ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް ގާނޫނީ ލަފާދޭނެ މީހަކާއި މާލީ ކަންކަން ބަލަހައްޓައިދޭނެ މީހަކާއި، އެކައުންޓް އަދި ފައިނޭންސް އޮފިސަރެއް ހޯދުމަށް އިއުލާނުކޮށްފިއެވެ.
މި ތިން މަގާމަށްވެސް މީހުން ނަގަނީ ފުލްޓައިމްކޮށެވެ.
މި ތިން މަގާމުގެ ވެސް މުސާރައެއް ކަނޑައަޅާނީ ދެ ފަރާތް މަޝްވަރާކޮށްގެންކަމަށް އިއުލާނުތަކުގައި ބުނެފައިވެވެ. އަދި މަގާމުތަކަށް އެދި ފޯމު ހުށަހެޅޭނެ އެންމެ ފަހު ގަޑިއަކަށް ކަނޑައަޅާފައިވަނީ މި މަހުގެ 24 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިންނެވެ.
އެފްއޭއެމްއިން ދާދިފަހުން ވަނީ ފުލްޓައިމް ޖެނެރަލް ސެކްރެޓަރީއަކު ހޯދަން ވެސް އިއުލާނުކޮށްފައެވެ.
ދިވެހި ސަރުކާރުގެ ގެޒެޓުގައި މި މަހުގެ ހަވަނަ ދުވަހު އިއުލާންކޮށްފައިވާ ގޮތުން މި މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ މައިގަނޑު ޒިންމާއަކީ އެފްއޭއެމްގެ މަތީ މެނޭޖުމަންޓާއެކީ ފުޓްބޯޅައާ ގުޅުންހުރި މަސައްކަތްތަށް ކުރުމެވެ. އެ މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ތައުލީމީ ފެންވަރަކީ މަދުވެގެން ބިޒްނަސް އެޑްމިނިސްޓްރޭޝަން ގަވަނަންސް ލޯ އަދި އެއާ ގުޅުންހުރި ދާއިރާއަކުން އެޑްވާންސް ޑިގްރީއެއް އޮތުމެވެ.
އެފްއޭއެމްގެ ހިންގުން ހަވާލުކޮށްފައިވާ ނޯމަލައިޒޭޝަން ކޮމިޓީގެ ދައުރު ހަމަވާނީ އަންނަ އަހަރު ޖުލައި 31 ގެ ނިޔަލަށެވެ.
މި ކޮމިޓީގެ ޒިންމާއަކީ ހިންގުން ބޮއްސުންލާފައިވާ އެ އެސޯސިއޭޝަން ހަމަޔަކަށް އަޅުވައި އަސާސީ ގަވާއިދު އިސްލާކޮށް އާ އިންތިހާބެއް ބޭއްވުމުގެ އިތުރުން އެތަނުގެ އޮޑިޓެއް ކުރުވައި، ފައިސާގެ މުއާމަލާތްތަކާއި، ލިބިފައިވާ ފަންޑުތަކުގެ ބޭނުން ހިފާފައިވާ ގޮތް ބެލުމެވެ.