ވޯލްޑްކަޕް ކޮލިފައިންގައި ރޭ އާޖެންޓީނާއާއި ބޮލީވިއާ ކުޅުނު މެޗުގައި މެސީ ކާމިޔާބުކުރި ހެޓްރިކާއެކު ގްރޫޕުގެ އެއްވަނައަށް އާޖެންޓީނާ އަރައިފިއެވެ.
ރޭ ބޮލިވިއާއާ ދެކޮޅަށް ކުޅުނު މެޗުގައި މެސީގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްފައިވަނީ މެޗުގެ 19 ވަނަ މިނެޓުގައެވެ. ދެވަނަ ހާފުގެ 84 ވަނަ މިނެޓުގައި މެސީގެ ދެ ވަނަ ލަނޑު ފެނިގެންދިޔަ އިރު އޭގެ 2 މިނެޓުފަހުން އޭނާ ވަނީ ހެޓްރިކް ހަދައި ކްރިސްޓިއާނޯ ރޮނާލްޑޯގެ ގައުމީ ހެޓްރިކް ރިކޯޑާއި އަރައި ހަމަކޮށްފައެވެ.
މެސީގެ އިތުރުން، މެޗުގެ 43 ވަނަ މިނެޓުގައި ލުއަޓާރީ މާޓިނެޒް ގޯލެއް ޖަހާފައިވެއެވެ. ފުރަތަމަ ހާފު ނިމެން ސިކުންތުކޮޅަކަށް ވެފައި ވަނިކޮށް ޖޫލިއަން އަލްވަރޭޒްވެސް ގޯލް ޖަހާފައިވެއެވެ. އަދި މެޗުގެ 69 ވަނަ މިނެޓުގައި އެ ޓީމުގެ ތިއާގޯ އަލްމާޑާވެސް ގޯލް ޖަހައި ފަރަގު ފުޅާކޮށްދީފައިވެއެވެ.
މެޗަށްފަހު މީޑިއާއަށް ދިން އިންޓަވިއުއެއްގައި މެސީ ބުނީ، އޭނާގެ ފުޓުބޯޅަ ހަޔާތް ނިންމާލުމަށް ވަކި ތާރީހެއް ކަނޑައަޅާފައި ނުވާނެކަމަށާއި، ކުޅިވަރުގެ ކޮންމެ ވަގުތެއްވެސް އުފަލާއެކު ވޭތުކުރުމަށް ބޭނުންވާކަމަށެވެ. ދަނޑަށް ނިކުތުމުން، ލިބިގެންދާ ލޯބީގެ ސަބަބުން ދަނޑަން ނިކުންނަ ހިތްވެސް ވާކަމަށް މެސީ ބުންޏެވެ.
ރޭ ކުޅުނު މެޗު 6 - 0 ގެ ނަތީޖާއަކުން އާޖެންޓީނާ ކާމިޔާބުކުރުމާއެކު 22 ޕޮއިންޓާއެކު ގްރޫޕުގެ އެއްވަނައިގައި ޓީމު ހަމަޖެހިލި ނަމަވެސް، ދެވަނައިގައި ކޮލަންބިއާ އޮތީ 19 ޕޮއިންޓާއެކު އެންމެ މޮޅެއްގެ ދުރުމިނުގައެވެ. ތިންވަނާގައި އޮތް އުރުގުއޭއާށް ލިބިފައިވަނީ 16 ޕޮއިިންޓެވެ.