މިއަދު ހުޅުމާލޭގެ ހުރަވީ ސްކޫލުގައި ކުއްލި ގޮތަކަށް ނިޔާވި 13 އަހަރުގެ ކުއްޖާގެ އާއިލާއަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތައުޒިޔާގެ މެސެޖެއް ފޮނުވައިފިއެވެ.
ސޯޝަލްމީޑިއާގައި ރައީސް ފޮނުއްވި މެސެޖެއްގައި ބުނެފައިވަނީ ފަތިމަތު ޝިމާ މުހައްމަދު ކުއްލި ގޮތަކަށް ނިޔާވި ހަބަރު އެއްސެވި ނުހަނު ފުން އަސަރާއި ކަންބޮޑުވުމާ އެކު ކަމަށެވެ.
އަދި އެ ދަރިވަރުގެ ބެލެނިވެރީންނަށާއި ޢާއިލާއަށާއި، ރަޙްމަތްތެރީންނަށާއި އެކުގައި ކިޔަވާ ކުދީންނަށް އަދި ހުރަވީ ސްކޫލުގެ ހުރިހާ ދަރިވަރުންނަށާއި މުވައްޒަފުންނަށް ކުރިމަތިވި އުނދަގޫ ވަގުތުގައި ކެތްތެރިކަން މިންވަރުކޮށް ދެއްވުމަށް އެދި ދުޢާކުރައްވަމުން ﷲގެ ތަނަވަސް ރަހްމަތާއި ނިއުމަތުގައި، އެ މައުސޫމް ދަރިވަރު ލެހެއްޓެވުން އެދި ދުޢާކުރައްވާފައިވެއެވެ.
ކާން އިންދާ މިއަދު ނިޔާވި ކުއްޖާއަށް ދިމާވީ ކޮން ކަހަލަ ސިއްހީ މައްސަލައެއްކަން ސާފެއް ނޫނެވެ. ފުލުހުން ބުނީ ހޮސްޕިޓަލަށް ގެންދެވުނު އިރުވެސް އެކުއްޖާ ނިޔާވެފައިވާކަމަށް ހޮސްޕިޓަލުން ބުނިކަމަށެވެ. އަދި މިމައްސަލަ ތަޙުޤީޤު ކުރަމުންދާކަމަށްވެސް ފުލުހުން ބުންޏެވެ.