ދިވެހިރާއްޖޭގެ ގައުމީ ތަރައްގީގެ މާސްޓަރ ޕްލޭނަށް ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދުމަށް ރާއްޖޭގެ ރަށްތަކަށް ޒިޔާރާތް ކުރާނެކަމަށް ހައުސިންގ މިނިސްޓަރ ޑރ. އަލީ ހައިދަރު އަހްމަދު ވިދާޅުވެއްޖެއެވެ.
ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ޑރ. ހައިދަރު ވިދާޅުވީ ގައުމީ ތަރައްގީގެ ޕްލޭން އެކުލަވާލާއިރު ވަރަށް ގިނަ ކަންކަމަށް އަލިއަޅުވާލެވޭނެ ކަމަށާއި ރާއްޖޭގައި ގުދުރަތީ ވަސީލަތްހުރި މިންވަރާއި ބޭނުންކުރެވޭނެ ގޮތްތަކާއި ގުދުރަތީ ވަސީލަތް ހިމާޔަތްކޮށް، ދެމެހެއްޓޭނެ ގޮތްތަށް އެ ޕްލޭންގައި ހިމަނާނެކަމަށެވެ.
އަދި މި ތަރައްގީގެ ޕްލޭން އެކުލަވާލާއިރު ރާއްޖޭގައި މަސައްކަތްކުރާ މީހުންގެ އާބާދީއާއި ދިވެހިންގެ ދިރިއުޅުމުގެ ހާލަތުވެސް ދެނެގަންނާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މީގެއިތުރުން ރައްޔިތުންގެ ބައިވެރިވުމާއެކު ޕްލޭން އެކުލަވާލުމަށް އިސްކަން ދެއްވާނެކަމަށާއި ރާއްޖޭގެ ރަށްރަށަށް ޒިޔާރަތްކޮށް، ރައްޔިތުންނާ އިންޓަވިއުކޮށްގެން މައުލޫމާތު އެއް ކުރައްވާނެކަން މިނިސްޓަރު ހައިދަރު ފާހަގަކުރެއްވިއެވެ.
ޑރ. ހައިދަރު ވިދާޅުވީ ކުރިއަށް އޮތް 20 އަހަރު ދުވަހުގެ ތެރޭގައި، ރައްޔިތުން ރާއްޖެ ގެންދިއުމަށް ބޭނުންވާ މިސްރާބު ދެނެގަންނަންޖެހޭކަމަށާއި ރާއްޖޭގެ ހުރިހާ ރައްޔިތުންގެ ބައިވެރިވުން ޕްލޭން އެކުލަވާލުމަށް ކޮންމެހެން ބޭނުންވާނެކަމަށެވެ.
"ކުރިއަށް އޮތް 20 އަހަރު ދުވަހުގެ ތެރޭގައި ރާއްޖެ ދިއުމަށް ރައްޔިތުން ބޭނުންވާ މިސްރާބު ދެނެގަންނަންޖެހޭ. ހުރިހާ ރަށެއްގެ ރައްޔިތުންގެ ބައިވެރި ހޯދައިގެން ނޫނީ މި ޕްލޭން އެކުލަވާނުލެވޭނެ. މި ޕްލޭން ތައްޔާރުވާނީ ރައްޔިތުން ބައިވެރިވާ ރައްޔިތުންގެ އެއްޗެއްގެ ގޮތުގައި." މިނިސްޓަރު ވިދާޅުވިއެވެ.
ޤާނޫނުން ބާރު ލިބިފައިވާ ގައުމީ ތަރައްގީގެ މާސްޓަރ ޕްލޭން ހެދުމަކީ ރައީސް ޑރ.މުޢިއްޒުގެ ރިޔާސީ ވައުދެކެވެ.
ރައީސް ޑރ. މުއިއްޒު މީގެކުރިން ވިދާޅުވީ ކުރިއަށް އޮތް 20 އަހަރު ދުވަހަށް ގައުމު އޮންނަންވީ ގޮތް އެމަނިކުފާނު މިހާތަނަށް ހިއްސާކުރައްވަމުން ގެންދަވާފައިވާނެ ކަމަށެވެ. އަދި އެމަނިކުފާނު ބޭނުންފުޅު ވަނީ ރައްޔިތުން ބޭނުންވާ ގޮތަށް މިކަންކަން ހާސިލު ކުރެއްވުންކަމަށް ރައީސް ވިދާޅުވިއެވެ.
އަދި މި މަސައްކަތް ފެށިގެންދާއިރު މިއީ ހުރިހާ ފަރާތްތަކެއްގެ ފުރިހަމަ ބައިވެރިވުން ލިބިގެން ކުރެވޭ ކަމަކަށް ވެގެންދިއުމަށް އެދިވަޑައިގަންނަވާ ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.