Sunday 20th Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައްޔިތުންގެ މަޖިލީސް

ގްރީން ޓެކުހާއި އެއާޕޯޓް ޓެކްސް ބޮޑުކުރާ ބިލު ބަލައިގަނެ ކޮމިޓީއަށް

ޓީޖީއެސްޓީ، ގްރީން ޓެކްސް އަދި ޑިޕާޗާ ޓެކުހާއި، ފީ ބޮޑުކުރުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ދެ ބިލު ބަލައިގަނެ ކޮމިޓީއަށް ފޮނުވުމަށް ތަޅުމުން ފާސްކޮށްފިއެވެ.

ޓީޖީއެސްޓީ އާއި ގްރީން ޓެކްސް ބޮޑު ކުރަން ޓޫރިޒަމްގެ ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހަޅާފައިވާ ބިލާއި އެއާޕޯޓު ފީ އަދި ޓެކްސްތައް ބޮޑު ކުރުމަށް އެއާޕޯޓަކުން ބޭރަށް ފުރާ މީހުންނާ ގުޅޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހު ކޮމިޓީއަށް ފޮނުވާފައި މިވަނީ ދެ ބިލަށް ތަޅުމުގައި ބަހުސް ކުރުމަށްފަހުއެވެ.

ޓެކްސް ބޮޑު ކުރުމަށް ހުށަހެޅި ދެ ބިލު ބަލައިގަންނަން ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވި 68 މެންބަރުންގެ ތެރެއިން 58 މެންބަރުންގެ ވޯޓުންނެވެ. ބިލު ބަލައިނުގަންނަން 10 މެންބަރަކު ވަނީ ވޯޓު ދެއްވާފައެވެ. މި ދެ ބިލު ބަލައިގަތުމަށް ވޯޓަށް އަހާފައިވަނީ ވަކި ވަކިންނެވެ.

ވޯޓަށް ފަހު ތަޅުމުން ވަނީ މުޅި މަޖިލީހުގެ ކޮމިޓީއަށް ބިލު ދިރާސާކުރަން ފޮނުވާފައެވެ. ބިލުތައް ދިރާސާ ކުރުމަށްފަހު އަލުން ތަޅުމަށް ފޮނުވުމުން، ބިލާމެދު ގޮތެއް ނިންމާނީ ތަޅުމުންނެވެ.

ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހަޅާފައިވަނީ ދައުލަތުގެ ފިސްކަލް އަދި ދަރަނީގެ ދެމެހެއްޓެނިވިކަން އިއާދަ ކުރުމަށާއި ބޭރުގެ ފައިސާއިން ލިބޭ އާމްދަނީ އިތުރު ކުރުމުގެ މަގްސަދުގައެވެ.

މިހާރު %16 ނަގަމުން އަންނަ ޓީޖީއެސްޓީ އަންނަ އަހަރުގެ ޖޫން މަހުން ފެށިގެން %17 އަށް ބޮޑު ކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. މި ބަދަލާއެކު އަންނަ އަހަރު މި ޓެކުހުން ލިބޭ އާމްދަނީ 201.9 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ސަރުކާރުން އަންދާޒާ ކުރެއެވެ.

ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންގެ އަތުން ނަގަމުން އަންނަ ގްރީން ޓެކްސް %50 އަށް އިތުރު ކުރަން ނިންމާފައިވާއިރު، މި އިސްލާހާއެކު 50 ކޮޓަރިއަށް ވުރެ މަދުން ހިންގާ ޓޫރިޒަމް ހިދުމަތްދޭ ތަންތަނުން ތިން ޑޮލަރުގެ ބަދަލުގައި ހަ ޑޮލަރު ނަގާނެއެވެ.

ރިސޯޓުތަކުން ކޮންމެ ފަތުރުވެރިއެއްގެ ބޮލަކަށް މިހާރު ނަގަމުން އަންނަ ހަ ޑޮލަރުގެ ބަދަލުގައި 12 ޑޮލަރު ނަގަން ވެސް ވަނީ ނިންމާފައެވެ. މި ބަދަލަށް އަމަލުކުރަން ފަށާނީ އަންނަ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ.
މީގެއިތުރުން ސަރުކާރުން ވަނީ ޑޮލަރުން ނަގަމުން އަންނަ ޑިޕާޗާ ޓެކުހާއި އެއާޕޯޓު ޑިވެލޮޕްމަންޓް ފީ ވެސް ބޮޑު ކުރުމަށް ނިންމާފައެވެ.


އިގްތިސާދީ ހާލަތު ރަނގަޅު ކުރުމަށް އަޅަން ނިންމާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި އެއާޕޯޓް ޑިވެލޮޕްމަންޓް ޓެކްސް އާއި ފީގެ ރޭޓް މުރާޖައާ ކުރުމަށާއި ޖީއެސްޓީގެ އިދާރީ ގާނޫނު މުރާޖައާކޮށް ޓެކްސް ބޭސް ފުޅާކުރުމަށާއި، ގްރީން ޓެކްސްގެ ރޭޓްތައް މުރާޖައާ ކުރުމަށް ވަނީ ނިންމާފައެވެ. މީގެ އިތުރުން، ސިއްހަތަށް ގެއްލުން ހުރި ބާވަތްތަކުން ނަގާ ޑިއުޓީ ބޮޑުކުރުމަށާއި އިގްތިސާދަށް ތަފާތު ހަރަކާތްތައް އިތުރު ކުރުމަށް ވެސް ނިންމާފައިވެއެވެ.
ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހަޅާފައިވަނީ ދައުލަތުގެ ފިސްކަލް އަދި ދަރަނީގެ ދެމެހެއްޓެނިވިކަން އިއާދަ ކުރުމަށާއި ބޭރުގެ ފައިސާއިން ލިބޭ އާމްދަނީ އިތުރު ކުރުމުގެ މަގްސަދުގައެވެ.

މި ލިއުމާއި ގުޅޭ