ތުރުކުމެނިސްތާންގެ ވެރިރަށް އަޝްގަބާތުގައި ބޭއްވުނު ބައިނަލްއަޤްވާމީ ބައްދަލުވުމެއްގައި ރަޝިޔާގެ ރައީސް ވްލަޑިމިރ ޕުޓިން އާއި އީރާނުގެ އައު ރައީސް މަސްއޫދު ޕެޒެޝްކިއަން ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުވުމުގައި ދެ ރައީސުން ވަނީ މެދުއިރުމަތީގައި އިސްރާއީލާއި އީރާނާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކާ ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ.
މި ބައްދަލުވުމުގައި ޕާކިސްތާނުގެ ރައީސް އާސިފް އަލީ ޒަރދާރީގެ އިތުރުން މެދު އޭޝިއާގެ އެހެން ޤައުމުތަކުގެ ވެރިންވެސް ބައިވެރިވެފައިވެއެވެ.
ރަޝިޔާގެ ސަރުކާރުގެ ނޫސް އޭޖެންސީ ޓާސްގެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި، ޕުޓިން ވަނީ ޕެޒެޝްކިއަނަށް ބައިނަލްއަޤްވާމީ މައްސަލަތަކުގައި ރަޝިޔާ އަދި އީރާނުގެ ގުޅުން ވަރަށް ގާތްކަމަށް ވިދާޅުވެފައެވެ.
ކްރެމްލިންގެ ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، ޕުޓިން ވަނީ ހުޅަނގުގެ ބާރުތަކާ ދެކޮޅަށް ރަޝިޔާގެ އެކުވެރިންނާއެކު "އައު ދުނިޔޭގެ ނިޒާމެއް" އުފެއްދުމަށް ބޭނުންވާކަމަށް ވިދާޅުވެފައެވެ.
ޕެޒެޝްކިއަން ވަނީ އިޒްރާއީލުން ލުބުނާންގައި ހިންގަމުންދާ ނިރުބަވެރި ސިފައިންގެ ޢަމަލުތައް "އަނިޔާވެރި" އަދި "ބަޔާންކުރަން ދަތި" ކަމަށް ސިފަކޮށްފައެވެ.
މި ބައްދަލުވުން ބޭއްވުނީ ޔުކްރެއިންގެ ހަނގުރާމައަށް އީރާނުން ހަތިޔާރު ފޯރުކޮށްދެމުންދާކަމުގެ ކަންބޮޑުވުންތައް އިތުރުވަމުންދާ ދަނޑިވަޅެއްގައެވެ. އަދި މެދުއިރުމަތީގައި ހަމަނުޖެހުންތައް އިތުރުވަމުންދާ ވަގުތެއްގައެވެ.
އީރާނާއި ރަޝިޔާގެ ގުޅުމަކީ ގިނަ އަހަރުތަކެއް ވަންދެން ދެމިގެން އައިސްފައިވާ ތާރީޚީ ގުޅުމެކެވެ. ދެ ޤައުމުގެ ގުޅުން ބިނާވެފައިވަނީ މައިގަނޑގަނޑު ގޮތެއްގައި ހަތިޔާރުގެ ވިޔަފާރިއާއި، ހަކަތައިގެ ދާއިރާގެ އެއްބާރުލުން އަދި ސަރަޙައްދީ ސިޔާސަތުތަކުގެ މައްޗަށެވެ. ޚާއްޞަކޮށް ހުޅަނގުގެ ޤައުމުތަކުން އީރާނުގެ މައްޗަށް ތަންފީޒުކޮށްފައިވާ ދަތިކުރުންތަކާ ގުޅިގެން، އީރާނުން ވަނީ ރަޝިޔާއާ އެކު އޮންނަ ގުޅުން އިތުރަށް ބަދަހިކޮށްފައެވެ.