ފަތުރުވެރިންގެ އަތުން ނަގާ ގްރީން ޓެކުހާއި، ފަތުރުވެރިކަމުގެ މުދަލާއި ހިދުމަތުން ނަގާ ޓީޖީއެސްޓީ ހިމެނޭހެން ޓެކްސްތައް ބޮޑުކޮށް، އިގްތިސާދީ ހާލަތު ރަނގަޅު ކުރުމަށް މުހިންމު ފަސް ފިޔަވަޅެއް އެޅުމަށް ސަރުކާރުން ނިންމައިފިއެވެ.
ޗުއްޓީއަށް ފަހު ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފަހު ދައުރުގެ ޖަލްސާތައް މާދަމާ ފަށާއިރު، މި ބަދަލުތައް ތަންފީޒު ކުރުމަށް ސަރުކާރުގެ ފަރާތުން މުހިންމު ތިން ބިލެއް ވަނީ މަޖިލީހަށް ހުށަހަޅާފައެވެ.
ސަރުކާރުގެ ފަރާތުން، މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް މަޖިލީހަށް ހުށަހަޅުއްވާފައިވަނީ މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާއެވެ.
މި އިސްލާހުގައި ބުނެފައިވާ ގޮތުގައި މިހާރު %16 ނަގަމުން އަންނަ ޓީޖީއެސްޓީ އަންނަ އަހަރުގެ ޖޫން މަހުން ފެށިގެން %17 އަށް ބޮޑު ކުރުމަށް ވަނީ ނިންމާފައެވެ. މި ބަދަލާއެކު އަންނަ އަހަރު މި ޓެކުހުން ލިބޭ އާމްދަނީ 201.9 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ސަރުކާރުން އަންދާޒާ ކުރެއެވެ.
ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންގެ އަތުން ނަގަމުން އަންނަ ގްރީން ޓެކްސް %50 އަށް އިތުރު ކުރަން ނިންމާފައިވާއިރު، މި އިސްލާހާއެކު 50 ކޮޓަރިއަށް ވުރެ މަދުން ހިންގާ ޓޫރިޒަމް ހިދުމަތްދޭ ތަންތަނުން ތިން ޑޮލަރުގެ ބަދަލުގައި ހަ ޑޮލަރު ނަގާނެއެވެ. ނަމަވެސް ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންގެ ތެރެއިން ދެ އަހަރުން ދަށުގެ ކުދީން އަތުން ގްރީން ޓެކުހެއް ނުނަގާނެއެވެ.
ރިސޯޓުތަކުން ކޮންމެ ފަތުރުވެރިއެއްގެ ބޮލަކަށް މިހާރު ނަގަމުން އަންނަ ހަ ޑޮލަރުގެ ބަދަލުގައި 12 ޑޮލަރު ނަގަން ވެސް ވަނީ ނިންމާފައެވެ. މި ބަދަލަށް އަމަލުކުރަން ފަށާނީ އަންނަ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ.
މި ބަދަލަށް އަމަލު ކުރަން ފަށާނީ އަންނަ ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ. މި ޓެކުހުން އަންނަ އަހަރު ދައުލަތަށް ލިބޭ އާމްދަނީ 1،572.3 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ސަރުކާރުން ވަނީ ލަފާކޮށްފައެވެ. މިއާއެކު ސަރުކާރުގެ ރެވެނިއު އިތުރުވެ، ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު ހަރުދަނާ ކުރުމަށް މަގުފަހިވެގެންދާނެ ކަމަށް ސަރުކާރުން އަންދާޒާކުރެއެވެ.
އިގްތިސާދީ ހާލަތު ރަނގަޅު ކުރުމަށް އަޅަން ނިންމާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި އެއާޕޯޓް ޑިވެލޮޕްމަންޓް ޓެކްސް އާއި ފީގެ ރޭޓް މުރާޖައާ ކުރުމަށާއި ޖީއެސްޓީގެ އިދާރީ ގާނޫނު މުރާޖައާކޮށް ޓެކްސް ބޭސް ފުޅާކުރުމަށާއި، ގްރީން ޓެކްސްގެ ރޭޓްތައް މުރާޖައާ ކުރުމަށް ވަނީ ނިންމާފައެވެ. މީގެ އިތުރުން، ސިއްހަތަށް ގެއްލުން ހުރި ބާވަތްތަކުން ނަގާ ޑިއުޓީ ބޮޑުކުރުމަށާއި އިގްތިސާދަށް ތަފާތު ހަރަކާތްތައް އިތުރު ކުރުމަށް ވެސް ނިންމާފައިވެއެވެ.
ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހަޅާފައިވަނީ ދައުލަތުގެ ފިސްކަލް އަދި ދަރަނީގެ ދެމެހެއްޓެނިވިކަން އިއާދަ ކުރުމަށާއި ބޭރުގެ ފައިސާއިން ލިބޭ އާމްދަނީ އިތުރު ކުރުމުގެ މަގްސަދުގައެވެ.