތަހުޤީޤުކޮށް ނިންމައި ދަޢުވާކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާކަން ސީޕީ ފާހަގަކުރެއްވިއެވެ. އަދި މަސްތުވާތަކެއްޗާއި ގުޅޭ 155 އޮޕަރޭޝަނެއް މާލެއާއި އަތޮޅުތެރޭގައި ހިންގާފައިވާ ކަމަށް ޝުޖާ ވިދާޅުވިއެވެ. މި އޮޕަރޭޝަންތަކުގައި 12،000 އަށް ވުރެ ގިނަ ތަން ބަލާ ފާސްކޮށް 900 އަށްވުރެ ގިނަ މީހުން ހައްޔަރުކޮށްފައިވާކަމަށާއި އަދި ހައްޔަރުކުރެވުނު މީހުންގެ ތެރޭގައި ހިމެނުނު 145 ބިދޭސީއަކު އިމިގްރޭޝަނާއި ހަވާލުކޮށްފައިވާކަމަށް ޝުޖާ ވިދާޅުވިއެވެ.
ޝުޖާ އިތުރަށް ވިދާޅުވީ ރާއްޖޭގައި ހައްލެއް ނައިސް ފެތުރެމުންދާ ޑުރަގުގެ މައްސަލައަށް ހައްލެއް ހޯދުމަކީ ފުލުހުންގެ އިދާރާއިން ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން ކުރަމުން އަންނަ ކަމެއް ކަމަށެވެ.