ސަރުކާރު ޚަރަދުގައި ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް އަންނަ އަހަރު ފޮނުވާ ކުދިން ސްކްރީން ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ހެލްތު މިނިސްޓްރީން ބުނެފިއެވެ.
ތެލެސީމިއާ މާސްޓަ ޕްލޭން އިފްތިތާހްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް ވިދާޅުވީ ތެލެސީމިއާގެ ހާލަތު ރަނގަޅު ކުރުމަށް ވޭތުވެދިޔަ 10 މަސް ތެރޭގައި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ.
އެގޮތުން، ކުދިން ސްކްރީން ކުރުމާއި އެކަމާމެދު ސްކޫލު ދަރިވަރުން ހޭލުންތެރިކުރުވުމުގެ އިތުރުން، ހަތަރު ސަރަހައްދެއްގައި ބްލަޑް ބޭންކް ގާއިމްކޮށްފައިވާ ކަން މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.
މިނިސްޓަރު ވިދާޅުވީ ބޯންމެރޯ ޓްރާންސްޕްލާންޓު ކުރުމުގެ ފުރުސަތު އަލުން ހުޅުވާލާފައިވާއިރު، މިހާތަނަށް 14 ކުދިން ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ރާއްޖެއިން ބޭރަށް ފޮނުވާފައިވާ ކަމަށެވެ. ސަރުކާރުން ދަނީ ހިލޭ އެހީގައި ރާއްޖޭގެ ތެލެސީމިއާ ހުރިހާ ކުދިންނަށް ބޯންމެރޯ ޓްރާންސްޕްލޭޓް ކުރެވޭނެ މަގު ފަހިކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ސަރުކާރުގެ އަމާޒަކީ ކޮންމެ އަހަރަކުވެސް ވަކި އަދަދަކަށް ބޯންމެރޯ ޓްރާންސްޕްލާންޓަށް ކުދިން ރޭއްޖެއިން ބޭރަށް ފޮނުވުމެވެ. ބޯންމެރޯ ހެދުމަށް ޝަރުތު ހަމަވާ ކުދިންގެ ތެރެއިން އާއިލާ ތެރެއިން ބޯންމެރޯ ޑޯނަރެއް ލިބިފައިވާ 40 ކުދިން މިވަގުތުވެސް ޓްރާންސްޕްލާންޓަށް ވަނީ ލިސްޓު ކުރެވިފައެވެ.
ރާއްޖޭގައި ތެލަސީމިއާ ބަލިމީހުންގެ ގޮތުގައި 943 މީހަކު ދަފްތަރުކޮށްފައިވާއިރު، އޭގެތެރެއިން މިވަގުތު ދުނިޔޭގައި ތިބީ 655 މީހުންނެވެ.